މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުއިއްޒު ރ. އަތޮޅަށް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރުގެ ރައްޔިތުންނާ ބަދަލުކުރެއްވުމަށް ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި އުނގޫފާރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީއެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބަހައްޓާއިރު އަބެއް ބައި ރަށްރަށުގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ 19 ރަށެއްގައި އެމްއައިބީގެ އޭޓީއެމް ބަހައްޓާނެއެވެ. މި އަހަރު ނިމޭއިރު 37 ރަށެއްގައި އެމްއައިބީގެ އޭޓިއެމް ހުންނާނެއެވެ. އެއީ ޖުމްލަ 62 އޭޓީއެމްއެވެ. އޭގެތެރޭގައި ހިމެނެނީ ރުފިޔާ ނެގޭ 56 އޭޓީއެމާއި ޑޮލަރު ނެގޭ ހަ އޭޓީއެމްއެވެ.
މި މަޝްރޫއެގެ ދަށުން ބީއެމްއެލްގެ އޭޓީއެމްތައް ބެހެއްޓުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި އޭޓީއެމް ބަހައްޓާއިރު މި މަސައްކަތް މި އަހަރުގެ މާރިޗު 17 އަށް ނިންމާނެއެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާއިރު މި މަޝްރޫއުގެ އެންމެ ފަހު ފިޔަވަހީގައި 30 އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.