ads
ފޮޓޯ: މޯލްޑީވްސް ޕޮލިސް ސާވިސް
ޑިއުޓީގެ ބޭނުމަށް ނޫނީ ފޯނު ބޭނުން ނުކުރުމަށް ސީޕީ އެދިއްޖެ
ޑިއުޓީ އަދާކުރާއިރު ޑިއުޓީގެ ބޭނުމަށް ނޫނީ މޯބައިލް ފޯނުގެ ބޭނުން ނުކުރުމަށް ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު އޮފިސަރުންގެ ކިބައިން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެދިވަޑައިގެންފިއެވެ.
Advertisement

ސީޕީ މިކަމަށް އެދިވަޑައިގަތީ ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ފުލުހުންގެ ހިދުމަތަށް އަލަށް ގުޅުނު އޮފިސަރުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ރައްޔިތުންގެ ފަރާތުން އަންނަ އެއް ޝަކުވާއަކީ ފުލުހުން މަގުމަތީ ޑިއުޓީގައި ތިބޭއިރު ފޯނާ ކުޅެންތިބޭ ތަން ފެންނަ ކަމުގެ ޝަކުވާ ކަމަށެވެ.

އެހެންކަމުން މިކަން ރަނގަޅުކުރަންޖެހޭކަން ފާހަގަކުރައްވާ ސީޕީ އަލީ ސުޖާއު ވަނީ ހިދުމަތުގައި ތިބޭ ފުލުހުންނަކީ ރައްޔިތުންނަށް ހާއްސަވެގެން ތިބޭ ބަޔަކަށްވުމަށް އެދިވަޑައިގެންފައެވެ.

"ދެވަނަވަނަ ކަމަކީ ރައްޔިތުންނާ އަބަދުވެސް ރިވެތި ބަހުން މުއާމަލާތްކުރުން. ރައްޔިތުންނާ ރިވެތި ބަހުން ވާހަކަ ނުދެއްކޭވެ އެއްވެސް ހާލަތެއް އައިސްގެންނުވާނެ. ރައްޔިތުންނަށް ވުރެ ވަކިން މާތްކޮށް ވަހަކަ ދައްކަންޖެހޭ އިތުރު ބަޔަކު ނުތިބޭނެ. އުންމީދުކުރަން ފުލުހުންނަށް އަމާޒުވާ މި ނޭދެވޭ ސިފަ ތިޔަ އޮފިސަރުންގެ ފަރާތުން ހައްލުކޮށްދޭނެ ކަމަށް" ކޮމިަޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވިއެވެ.

ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރުތަކަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަންޖެހޭ ބާރުތަކެއް ނޫން ކަމަށާއި އަބަދުވެސް މަސައްކަތް ކުރަންވާނީ ބާރުގެ ބޭނުންނުކޮށް ދިމާވާ ކަންކަން ހައްލުކުރުމަށް ކަމަށްވެސް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވިއެވެ.

ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނީ މަގު ދައްކައިދީ އަދި އިސްލާހުވުމަށް ފުރުސަތުދޭ ބަޔަކަށް ކަމަށް ސީޕީ ވިދާޅުވިއެވެ. 

މީގެ އިތުރުން ސީޕީ ވަނީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ރާއްޖެ އަދި ރާއްޖެއިން ބޭރުން ލިބޭ ކަމަށާއި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށްވެސް ސީޕީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ ވާހަކަފުޅު ނިންމަވާލެއްވީ ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރުއަދާކުރައްވަމުންނެވެ.އަދި ފުލުހުންގެ މަސައްކަތްތަކަށް މިނިސްޓަރު އިހުސާން ބަހައްޓަވާ ގާތްކަމަށްޓަކައި އެމަނިކުފާނަށްވެސް ސީޕީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް