
ހދ. މަކުނުދޫ ކައުންސިލްގެ ބައި އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓަށް ކާމިޔާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނިކޮށް، އިތުރު ކެންޑިޑޭޓަކު އެ އިންތިހާބުގައި ހިމަނަން ހައިކޯޓުން އެންގީ މިދިޔަ ހަފްތާގަ އެވެ. އެ އެންގުމާ އެއްގޮތަށް، އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުގެ ނަން ހިމަނައިގެން ނަންތައް ތަރުތީބު ކުރީ ހަފްތާ ބަންދުގެ ތެރޭގަ އެވެ.
މިއީ، ހދ. މަކުނުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަކަށް، މެންބަރަކު އިންތިހާބު ކުރުމަށް، އަންނަ މަހު ބާއްވަން ކަނޑައަޅާފައި އޮތް، ބައި އިލެކްޝަނަކާ ގުޅޭ މައްސަލައެކެވެ. އަންނަ މަހު އޮންނަ މި އިންތިހާބަށް ކުރިމަތިލީ އެންމެ ކެންޑީޑޭޓެއް ކަމަށް އީސީން އިއުލާން ކުރިއިރު، އެ އިންތިހާބުގައި ވާދަކުރަން ބޭނުންވީ އެހެން ކެންޑީޑޭޓަކު އޮތީ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ.
ކޯޓުގައި މައްސަލަ އޮއްވާ، އީސީން އިއުލާން ކުރީ، ޕީއެންސީ ކެންޑީޑޭޓް ނަޛްރާނާ ޢަލީ އިންތިހާބުވެފައިވާ ކަމަށެވެ. އީސީން އޭރު ބުނީ، ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ، އިބްރާހީމް މުހައްމަދު ކިޔާ މީހެކެވެ. އެ މީހާ ހުށަހެޅި މައްސަލައާއި ގުޅިގެން ހައިކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ އޭނާގެ ކެންޑީޑޭސީ ބަލައިގަތުމަށް އިލެކްޝަން ކޮމިޝަނަށް އަންގާފަ އެވެ.
އިބްރާހިމް މުހައްމަދު ހިމެނޭހެން ނަންތައް ތަރުތީބު ކުރުމުން، އޭނާއަށް ލިބިފައިވަނީ ކެންޑީޑޭޓް ނަންބަރު އެކެކެވެ. ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ ނަންބަރު ދޭކެވެ. މި އިންތިހާބު އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ.