އާސަންދަ ސްކީމްގެ ދަށުން ކޮންމެ ހިލޭ މެޑިކަލް ޗެކަޕް ހަދާދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ސަރުކާރުގެ ކޮންމެ ހޮސްޕިޓަލަކުން އަހަރު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ހެލްތް މިނިސްޓްރީން މިއަދު ބުނީ ހިލޭ މެޑިކަލް ޗެކަޕް ހެދޭ ޕްރޮގްރާމްގެ ތެރެއިް މިހާތަނަށް 2،180 މިީހުން ޗެކަޕް ހަދާފައިވާކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އެ މިނިސްޓްރީން އާއްމެއް ނުކުރެއެވެ.
އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ސަރުކާރުން ހަމަޖެއްސީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ. އޭގެ ފަހުން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފުކޮށް އެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޭޕްރިލްމަހުއެވެ.
ޒުވާނުންގެ އުމުރު ފުރާކަމަށް ރާއްޖޭގައި ބަލާ އުމުރުން 19 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.