ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
އިކާންއަށް އަހަރެން ބަލައިލީމެވެ. ލިބުނު ޝޮކްގައި އިކާން ހުއްޓުންއަރާފައި، ހުރި ފިޔަވަޅުމަތީން ގުޑައިވެސް ނުލި އެވެ. ކުރިންހުރި ހުފާވެރިކަމެއް ނުވަތަ އެ މަޖާ މިޒާޖުގެ ކުލަވެސް އިކާންގެ މޫނުގައި މިހާރު ނެތެވެ.
"އޯއް ސޮރީ.. އަހަރެން ހީކުރީ މިއީ އީތަންގެ ކޮޓަރިކަމަށް..! އައި އެމް ސޮރީ.. ވެރީ ސޮރީ!" ވަރަށް ލޯބިކޮށް ހިނިތުންވެފައި އަންހެންކުއްޖާ ބުނެލި އެވެ.
"އިޓްސް އޯކޭ- މިއީ އީތަންގެ ރޫމް!" އޭނާގެ ހިނިތުންވުމާއި އެއްފަދަ ހިނިތުންވުމެއް ބަދަލުކުރެވޭތޯ މަސައްކަތްކުރަމުން އަހަރެން ބުނީމެވެ.
އަހަރެންގެ ޖަވާބާއެކު އެ އަންހެންކުއްޖާގެ އުފާވެރިކަން ވިއްސި ވިހާލިވެއްޖެ އެވެ. މޫނުގެ ކުލަވަރު މުޅިން ބަދަލުވެއްޖެ އެވެ. އަހަންނަށް ބުނެވުނީ ގޯސްއެއްޗެއް ބާ އެވެ. މައްސަލައަކީ ކޮބައިހެއްޔެވެ؟
"އަހަރެން މިއީ ރިދީ" ކުޑަގޮތަކަށް ތައާރަފްވީމެވެ. ސަލާމަށް ދިއްކޮށްލި އަހަރެންގެ އަތުގައި އޭނާ ހިފި އެވެ.
"އެންޑް.. ޝީ.. އި..ޒް... ޒާ-ޔާ.." ވަރަށް އުނދަގުލުން އިކާން ބުނެދިނެވެ.
އަންހެންކުއްޖާގެ އަތުތެރޭގައި އޮތް އަހަރެންގެ އަތް ދަމައިގަނެވުނެވެ. ވާގިދޫވެދާނެތީ އެވެ. އަހަރެންގެ ދެ ލޯ ބޮޑުވެއްޖެ އެވެ. ހިނދުކޮޅެއް ކުރިން އިކާންއަށް އައި ބަދަލު ވިސްނުނީ އަދި ކިރިޔާ އެވެ. އޭނާގެ މޫނުން އުފާވެރިކަން ފިލައި ދިޔަ ސަބަބުވެސް މި އެނގުނީ އަދި ކިރިޔާ އެވެ. އަހަރެންގެ ހިނިތުންވުން ފަނޑުވެއްޖެ އެވެ. ހާސްވެ، ނުތަނަވަސް ވެއްޖެ އެވެ. އަހަންނަށް އައި ބަދަލު އޭނާވެސް ދެނެގަތެވެ.
ޒާޔާ- ޒާޔާ ނިޔާޒް!
އީތަންގެ ޒާޔާ..! އީތަންގެ ގަރލްފްރެންޑް ޒާޔާ..! އީތަންގެ ލޯބީގައި ފޮޅިއަޅާފައި ފިލައިގެންދިޔަ މީހަކީ މިއއީތާ އެވެ!!
"ރިދީ..."
ނުހަނު ބާރަށް އަހަރެންގެ ނަމުން ގޮވާލި އަޑަށް ސިހުނެވެ. ދުވެފައި ސިޑިން އަރާ އަޑު އިވުނެވެ. އެކަމަކު އެއްވެސް ހަރަކާތެއް ގެނައުމަށް އަހަރެންގެ ސިކުނޑިއާއި ހަށިގަނޑު މިވަގުތު ތައްޔާރެއް ނޫނެވެ. ހުރިހައި ގުނަވަނެއް ހަޅުތާލުކުރަނީ އަހަރެންގެ ހިތާއި ދެކޮޅަށެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފައި ދުވެފައި އީތަން އައީ އަހަރެން އިށީންދެގެން އިން ސޯފާއާއި ދިމާއަށެވެ. ކޮޓަރީ ތެރޭގައި ޒާޔާ ހުރިކަމެއް ނުވަތަ އިކާން ހުރިކަމެއްވެސް މިވަގުތު އީތަންއަށް ރެއަކާނުލަ އެވެ. އެކަން ޔަގީނެވެ.
އަހަރެން އިށީންދެގެން އިނުމުން، ކުރިމަތީގައި ކުޑަކަކޫޖަހާފައި ތިރިވި އެވެ.
"އައި އެމް ސޯ ސޮރީ.. އައި ގޮޓް ލޭޓް! އަހަރެން ކާމިލް ކައިރީގައި ބުނިން، ރިދީ އެކަނި ނުކުރައްޗޭ.. އަހަރެން އަންނަންދެން ރިދީ ގާތުގައި މަޑުކުރައްޗޭވެސް ބުނިން.. މަސައްކަތެއް ޖެހިގެން އޮފީހުން ސަލާމަތް ނުވެވިގެން އަހަރެން ލަސްވީ.. އާރ ޔޫ އޯ-ކޭ؟"
އަހަރެންގެ ޖަވާބަކަށް އީތަން މަޑުކުރި އެވެ. ތަފާތު ވެފައިވާ އަހަރެންގެ މިޒާޖު އީތަންއަށް ފާހަގަކުރެވުނުކަން ނުވަތަ ނޫންކަން ބުނާކަށް ނޭގެ އެވެ.
އަހަރެންގެ އަނގަ ލައްޕާކަށް ހަނދާނެއް ނެތެވެ. ދެލޯ ފެންކަޅިވެ، ކޯތާފަތް ތެމެން ފަށައިފި އެވެ. އަހަރެންގެ ދެ ލޯ އަމާޒުވެފައިވަނީ އެންމެ މިސްރާބަކަށެވެ. ޒާޔާ އާއި ދިމާއަށެވެ. ޒާޔާ އީތަންއާއި ދިމާއަށް ބަލަމުން ގެނދިޔަ 'ލޯ- - - ލޯ ބ' ގޮތަށެވެ!
އަހަރެންގެ ލޮލުގެ މިސްރާބަށް އީތަންގެ ލޯ ސީދާ ކޮށްލި އެވެ. ޒާޔާ ފެނުމުން އީތަންއަށް ލިބުނީ ސިހުމެއްކަން ޔަގީނެވެ. އަހަންނެކޭ އެއްފަދައިން އީތަންވެސް ހުރީ ޝޮކެއްގަ އެވެ.
އަނގަ ހުޅުވި ލޯ ބޮޑުވެފަ އެވެ. ހަދާނެ ގޮތެއް ނޭގި ހުއްޓުން އަރާފަ އެވެ.
"އީތަން.. ކޮންތާކުން ތިޔަ އައީ..؟ އަހަރެން ބުނިން ދޯ ފާހާނާގައި ލަސްނުވެ ނިކުންނާނަމޭ.. އަހަރެން އެހައި އަވަސްކޮށްލައިގެން ނިކުތްއިރުވެސް އީތަން އެއް ނެތް! ގަޑިއެއްގެ އިރުވެއްޖެ ހޯދާތާ..! ހޮޓެލް ރޫމްގައި އެކަނި ހުންނަން ބިރުން އަހަރެން ދިޔައީން އޮފީހަށްވެސް.. އެމީހުން ބުނީ ފަހެއްޖެހީރު ދިޔަގޮތަކަށް އޮފީހަކަށް ނާދެޔޭ.. އެހެންވެ އަހަރެން މި ގެއަށް މިއައީ..!!" ނުހަނު ލޯބިން ޒާޔާއަށް ލިބިފައިވާ ހައްގުގެ ތެރެއިން ޝަކުވާ ކޮށްލި އެވެ.
އަހަރެންގެ ކުރިމަތިން އީތަން ކޮޅަށް ތެދުވި އެވެ. ފުރާނަ ނެތް ގަބުރެއް ފަދަ އެވެ!
އީތަން ދޮގުހެދީ އެވެ!
އިންތިހާއަށް އޮޅުވައިލާ ދޮގުހެދި އެވެ!
މައާފެއް ނެތް މިންވަރަށް ދޮގުހަދައި މަކަރުވެރިވީ އެވެ!
ފަހެއް ޖެހީއްސުރެން ނުވައެއް ޖަހަންދެން އީތަން އެއުޅުނީ އޮފީހަކު ނޫނެވެ. އޭނާ އެ އުޅުނީ ޒާޔާ އާއެކު ހޮޓަލެއްގެ ރޫމެއްގަ އެވެ.
ނުހަނު ސިއްރުގޮތަކަށް އަހަރެންގެ އަތުގައި އިކާން ހިފާލާފައި އިނގިލިތަކަށް ފިއްތާލި އެވެ. އަތަށް ފިއްތައއިލީ އިޝާރާތެއްގެ ގޮތުގަ އެވެ. އަހަރެންނާއެކު އިކާން ހުރިކަން އިހްސާސްކޮށްދިނުމަށެވެ. އެކަމަކު އަހަރެންގެ އިނގިއްޔެއްގެ މިންވަރުވެސް ހަރަކާތެއް ނުކުރި އެވެ.
ދެން ފެނުނު މަންޒަރުން ފައިދަށުން ބިންގަނޑު ދެމިގަތެވެ. ޒާޔާގެ އަތް އީތަންގެ ކަނދުރާގައި އޮޅާލި އެވެ. ނުހަނު ބާރަށް ބައްދާލި އެވެ. އެކަމަކު ލިބުނު އެންމެ ބޮޑު ހައިރާންކަމަކީ އީތަންގެ ގަޔާއި އޭނާ ދުރަށް ލާން، އީތަން އެއްވެސް ކަމެއް ނުކުރުމެވެ. ގަޔާއި ދުރަށް ކޮށްޕާވެސް ނުލި އެވެ.
ޒާޔާއަށްވުރެން ބާރަށް ޒާޔާގެ ގައިގައި އީތަން ބައްދާލި އެވެ. އަދި ގަޔާއި ކައިރިކޮށް، ބޮނޑިކޮށްލި އެވެ.
އެންމެ ފަހަރަކުވެސް އަހަންނާއި ދިމާއަށް އީތަން ބަލައިނުލި އެވެ.
އޭނާދެކެ އީތަން ނަފްރަތްކުރަން ޖެހެއެވެ. އީތަންގެ ހަށިގަނޑުން އޭނާގެ އަތް ނައްޓުވާލަން ޖެހެ އެވެ. އީތަންގެ ގައިގައި އަތްލުން ނުވަތަ އެ ހަށިގަނޑުގައި ބީހުން އޭނާއަށް އީތަން މަނާކުރަން ޖެހެ އެވެ.
އެކަމަކު އެއިން އެއްކަމެއްވެސް އީތަން ނުކުރި އެވެ. އީތަންގެ މޫނާއި ކަނދުރާގައި އޭނާ ބީހުނެވެ. އެކަމަށް އެއްބާރުލުން ދިނީ އީތަން އެވެ. އީތަންގެ އަތުގައި ހިފައިގެން ޒާޔާ ދުރަށް ގެންދިޔަ އެވެ. އެކަމަށްވެސް އީތަން އިޖާބަ ދިނެވެ. ދޮރުން ނިކުންނާން ދަމުން އިކާން އާއި ދިމާއަށް އީތަން ބަލައިލި އެވެ.
"މި ކޮޓަރީގައި އިކާން ކީއްކުރަނީ؟" ދަތްކުނޑިވިކާފައި އީތަން ސުވާލުކުރީ އަހަންނާ އެވެ.
"އިކާންއާއެކު އަހަރެން މިދަނީ ގެއަށް..!" ހަމަ އެ ރާގުގައި އަހަރެން ބުނީމެވެ.
"ނޫން.. އެހެން އެއްވެސް ތާކަށް ނުދެވޭނެ! ރިދީ ހުންނަންޖެހޭނީ މިގޭގައި..!" އަމުރުކުރާނެ ހައްގެއް ނެތަސް، ހަރުއަޑުން އީތަން އަމުރުކުރި އެވެ.
"އަޑުގަދަ ނުކުރޭ...!!" ހަރުއަޑުން އަހަރެން ބުނީމެވެ.
"މިއީ އަހަރެންގެ ދިރިއުޅުން.. އަހަރެން އުޅޭނީ އަހަރެން ބޭނުންތާކު، ބޭނުންގޮތަކަށް! ޖަސްޓް ލައިކް، ޔޫ ޑޫ ވަޓް ޔޫ ލައިކް..!" އަހަރެންގެ އަޑު ފަނޑުވެގެން ރަގަޅަށް ބަސްތައް ސާފުވެސް ނުވެ އެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ އީތަން ބާރަށް ހިފަހައްޓާލައިގެން ހުރި ޒާޔާގެ އަތަށެވެ.
"މިއީ ކާކު..؟" އަހަންނަށް އިޝާރާތްކޮށް ޒާޔާ ސުވާލުކުރި އެވެ.
އަހަރެންގެ ހިތުގައި ޒާޔާއަށް އެއްވެސް ބުރަކަމެއް ނެތެވެ. އެކަމަކު އޭނާއަށް އަހަރެން އުމުރަށް ނަފްރަތު ކުރާނަމެވެ.
"އެއީ...!"
ޒާޔާގެ ސުވާލަށް ޖަވާބު ދޭން އީތަން މަސައްކަތްކުރި އެވެ. އަހަރެންގެ އިތުރުން ކޮޓަރީގައި ހާޒިވުރެ ތިބި ހުރިހައި ލޮލެއް އަމާޒުވެފައިވަނީ އީތަންއަށެވެ. ދޭނެޖަވާބެއްގެ އިންތިޒާރުގަ އެވެ.
އަހަންނަކީ އީތަންއަށް ކާކު ހެއްޔެވެ؟
އަ ފްރެންޑް ހޫ ކ**؟
ނޫނީ އޭނާ 'ކުޅެން ގެންގުޅުނު އެނަދަރ ގަރލް'އެއް ހެއްޔެވެ؟
ސުވާލުގެ ޖަވާބު މުހިއްމީ ޒާޔާއަށް އެކަންޏެއް ނޫނެވެ. އެއީ އަހަންނަށްވެސް މުހިއްމު ޖަވާބެކެވެ. ހަގީގަތުގައި އެސުވާލުގެ ޖަވާބު މިވަގުތު އެންމެ ބޭނުމީވެސް އަހަރެންނެވެ.
"ޝީ އިޒް... މައި..." އަނެއްކާވެސް ޖަވާބު ފުރިހަމަނުކޮށް ހުއްޓާލި އެވެ. ބުމަ މައްޗަށް ހިއްލާލާފައި ޒާޔާ ސުވާލުކުރި އެވެ.
"... ޕަރސަނަލް އެސިސްޓެންޓް!" ފަރިތަކަމާއެކު އީތަން ޖުމުލަ ފުރިހަމަ ކޮށްފި އެވެ. ހަމަ އެވަގުތު އޭނާ ބަލައިލީ އަހަރެންގެ ލޮލަށެވެ.
ހިތް ފުނޑުފުނޑުވެ މިލިއަނުން ބުރަބަރައިގެން ހިގައްޖެ އެވެ. ހިތުގެ ހާލަތު ދެލޮލުގައި ނުފޮރުވުނެވެ.
ތިމަންނަގެ ރައްޓެއްސެކޭ ބުނިނަމަވެސް މިވަރު ހިތްދަތި ނުވީހެވެ.
"އިކާން ... އަހަރެން ގެއަށް ގެންގޮސްދީފާނަން..!؟" އީތަންގެ ލޮލަށް ބަލަންހުރެ އަހަރެން ބުނީމެވެ.
"މިއީ ރިދީގެ، ގެ! މި ގޭގައި މަޑުކުރޭ! މިގެއަކުން ނުދެވޭނެ!" ދުލުން ބޭރުކުރީ އަމުރުވެރިކަމެވެ. ލޮލުން ފެނުނު އާދޭސް ބަލަން އަހަރެންގެ ދެ ލޯ ބޭނުމެއް ނުވި އެވެ.
"އަޅުގަނޑު މިއީ ސަރގެ ޕަރސަނަލް އެސިސްޓެންޓް ސަރ..! މިއީ ސަރގެ ގެ! މިގޭގާއި އިތުރަށް އަޅުގަނޑު މަޑުކުރަންޖެހޭ ސަބަބެއް ނެތް ސަރ..! ވަރަށް ބޮޑަށް ޝުކުރިއްޔާ..!" އީތަންގެ ކުރިމަތިން ހުރަސްކުރަމުން އަހަރެން ބުނެލީމެވެ.
ރައްކާތެރިކަމާއެކު އަހަރެންގެ އަތުގައި އިކާން ހިފާލީ ހިތްވަރު ދިނުމަށެވެ. އަދި ފިޔަވަޅު ނެގުމަށް އެހީއެއްގެ ގޮތުގަ އެވެ.
"**"
އުތުރި އަރަމުންދިޔަ ރުޅިގަނޑުގެ ތެރެއިން، އީތަންގެ ދުލުން ބޭއަދަބީ ބަހެއް ބުނެލި އަޑު އެހީމެވެ.
އަހަރެން ފަސް އެނބުރި ބަލައިނުލަމެވެ. އަހަރެން ހުއްޓުވަން އޭނާ އެއްކަމެއްވެސް ނުކުރި އެވެ.
އަހަރެންގެ ފަޔަށް ތަދުވެދާނެތީ ފަރުވާތެރިވެގެން ކޮންމެ ސިޑިއެއް ހުރަސްކުރަން އިކާން އެހީވި އެވެ.
ހަގީގަތުގައި އީތަންގެ ލޮލަށް ބަލައިލާނެ ހިތްވަރެއް އަހަރެންގެ ފުރާނައިގައި މިވަގުތު ނެތީ އެވެ. އަދި ލޮލުން ކަރުނައެއް ވައްޓާލާނެ ބާރެއްވެސް މި ހަށީގައި ނެތީ އެވެ.
އަހަންނަކީ އެނާއަށް އެއްވެސް މީހަކަށް ނުވި އެވެ. މިއަދުން ފެށިގެން އޭނާއަކީވެސް އަހަންނަށް އެއްވެސް މީހެއް ނޫނެވެ. މިކަން މިހިސާބުން ނިމުނީ އެވެ. މުޅި އުމުރަށް ނިމުނީ އެވެ.
..............................
"ރަގަޅަށް ވިސްނާފަ ބުނޭ، ރިދީ ބޭނުމެއް ނޫންތަ ހަމައެއްވެސް މީހަކަށް ގުޅާކަށް..؟ މިހާރު ތިހުރި ހާލަތުގައި، އެކަނިވެރިކަމަކީ މާ ބޮޑު އެހީތެރިޔަކަށް ނުވެދާނެ..! އަހަރެން ބޭނުމެއް ނޫން ރިދީ މިވަގުތު އެކަނިކުރާކަށްވެސް.." އަހަރެންގެ ގޭ ކުރިމަތީގައި ކާރު ހުއްޓާލާފައި އިކާން ބުންޏެވެ.
އޭނާގެ މޫނަށް އަހަރެން ބަލައިލީމެވެ. ހަމްދަރްދީއާއި ކުލުނު އިކާންގެ މޫނުން ސާފުކޮށް ފެނެ އެވެ. އަހަރެންގެ މިވަގުތުގެ ހާލަތަށް އިކާން ބިރުގަތްފައިވާކަށް އޭނާ ދުލުން ނުބުންޏަސް އަހަންނަށް އިގެ އެވެ.
"އަހަރެންގެ ހާލު ވަރަށް ރަގަޅު..! ހިތްވަރުކުރަން ދަންނަން..! ދުނިޔޭގެ ވޭން ތަހަންމަލްކުރުމަކީ އަހަންނަށް އާކަމެއްވެސް ނޫން.. ހާސްނުވޭ އިކާން..! އައި އެމް އޯކޭ.. ޕްލީޒް..!" އަހަރެން އެކަނިވެލާން ބޭނުންވެފައިވާލެއް ބޮޑުކަމުން އިކާން އަވަހަށް ފޮނުވާލުމަށް އާދޭސްވެސް ކުރީމެވެ.
ވާހަކަދެއްކުނީ މާ އޯގާތެރިކޮށް ނޫންކަން އަހަންނަށް އެގެ އެވެ. ހިތުގައި ހަރު ހިލަގަނޑެއް ބާއްވައިގެން ހެވިފައި މީހަކާ ވާހަކަދައްކަން މިފަދަ ވަގުތެއްގައި ކެތްތެރިވެގެން ހުންނާނީ ބުއްދީގައި ކޮންމެވެސް ވަރެއްގެ ހަލަބޮލިކަމެއް ހުންނަމީހެކެވެ. އަހަރެންގެ ހާލު ރަގަޅެވެ! އެހެން ނޫންނަމަ، މި ދިލަގަދަ ވޭނުން ހަށިގަޑުގައި އަލިފާން ނާންދާނެ އެވެ. އިކާން ކުރިމަތީގައި ރޯކަށް ބޭނުމެއް ނޫނެވެ. ހަރުކަށިކޮށް ވާހަކަދެއްކުމުން އަހަރެންނާއިމެދު ހިތްހަމަނުޖެހިގެން އޭނާ އަވަހަށް ދިއުމަކީ އަހަރެންގެ ހިތުގެ މިވަގުތުގެ އާދޭހެވެ.
ދުނިޔޭގެ ހުރިހައި ލޮލަކަށް އަހަރެންގެ ކަރުނައާއި ރިހުމާއި ވޭން ސިއްރުކުރުމުގެ އިހްތިޔާރު އަހަރެންގެ ހިތުގައި ކަނޑައެޅީ އުމުރުން އެންމެ ދިހަ އަހަރުގަ އެވެ. މި ދުނިޔެއަކީ އަމިއްލަ އެދުންބޮޑު އަނިޔާވެރި މަންޒިލެކެވެ. ތިބާގެ ބަލިފަޔަކީ ކަރުނައާއި ރުއިންކަން އެނގޭނަމަ، އެއިގެ ނާޖާއިޒް ފައިދާ ތިބާގެ ވަށައިގެންވާ މީސްތަކުން ކޮންމެވެސް ސިފައެއްގައި ނަގާނެ އެވެ. ކަރުނަ އަޅައި ރޯ ކޮންމެ ވަގުތަކީ އަމިއްލަ ތަގުދީރު އަމިއްލަ އަތުން ސުންނާފަތި ކޮށްލުމެވެ. އެފަދަ ގޯހެއް ހަދާކަށް މިވަގުތު ބޭނުމެއް ނޫނެވެ.
އަހަރެން އެތެރެއަށް ވަނުމާއެކު އިކާން ހިނގައްޖެ އެވެ. އަނދިރިކަމާއި ފަޅުކަމާއި އެކަނިވެރިކަން ނޫނީ އަހަރެންގެ ގޭގައި ނުވެ އެވެ. އެއީ އަހަރެންގެ ދިރިއުޅުގެ އެންމެ ވަފާތެރި ބައިވެރިންނެވެ. ދުވަހަކުވެސް އަހަރެން ދޫކޮށްފައި ދާނެކަމަކަށް ލަފައެއް ނުކުރެވެ އެވެ.
ވެހެންފެށި ކެރިގަނޑުގެ އަޑުން ކަންފަތްތައް ތުރުތުރު އަޅުވާލި އެވެ. ކުޑަދޮރު ހުޅުވާލާފައި ބޭރު ބަލައިލީމެވެ. ޖެހިގެން ހުރި ބިލްޑިންގ ނޭގޭވަރަށް ކެރި އޮއްސާލައިފި އެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ތިކިތައް ހުރަހެއްނެތި އަހަންނަށް ގޯނާކުރަމުންދިޔަ އެވެ. ކުޑަދޮރު ހުޅުވާލުމަށްފަހު ހަނި ޖާގައިގައި އަހަރެން އިށީނީމެވެ. ތެމެމުން ދިއަޔަސް ފަރުވާލެއް ނެތެވެ. ދެ ކަކުލުގައި ބާރަށް ބައްދާލާފައި ހަށިގަނޑު ގުރުނޑު ކޮށްލީމެވެ. ކަކުލުގައި ބޯއަޅާލާފައި ދެ ލޯ މަރައި ތަގުޅިކޮށްލީމެވެ.
"ޝީ އިޒް މައި ޕަރސަނަލް އެސިސްޓެންޓް" ކަންފަތުގައި ގުގުމާލީ އަހަރެންގެ ދިރިއުޅުން އެކޮޅުކޮޅުން ޖަހައިލި ޖުމުލަ އެވެ.
ހިފެހެއްޓުމެއްނެތި ކަރުނަވަޅުތެރެއިން ހޫނު ކަރުނައިގެ ކޯރު ދެމިގަތެވެ. ހިތްވަރު ކޮށްފައި އެސްފިޔަތައް ލައްޕާލީމެވެ. (ނުނިމޭ)