
ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މިދިޔަ ސަރުކާރުން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދު ﷲ ޒިޔަތާއި އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފްގެ އިތުރުން އޭނާއާ ގާތް އެކުވެރިންކަމަށްވާ އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއެކު އެއްބަސްވުންތަކެއް ހަދާފައެވެ. ޕިޖީ އޮފީހުން ވަނީ އެ އެއްބަސްވުންތައް ބާތިލުކުރިކަން ރޭ ހާމަކޮށްފައެވެ. އަދި މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގް ވީ އެންމެ އަވަހަކަށް ޕީޖީއަށް ހުށަހަޅަން ފުލުހުންނަށާއި އޭސީސީއަށް އަންގާފައިވާނެ ކަމަށް ޕީޖީ ނިންމެވި ނިންމެވުމުގައިވެއެވެ.
އެ ނިންމުމާއި ގުޅިގެން މީޑިއާ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެއްބަސްވުންތައް އުވައިލައި މައްސަލަތައް ތަހުގީގުކުރަން ޕީޖީ އެންގުމުން އެ މައްސަލައިގެ ތަހުގީގުތަކުގައި މަސައްކަތްކުރަމުން އައި އޮފިސަރުންނާ ހަވާލުކޮށްގެން އޭރު ފުލުސް އޮފީހަށް ލިބުނު ހުރިހާ މައްސަލަތަކެއްގެ ދިރާސާތައް ހަދަން ފަށާފައިވާކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އިސްކޮށް އުޅުނު އެންމެން ރާއްޖެއިން ބޭރުގައި އުޅޭތީ އެމީހުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމާއި މެދު އަދި ވަކި އެއްޗެއް ބުނަން ނޭގޭކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އެހެންނަވެސް މި ފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން ތަފާތެއް ނެތި މި މައްސަލާގައިވެސް އަމަލު ކުރާނެކަމަށް ކޮމިޝަނާ ޝުޖާއު ވިދާޅުވިއެވެ.
ޕީޖީން ބުނީ އަދީބާއި އޭނާގެ އެކުވެރިންނާއި އެކު ދައުލަތުން ހަދާފައިވާ މީހުންނާ އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީ ނަމަވެސް އެމީހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ތަހުގީގީ އިދާރާތަކުން މައުލޫމާތު ދޭކަމަށެވެ.