ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމު ރައްޔިތުންގެ އަމިއްލަ މައުލޫމާތު ހޯދުމަށް ސަރުކާރުގެ ޑޭޓާބޭސްތަކަށް ނުހައްގު ގޮތުގައި ވަދެ، އެ މައުލޫމާތު ބޭނުންކޮށްގެން ޕާޓީތަކަށް މެންބަރުން ވައްދަމުންދާކަން ފާހަގަކޮށްފައިވާކަމަށެވެ. މިކަމަކީ ގާނޫނު އަސާސީގެ 24 އަދި 30 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަތުމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މި މައްސަލަ ބެލުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށް، މިކަމާ ގުޅިގެން މިނިވަން އަދި މުސްތަގިއްލު ތަހުގީގެއް ކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފައިވެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް ހަރުދަނާ ގާނޫނުތަކެއް އެކުލަވާލައި، ސަރުކާރުގެ ޑޭޓާބޭސްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށްވެސް ގޮވާލައިފައިވެއެވެ.