
ޕީއެންސީ އަށް މީހުން ވެއްދުމަށް ފޯމުތަކެއް ސަރުކާރުގެ އޮފީހެއްގެ ތެރޭގައި ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ވަނީ އާއްމުވެފައެވެ. އެ ފޮޓޯތަކުން އެތަނުގައި ހޯމް މިނިސްޓަރު އަލީ އިހްސާނާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޑީއެންއާރު ހިންގުމާ ހަވާލުވެ ހުންނެވި އަހްމަދު އާލީގެ އިތުރުން ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް އިންނަވައެވެ. އަދި ޕީއެންސީއަށް ފޯމުތައް ފުރާއިރު ޕާސްޕޯޓު ސައިޒު ފޮޓޯތަކެއް ޕްރިންޓް ނަގާ ކަފާ މަންޒަރުވެސް ފެނެެއެވެ.
އެކަމުގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޑީއެންއާރުގެ މަސައްކަތް ހިނގާ ގޮތް ދައްކާލަން ކަމަށް ބުނެ އެ އިދާރާއަށް މިއަދު ވަނީ ނޫސްވެރިން ގެންގޮސްފައެވެ. އެ އިދާރާއަށް ނޫސްވެރިން ގެން ގޮސް ފުރަތަމަ ދައްކާލީ އެ ފޯމުތައް ފުރިކަމަށް ބުނާ މީޓިން ރޫމެވެ.
އޭގެ ފަހުން އެ އިދާރާގެ ދޮރުމަތީގައި ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލވުމުގައި ނޫސްވެރިން ސުވާލުތައް އަމާޒު ކުރީ އެ ފޯމުތައް ފުރީ ކޮންތާކުތޯ އަހާ އޮޅުން ފިލުވުމަށެވެ. މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވަނީ އެ ފޯމުތައް ފުރީ ޑީއެންއާރުގެ އޮފީހުގެ ތެރޭގައިކަމަށް އިއުތިރާފުވެފައެވެ.
މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ހިމެނޭ ޓީމަކުން ޕީއެންސީ އަށް ފޯމްތައް ފުރާފައިވާ ކަމަށްވެސް މަޖީދު ވިދާޅުވިއެވެ. ފޯމުތައް ފުރީ ޑީއެންއާރުގައި ތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރަން ފެށުމުން މަޖީދާއި އާލީ ވަނީ އެތަން ދޫކުރައްވާ ވަޑައިގެންފައެވެ.
ވެރިކަން ކުރާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ސައްހަ ފޯމުތަކުގެ މައްސަލައިގައި ހޯމް މިނިސްޓަރުގެ އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ މަޖިލިހަށް ވައްދާފައެވެ. އަދި އެ މައްސަލަ ބަލަން އެދި އޭސީސީއާއި ފުލުހުންނަށް ވެސް އެމްޑީޕީން ވަނީ ހުށައަޅާފައެވެ.
ޕީއެންސީން ސައްހަ ނޫން ފޯމުތަކެއް ހުށައަޅާފައިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.