މެމްބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، މި ދެ މެމްބަރުންނާ ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މެމްބަރުކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މުހައްމަދު ޒާހިދާއި އަބްދުއްރަހްމާން ސަލާހް ރަޝީދު، ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއި ކުރައްވައިފައެވެ.
ޒާހިދާއި ސަލާހް އީސީއަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ ވޯޓްލީ މެމްބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރުސީއެމްގެ ކުރީގެ މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދު އީސީގެ މެމްބަރުކަމަށް އައްޔަންކުރަން ފާސްވީ 68 ވޯޓުންނެވެ. ކޮމިޓީ މަރުހަލާގައި ޒާހިދަށް ވަނީ 93.80 އިންސައްތަ މާކްސް ލިބިފައެވެ.
ހޯމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަބްދުރަހުމާން ސޮލާހުއ ކޮމިޝަނަށް އައްޔަން ކުރަން 68 މެމްބަރުން ވޯޓު ދެއްވިއެވެ. އޭނާއަށް ކޮމިޓީން މަރުހަލާގައި 91.40 އިންސައްތަ މާކްސްވަނީ ލިބިފައެވެ.
އީސީގެ ދެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތާއި މެމްބަރު މުހައްމަދު އާސިފުގެ މައްޗަށް މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުންނެވެ. އެ ދެ މެމްބަރުންގެ މައްޗަށް ކުރީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ހިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުކޮށެވެ.