ads
ސިއްރު - 17 ވަނަ ބައި
އެޕިސޯޑް 17
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

އަހަރެންނާއި އީތަން ސަރއާއި ދެމެދުވަނީ 'އެކުވެރިކަމުގެ ގުޅުންކަން' އެގެ އެވެ. އެހެންކަމަށްވާނަމަ، މިކުރެވެނީ ހައްދެއް ނެތް މިންވަރުގެ ބޮޑު ކުށެއްކަން އަހަރެން ގަބޫލުކުރަމެވެ. އެކަމަކު ހޯމޯންސްއަށް ވިސްނައިދޭކަން ވަގުތެއް ނެތެވެ. ހުރެވުނީ ބާރުގަދަ ތޫފާނެއްގެ މެދުގަ އެވެ. ގަދަވަޔާއި އޮއެވަރުގައި ޖެހި ތޫފާނުގައި ބަނދެވުން ފިޔަވައި އެހެން ވިސްނުމެއް ނެތެވެ. ލިބެމުންދިޔަ ގޯނާތަކާއި، ކުރެވެމުންދިޔަ މުޅިން އައު އިހްސާސްތަކަށް، ދެލޯ މަރައި ތަގުޅިކޮށްފައި އަހަރެންގެ ނަފުސުގެ ކޮންޓްރޯލް  ހިބަކުރީމެވެ.

..............

މޫސުމެއް ނެތި ކުރިމަތިވި ތޫފާނުގެ އޮއެ މަޑުވެ، ވައިގެ މިސްރާބު ބަދަލުވުމުން، ހިއްސުތައް މައިތިރިވެއްޖެ އެވެ. ދެމީހުންގެ ނިއްކުރި ޖައްސައި ބާރުކޮށްލައިގެން އެގޮތުގައި ތިބެވުނީ ކިހައި އިރަކު ކަމެއް ނޭގެ އެވެ. ހުރެވުނީ އަހަރެން އެންމެ ލޯބިވާ އިންސާނާގެ އަތުތެރޭގަ އެވެ. ކުރެވުނު ހުރިހައިކަމެއް ހިނގާ ދިޔައީ ބަންދުކޮޓަރީގައި އަހަރުމެން ދެމީހުންގެ އިޒްނައާއެކު އެވެ. އިތުރަށް އީތަންއަށް ހާސްކަމެއް ދިނުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ. ކުރެވުނު ކަންތަކާމެދު އޭނާ ދެރަވެ، މޮޔަހީކުރުވާކަށްވެސް ބޭނުމެއް ނޫނެވެ. ދެމީހުންގެ ދެމެދު ސުލްހަ ކުރަން ކޮންމެވެސް އެކަކު އިސްނަގަންޖެހެ އެވެ. މި ދެމެދަށް މިވަގުތު ތިންވަނަ މީހަކު  އަހަރެން ބޭނުމެއް ނޫނެވެ. 

"ވައި ވޯޒް ދިސް؟" ނުހަނު ލޯބިން ހިނިތުންވެފައި އަހަރެން ސުވާލުކުރީ ހިމޭންކަމާއެކު އެވެ. 

"ބިކޯޒް އައެމް އަ މޮންސްޓަރ.. ހަނދާންކޮށްދޭންވީތަ؟" ލާނެއް ގޮތަކަށް ބުނެލި އެވެ.

އީތަންގެ އުފާވެރި ހިތްގައިމު އަޑު އަހަރެންގެ ކަންފަތުގައި ބީހިލީ ރީތި މިއުޒިކެއް ފަދައިންނެވެ. އިހުނަށްވުރެން އެތައް ގުނައެއް ގަޔާއި ކައިރިކޮށް، އަހަރެން ގައިގައި އީތަން ބައްދައިލީ ކޮޓަރީގެ ކޮންމެ ދިމާއެއް، ކޮންމެ ކަނެއް ދެމީހުންގެ އުފާވެރި ހީލުމަށް ހެކިކުރުވަމުންނެވެ. 

.......................

ދުވަހުގެ އިރު ފެނުންތޮޅިލަނީ އުއްމީދުތަކަކާއިއެކު އެވެ. އެމީހެއްގެ މަސައްކަތައިގެން ރެއާއި ދުވާލު ހޭބޯނަރާ މަސައްކަތްކުރަނީ އަދަށްވުރެން ފަހި މާދަމާއަކަށް އެދިގެންނެވެ. ބެލްކަނީގެ ހިތްގައިމު މަންޒަރުން ފެންނަމުންދިޔަ މަގުތަކަށް ބަލައިލީމެވެ. ރޭ ވެހުނު ކެރީގެ ސަބަބުން މަގުތަކުން އަދިވެސް ފެން ނުހިނދެ އެވެ. މޫސުމީ ފިނިކަމަށް ބަލިކަށިވެ، ނުވަތަ އެއީ އުޒުރެއްކަމުގައި ދެކިގެން ގޭގައި ނިދަން އޮތް މީހަކު މިވަގުތު މަގުތަކުން  ނުފެންނާނެ އެވެ. ހަލަބޮލި މަގުތަކުގެ ހަރަކާތްތަކަކީ ބަލައި ފޫހިވާނެ ކަންކަމެއް ނޫނެވެ. މިއަދަކީވެސް މުޅިން ތަފާތު ދުވަހެކެވެ. 

އަހަރެން މިގޭގައި ތާށިވީފަހުން ދެދުވަސް ފާއިތުވެއްޖެ އެވެ. އެ 'ގޭމް'ގެ ފަހުން ދެ ދުވަސް ވީ އެވެ. އެ 'ކކސ'ގެ ފަހުންވެސް ދެދުވަސް ވީ އެވެ. 

އެކަމަކު އެއްކަމެއްވެސް ބަދަލެއް ނުވެ އެވެ. ހަމަ އެ ތާވަލެވެ. އެ މަންޒިލެވެ. އެ މަންޒަރެވެ. އީތަންއާއި އަހަރެންގެ ގުޅުން ހަމަ ކުރީއެކޭ އެއްފަދަ އެވެ. ތަފާތު ހަމަ އެއްކަމެއްވެސް ނެތެވެ. ދެމީހުން ތިބީ އެ 'އެކުވެރިކަމުގެ ޒޯން'ގަ އެވެ. ހެނދުނުގެ ސަޔަށްފަހު އީތަން އޮފީހަށް ދިއުމެވެ. ހަވީރު ފަހެއް ޖެހުމާއެކު ވީ އެންމެ އަވަހަކަށް ގެއަށް އައުމެވެ.

އެކްސިޑެންޓަށްފަހު އަހަރެން އަދި މަސައްކަތްމިކުރަނީ ގޭގައި ހުރެގެންނެވެ. ކޮންމެ ދުވަހެއްގެ ކޮންމެވެސް ވަގުތެއް އެކުގައި ހޭދަކުރުމަށް އަހަރުމެން ދެމީހުން ވަގުތު ހުސްކުރަމެވެ. ރޭގަނޑުގެ ނާސްތާ ވަގުތު ޖެހުމުން ކަނީ އެވެ. އޭގެ ފަހުގައި ތަރިތަކުގެ ހާޒިރުގައި އެ ހިތްގައިމުކަމުގައި  ލޮބުވެތި ވަގުތުތައް ހޭދަކުރަން ކޮންމެ ރެއަކު ޓެރަސްގައި އެތައް ވަގުތެއް ހޭދަކުރަމެވެ. އެއީ ދުވަހުގެ އެންމެ ހާއްސަ ވަގުތުކޮޅެވެ. 

އެކަމަކު، މިއަދު ތަފާތެވެ. އިރު އޮއްސި ދުނިޔެ އަނދިރިވެއްޖެ އެވެ. އަދިވެސް އީތަން ގެއަށް ނާދެ އެވެ. އޮފީހުގެ އިތުބާރު ކުރެވޭ މީހުންނަށް އަހަރެން ގުޅީމެވެ. އޮފީހުގެ ރިސެޕްޝަނަށްވެސް އަހަރެން ގުޅީމެވެ. އެންމެން ދިނީ އެއް ޖަވާބެކެވެ. ފަހެއް ޖެހުމާއެކު އީތަން އޮފީހުން ނިކުމެއްޖެ އެވެ. އޭގެ ފަހުން އޮފީހަކަށް ނާދެ އެވެ. 

މިހާރު ގަޑިން އަށެށް ޖަހައިފި އެވެ.

ހާސްވަމުންދިޔަ އަހަރެންގެ ސިކުނޑި މައިތިރިކުރީމެވެ. ޔަގީންވާ އެއްކަމެއް އެބައޮތެވެ. ކޮންމެތަނެއްގގައި ވިޔަސް، އިން ޝާ ﷲ އީތަން ލަހަށްޓަވާނީ ރައްކާތެރިކަމުގައި ފުރިހަމަ ސިއްހަތުގަ އެވެ. މި އިހްސާސާއެކު އަހަރެން ހިތްހަމަޖެއްސޭތޯ މަސައްކަތްކުރީމެވެ. ދުއާގައި އަތް އުފުލައިގެން އެތައް ވަގުތެއް ހޭދަކުރީމެވެ. އީތަންއަށް ގުޅާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޝައްކު ކުރުމަކީ އަހަރެންގެ ތަބީއަތުގައި ހުރި ސިފައެއް ނޫނެވެ. އަހަންނަކީ ވަގުތު ބޭކާރު ކުރާ މީހެއްވެސް ނޫނެވެ. ސޯޝަލް މީޑިއާ ނުވަތަ ފޯނުގައި ވަގުތު ބޭކާރު ކުރުމަކީ އަހަރެންގެ މިޒާޖެއް ނޫނެވެ. އެފަދަ ކަންކަމަށް ޝައުގުވެރިކަން ނުހުންނާތީ އެއީ އަހަންނަށް ފަސޭހަކަންކަމެއްވެސް ނޫނެވެ. 

މާނޭވާއެއް ލީމެވެ. ކުރާނެ އެއްވެސް މަސައްކަތެއް ނެތެވެ. ކުރިއަށް އޮތް ދެތިން ހަތަރުދުވަހުގެ އޮފީސް މަސައްކަތްވެސް އަހަރެން ނިންމައިފީމެވެ. މިހުރިހައިއިރު ތަކުރާރުކޮށް އަހަރެންކުރީ އެ މަސައްކަތެވެ. ހުރިހައި ފައިލެއް ބަލައި، ޑަބަލް ޗެކްވެސް ކޮށްފީމެވެ. 

ފޫހިވެގެން ދެކޮޅަށް ހިނގަނިކޮށް، ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. އަހަރެންގެ ދެ ލޯ އުފަލުން ނަށާލި އެވެ. 

"ފައިނަލީ، އީތަން..!" ލިބުނީ އިންތިހާ އުފަލެވެ. ނާރުތަކަށް ލިބުނު އަރާމުގައި ދެލޮލޮގެ ވިދުން ބަބުޅާލި އެވެ.

އެކަމަކު ނިއްކުރިއަށް ރޫ އަރުވާލެވުނެވެ. އީތަންގެ އަމިއްލަ ކޮޓަރީގައި އޭނާ ޓަކިޖަހަން ޖެހުނީ ކީއްވެ ހެއްޔެވެ؟ އަހަރެން އުޅުނަސް، ނޫޅުނަސް ފާއިތުވި ދުވަސްތަކުގައި އެންމެ ފަހަރަކުވެސް އީތަން ކޮޓަރިއަށް ވަނުމުގެ ކުރިން ޓަކި ނުޖަހަ އެވެ. މިވަގުތު...؟؟ ސަބަބަކީ .. ކޮބައިބާ އެވެ؟؟؟

އުނދަގުލުން ހިނގާލާފައި ގޮސް، ދޮރު ހުޅުވާލީމެވެ. ކުރިމަތީން ފެނުނީ ބޮޑު މާބޮނޑިއެކެވެ. ހުދު ލިލީގެ އެންމެ ތާޒާ މާތަކުން އަހަރެންގެ ހިތް ފުރުނެވެ. އެއީ އެއް އިރެއްގައި އަހަރެންގެ މަންމަގެ އެންމެ މަގުބޫލު މަލެވެ. އެސަބަބަށްޓަކައި އަހަންނަށް ލިލީއަކީ، ހާއްސަކޮށް ހުދުލިލީއަކީ ހާއްސަ މަލެކެވެ. ދޮރުމަތީގައި ހުރި މީހެއްގެ މޫނު ފޮރުވާލާފައިވަނީ ތާޒާ އެ ގުލްދާސްތާއިންނެވެ. 

އީތަން ދުށުމަށް ނުތަނަވަސްވެފައިވާ އަހަރެންގެ ހިތަށް ކެތެއް ނުވި އެވެ. އެ މާބޮނޑި ދަމައިގަތީމެވެ. ލިބުނީ ހައިރާންކަމެވެ. ކުރިމަތީގައި ހުރީ އެފަދަ ވަގުތެއްގައި ދުށުމަށް އެންމެ ނާދިރު އިންސާނާ އެވެ.

އިކާން އެވެ.

"ހެއި- ވަޓްސް އަޕް"  އެއް އަރިމައްޗަކުން އަހަރެން ގައިގައި އިކާން ލުއި ގޮތަކަށް ބައްދާލި އެވެ. އަހަރެންގެ ނާއުއްމީދީ ދެލޮލާއި މާޔޫސީ މޫނު ފޮރުވަން މަސައްކަތް ކުރީމެވެ. އިކާންއަށް މަރުހަބާ ކިޔުމަށް މިވަގުތު އަހަރެންގެ ހިތް ޖާގައެއް ނުދެ އެވެ. އިންތިޒާރު މިކުރަނީ ހަމައެކަނި އީތަން އަށެވެ. 

"އަހަރެންގެ ލޯބި ލޯބި ޕްރިޓީ ލޭޑީގެ ހާލު ކިހިނެއް؟" އިހްތިރާމާއެކު އިކާން ސުވާލުކޮށްލި އެވެ. 

އީތަންގެ ސްޓަޑީގައި ލިލީތައް ތަރުތީބުކޮށްލީމެވެ.

"ހާލު މުޅިން ބަރާބަރު.. ވަރަށް ފުރިހަމަ.. ވަރަށް ބާރުގަދަ.. ވަރުގަދަ.. ބުންވަރުވެސް ވަރަށް ފައްކާ!!! މި މާތަށް ވަރަށް ހިތްގައިމު.. ވަރަށް ތާޒާ.. ތެންކިއު ސޯ މަޗް ފޯ ދިސް ބިއުޓިފުލް ފްލަވަރސް..!" މާތަކުގައި ފިރުމާލަމުން އަހަރެން ބުނީމެވެ.

މަންމަގެ ހަނދާން މާބޮޑަށް އާވެއްޖެ އެވެ. ލޮލުން ކަރުނަ ވިދާލީ، އާވެގެންދިޔަ ހަނދާންތަކުންކަމެއް ނުވަތަ އީތަންގެ ހަބަރެއް ނުވެ، ލިބެމުންދިޔަ މާޔޫސްކަމުން ކަން، ބުނާކަށް ނޭގެ އެވެ.

"ހެއި ބޭބީ..! ވައި އާރ ޔޫ ކްރައިންގ..؟" ނުހަނު ލޯތްބާއެކު އިކާން ބުންޏެވެ. އަދި މަޑުމަޑުން ގާތްވެފައި އަހަރެންގެ ކަރުނަ ފޮހެލައިދިނެވެ. 

'ބޭބީ!!!؟ ދެންމެ އިކާން އަހަންނަށް އެ މުހާތަބްކުރީ ބޭބީ.. ކިޔާފައި ހެއްޔެވެ؟' 

އަހަރެން ލުއި ހިނިތުންވުމެއް ދައްކާލެވޭތޯ ބެލީމެވެ. އެކަމަކު އެބުނި އެއްޗަކަށް ހުއްދަ ދެވެން  ނެތްކަމަށށް ނިންމާފައި ނޫނެކޭ ބުނުމަށް ބޯ ހޫރާލީމެވެ. 

"ބޭބީގެ ނަމުން އަހަރެން މުހާތަބްކުރިއްޔާ ރުޅި އަންނާނަންތަ؟ އަސްލު ޔޫ އާރ ވެރީ ވެރީ ކިއުޓް! އައި މީން، ސޯ ސޯ ކިއުޓް! އަބަދުވެސް މަޑުމަޑު ތި ކޮލުގައި ހިފާލާފައި ދެ ކޯ ރަތްކޮށްލާ ހިތްވޭ.. އަދި ދެކިބަލަ، ރިދީ ނުލާހިކު ކުޑަ..ވެރީ ވެރީ ސްމޯލް!!" އިސްކޮޅުން އަހަރެންގެ ކުރުކަން އިކާންގެ އަތުން ދައްކާލާފައި މަޖާގޮތަކަށް ހީލި އެވެ. 

"އައި އެމް ނޮޓް ސޯ ސްމޯލް..!" ތުން ދަމާލާފައި އަހަރެން ބުނީމެވެ. 

އަހަރެންގެ ހަރަކާތް ހުރިގޮތުން އިކާން ވަރަށް ހުނެވެ. އެ ހުނުމުގެ އަޑު ކިތަންމެ ހާވެސް އުފާވެރި އެވެ. އަހހަރެންގެ ނާއުއްމީދީ އިހްސާސްތަކާއި އައިސްފައި ހުރެވުނު ރުޅި ފިލައިދިޔަ ވަގުތެއްވެސް ނޭގުނެވެ. ދެމީހުން ގޮސް ބެލްކަނީގެ ސޯފާގައި އިށީނީމެވެ. 

"ދެން ބުނެބަލަ..! ކުއްލިޔަކަށް މި ކުޑަކުޑަ އިންސާނާ ހަންދާންވެގެން ތޔައައީ ކީއްކުރަން؟" އަހަރެން ސުވާލުކުރީމެވެ. 

"އެކްޗުއަލީ... މިތަނަށް މިވަގުތު އައުމަށް ހަވާލުވެފައި އޮތީ އަހަންނަކާ ނޫން.. މިއީ ކާމިލްއާއި ހަވާލުވެފައި އޮތް ޒިންމާއެއް.. މިއަދު އޮފީހުގައި އީތަން ވަރަށް ބިޒީވެގެން ލަސްވަނީ.. އަވަހަށް ނިމޭނެ ހެން ހިޔެއްވެސް ނުވޭ.. އެހެންވީމަ، ރިދީ ގާތުގައި މަޑުކުރަން އީތަން ހަވާލުކުރީ ކާމިލްއަށް..! އެކަމަކު އޭނާވީ، ގައިސަރް ކައިރީގައި ރޭޑިއޯ ސްޓޭޝަންގަ.. ސޯ އަހަރެން މި ޑިއުޓީއަށް ހަވާލުވާން ޖެހުނު ސަބަބަކީ މިއީ..! ސާފުވެއްޖެ؟؟" ވަރަށް ސާފުކޮށް އިކާން ބުނެދީފައި ސުވާލުކުރި އެވެ.

"އީތަން ވީ އޮފީހުގައި..؟" ގަސްތުގައި އަހަރެން ސުވާލުކުރީމެވެ. 

ހަގީގަތް ރަގަޅަށް އެނގިހުރެ އެވެ. އާއެކޭ ބުނުމުގެ ގޮތުން އެންމެ ލަފްޒެއްވެސް ބޭރުނުކޮށް އިކާން ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.

އަހަރެން އޮޅުންފިލުވާފައި ވާނީ އެންމެ އިތުބާރުކުރެވޭ މީހުންގެ ފަރާތުންނެވެ. އެމީހުން ދުވަހަކުވެސް އަހަންނަށް ދޮގެއް ނުހަދާނެ އެވެ. ރިސެޕްޝަނިސްޓްވެސް ދިނީ އެއް ޖަވާބެކެވެ.

އިކާން ދޮގު މިހެދީ ކީއްވެ ބާ އެވެ؟

"ސޯ ހައު ޑޫ ޔޫ ފީލް ހިއަރ..؟ މުޅި ދުވަހު ކޮށްޓެއްގައި ބަންދުވެގެން އިންނަން ފޫއްސެއް ނުވޭތަ؟" މަޖާވެލާފައި އިކާން ސުވާލުކުރީ މާހައުލު ބަދަލުކުރާށެވެ.

"އަހަރެން މިއީ ކޮށްޓެއްގައި ބަންދުކޮށްފައި އިންނަ ގުރައެއް ނޫން" ދިފާއުގައި އަހަރެން ކުއްލި ޖަވާބެއް ދިނނީމެވެ.

"ޔެއަރ .. ޝުއަރ..!" މަލާމާތުގެ ގޮތަކަށް ބޯޖަހައިލަމުން އިކާން ބުންޏެވ

ރެއާއި ދުވާލު، މި ގަނޑުވަރުގައި އާންމުކޮށް މި ކޮޓަރީގައި، މިތަނުން ނުނިކުމެ އިނުމަކީ ބަންދުކކޮށްފައި އިނުމެއް ނޫން..؟ ތެދެއް ތިބުނީ..! ކުރާނެ ކަމެއް ނުވަތަ ވާހަކަ ދައްކާލާނެ މީހަކު ނެތި، އޮފީސް ފައިލްތަކުގައި ދެލޯ ޖަހައިގެން މަސައްކަތުގައި މި ހަތަރުފާރުތެރޭގައި އިނުމަކީ ބަންދުވުމެއް ނޫން...! އެއްގޮތަކަށްވެސް ބަންދުވުމެއް އަދި ބަންދު ކުރުމެއްވެސް ނޫން..!! ތިބުނީ ވަރަށް ބޮޑު ތެދެއް!" އިކާންގެ އަޑާއި ރާގުގައި ފޮރުވިފައިވާ އޯގާތެރިކަމާއި ކަންބޮޑުވުން ދެނެގަންނާން އެއްވެސް އުނދަގުލެއް ނުވި އެވެ.

އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އޭނާގެ ވާހަކަ ދޮގުކުރެވެން ނެތީ އެވެ. މިތަނުގައި ބަންދުވެގެން، މިގޭގައި މިހެން މި އިންނަނީ ކީއްވެ، ކޮންސަބަބަކަށްޓަކައިކަން އަހަންނަށްވެސް ނޭގެ އެވެ. 

"ރިދީ ބޭނުމިއްޔާ އަހަރެންގެ ގެއަށް ބަދަލުވެވިދާނެ.. ޔަގީނުންވެސް އީތަން ދޭފަދައިން ނަރުހެއްގެ ޒިންމާ އަދދައެއް ނުކޮށްދެވޭނެ.. އެކަމަކު އެހެން ހުރިހައި ހިދުމަތެއް ފޫހިމަކެއް ނެތި ބަރާބަރަށް އަދާކޮށްދޭނަން.. އައި އެމް ޝުއަރ އައި ކޭން ޓޭކް ކެއަރ އޮފް ޔޫ..!" އެއް ލޯ މަރައިލަމުން އިކާން ބުންޏެވެ. ލިބުނު އުފާވެރިކަމުގެ އިހްސާސްގައި ހިނިތުންވުން ނުފޮރުވަމެވެ. 

"ނޯ!!! ތެންކިޔު..!" ފާޅުގައި އިންކާރު ކުރީމެވެ.

"އީތަންގެ އިޝްގުގައި ޖެހި، ދީވާނަ ވެފައި ތިހުރީ..!" އިކާން ބުނެލި އެވެ.

އެއީ ސުވާލެއް ނޫނެވެ. އެއީ ނިންމުމެކެވެ. އިކާންއަށް ވިސްނޭ ގޮތަށް ނުވަތަ އޭނާއަށް ޔަގީންކުރެވޭ ގޮތަށް ބުނެލީ އެވެ. 

"ނޯ އައި އެމް ނޮޓް!" އަހަރެން ދޮގުހެދީމެވެ.

"ޔެސް ޔޫ އަރ"

"ނޯ އައި އެމް ނޮޓް"

"ޔެސް"

"ނޯ"

"ނޯ"

"ޔެސް!" އެއްބަސް ވެވުނީ އެވެ. ދުލުގައި ދަތް އެޅީމެވެ. އެކަމަކު އެއްބަސްވެ ނިމިއްޖެ އެވެ. 

ހަމައެވަގުތު ދޮރުގައި ނިކަން ބާރަށް މީހަކު ތަޅަން ފެށި އެވެ.

"އީތަން..! އީތަން..!" ނުހަނު ބާރަށް އީތަންއަށް ގޮވަމުން ދޮރުގައި ތަޅަން ފެށި އެވެ.

އިވުނީ އަންހެންކުއްޖެއްގެ ވަރަށް ހިތްގައިމު އަޑެކެވެ. އެހިސާބަށް ދޮރުހުޅުވަން ނުދެވެނީސް، އެމީހަކު ދޮރުހުޅުވާފައި އެތެރެއަށް ބޯ ދިއްކޮށްލި އެވެ. ލައިގެން ހުރީ ކަޅުކުލައިގެ ވަރަށް ކުރު ހެދުމެކެވެ. ހެދުމުގެ ފަސްބައި ފަލަމަސްގަނޑާއި ހަމައަށށް ފޯރަނީ ކިރިޔަކިރިޔާ އެވެ. މަޑު މުށިކުލަ ބޮލުގައި ޖައްސާލާފައިވުމުން އޭނާގެ ރީތިކަން އިތުރުކޮށްދެ އެވެ. ލޮލުގެ ވިދުން ގަދަ ހަން އޮމާން، ބައްޓަން ރީތި މޫނެކެވެ. ހަމުގެ ކުލަ ދޮން ވަރަށް ރީތި އަންހެން ކުއްޖެކެވެ.

އެކަމަކު މިގެއިން ނުވަތަ ބޭރުންވެސް މިނޫނީ ދުވަހަކުވެސް އަހަރެން އޭނާ ނުދެކެމެވެ.

އިކާންއަށް އަހަރެން ބަލައިލީމެވެ. ލިބުނު ޝޮކްގައި އިކާން ހުއްޓުންއަރާފައި، ހުރި ފިޔަވަޅުމަތީން ގުޑައިވެސް ނުލި އެވެ. ކުރިންހުރި ހުފާވެރިކަމެއް ނުވަތަ އެ މަޖާ މިޒާޖުގެ ކުލަވެސް އިކާންގެ މޫނުގައި މިހާރު ނެތެވެ. 

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް