މި މުބާރާތުގައި ތ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ތ. އަތޮޅު ގްރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައި އޮމަދޫ އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ތިމަރަފުށީގެ މައްޗަށް 3-2 އިން ކުރި ހޯދައިގެންނެވެ. މި މެޗުން ބަލިވިނަމަވެސް ތިމަރަފުށި އޮތީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ކަށަވަރުކޮށްފައެވެ.
މި ގްރޫޕްގައި އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ކިނބިދޫ އިން ވަނީ ދިޔަމިނގިލި މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރިހޯދައިފަ އެވެ.
މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ތިމަރަފުށި ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ އޮމަދޫ އާއި ތިން ވަނަ އަށް ދިޔަ ކިނބިދޫ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު އޮމަދޫ އަށް ދެ ވަނަ ލިބެނީ ފައިދާ ގޯލު ވެސް އެއްވަރުވެ، ޖެހި ގޯލަށް ބަލާއިރު އެއް ގޯލު އިތުރުވުމުންނެވެ. މި ގްރޫޕްގެ ފުލަށް ދިޔަ ދިޔަމިގިއްޔަށް ޕޮއިންޓެއް ނުލިބެ އެވެ.
މި އަތޮޅުގެ ގްރޫޕް ދޭއްގައި ވޭމަންޑޫ އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ 6-4 އިން ކަނޑޫދޫ ބަލިކޮށްގެންނެވެ. މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ހިރިލަންދޫ ސެމީ ފައިނަލަށް ދިޔައީ އެއްވެސް މެޗަކުން ބަލިނުވެ, 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ވޭމަންޑޫ އާއި ބުރުނި އަދި ގާދިއްފުށި އަށް ހަތަރު މެޗުން ހަ ޕޮއިންތް ލިބިފައިވާއިރު, ވޭމަންޑޫ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ގްރޫޕްގެ ފުލަށް ދިޔަ ކަނޑޫދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ތ. އަތޮޅުގެ ސެމީގައި ތިމަރަފުށިން ނުކުންނާނީ ވޭމަންޑޫއާ ދެކޮޅަށެވެ. އަދި ހިރިލަންދޫ ނުކުންނާނީ އޮމަދޫއާ ދެކޮޅަށެވެ.