ދަރުބާރުގެ ކައިރިން ތޫނު އެއްޗެހިން ހަމަލާދީ 2015 ވަނަ އަހަރު ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ކުށް ސާބިރު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑު އެހުމެއް 2023 ވަނަ އަހަރުވެސް ބާއްވަން އުޅުނެވެ.
މި މައްސަލައިގައި ހަތް އަހަރަށް ދިގުލައިގެން ދިޔަ ޝަރީއަތަށްފަހު ކްރިމިނަލް ކޯޓުން ނިންމީ ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނީ އެންމެ ހެކިވެރިއަކު ކަމަށް ވެފައި، އޭނާ ހުރީ މަސްތުވެގެން ކަމަށް ކޯޓަށް ފަހުން ސިޓީއަކުން އަންގާފައިވާތީ އޭނާގެ ހެކި ބަހަށް ބުރަދަން ނުދެވޭނެ ކަމަށެވެ.
އެ މައްސަލާގައި 16 ހެކިވެރިއަކު ހުށަހެޅިޔަސް، 11 މީހަކު ކޯޓަށް ހާޒިރެއް ނުވި އެވެ. ހާޒިރުވި މީހުންނަށް ވެސް ހަމަލާދިން މަންޒަރެއް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދާނީ ތިން ފަނޑިޔާރުގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސެއިން މަޒީރު، ހަސަން ޝަފީއު އަދި ދީބާނާޒް ފަހުމީއެވެ.