މިނިސްޓަރު ގައްސާން މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިޮން އެންޑް ލޯ އެންފޯސަމްނޓް އިން ކުރިއަށް ގެންދިޔަ 38 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ޕާސިން އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައި، އެ ރަސްމިޔާތުގައި ދެއްކެވި ވާހަަކަފުޅުގައެވެ.
ގައްސާން ވިދާޅުވީ 17 ނޮވެމްބަރު ގައި ރާއްޖޭގެ ވެރިކަމުގެ ހުވާ ރައިސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވީ އެމަނިކުފާނާ ދިވެހި ރައްޔިތުން ހަވާލު ކުރެއްވި މުހިއްމު ޒިންމާތަކެއް އުފުއްލަވަން ކަމަށެވެ. އެގޮތުން ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވާދެއްވާ ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލް ހިމާޔަތް ކުރައްވަން، ރައްޔިތުންނާ މުޖްތަމަައު ރައްކާތެރިކުރައްވަން އިގްތިސޯދީ ގޮތުން ފުދުންތެރި ތިޔާގި ގައުމަކަށް މި ރާއްޖެ ހެދުމުގެ ޒިންމާ ރައީސް މުއިއްޒު ނެންގެވި ކަމަށް ގައްސާން ވިދާޅުވިއެވެ. އަދި މިހާރު ފެނިގެންދަނީ އެ ބުރަ މައްސޫލިއްޔަތު ވަރަށް ޒިންމާދާރުކަމާއެއްކޮށް ރައީސް އަދާކުރައްވަމުން ގެންދަވާ މަންޒަރު ކަމަށް ގައްސާން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ގައްސާން އިތުރަށް ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައަށް، އިގްތިސާދީގޮތުން ފުދުންތެރި ތިޔާގި ގައުމުތަކަށް ރާއްޖޭގެ އިރުމަތިން އަދި ހުޅަގުންވެސް ބަލާ ފިކުރުކޮށްލާފިނަމަ ފާހަގަކޮށްލެވޭ ސިފަތަކެއް ހުރިކަމަށެވެ. އެގޮތުން ފެނިގެންދަނީ މިނިވަންކަން މުސްތަގީލުކަން ، އަމަން އަމާންކަން ގާއިމްވެފައި އޮތުން ، އަދުލު އިނސާފު ގާއިމްވެފައި އޮތުން ، ވަކި ވަކު ފަރުދުންނާ މުޖްތަމައާ މުދަލުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުން ކަމަށް ގައްސާން ވިދާޅުވިއެވެ.
މުޖްތަމައުގެ އަމާންކަމާ ރައްކާތެރިކަން ދަމަހައްޓާ، ރާއްޖޭގައި އުޅޭ އެންމެހާ މީހުން ހިމާޔަތްކޮށްދީ އެމީހުންގެ މުދަލާ ގެދޮރު ރައްކާތެރިކޮށްދިނުމަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 244 ވަަނަ މާއްދާއިން ދިވެހި ފުލުހުންނަށް މަތިކޮށްފައި އޮތް ޒިންމާއެއް ކަމަށް ގައްސާން ފާހަގަ ކުރެއްވިއެވެ.
އެހެންކަމަށްވުމާއެކު އެކަމަށް ވިސްނާލުމުން ދޭހަވެގެން ދަނީ ރައިސް ޑރ.މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންގެ އެދިވަޑައިގަތުމަށް ރާއްޖެއަށް ހޯއްދަވާ ދެއްވަން މަސައްކަތްފުޅު ކުރައްވާ ތަރައްގީ ހޯއްދަވާ ދެއްވުމުގައި ދިވެހި ފުލުހުންގެ ދައުރުގެ ފުޅާމިން ކަމުގައި ގައްސާން ފާހަގކުރެއްވިއެވެ.
ފުލުހުންގެ މަސައްކަތާއެކު ރާއްޖެއަކީ ސުލްހަ މަސަލަސްކަން ދެމިއޮންނަ، އަމަންއަމާން ވެއްޓެއް ގާއިމްވެފައި އޮންނަ ގައުމަކަށް ހެއްދެވުމަކީ ދިވެހީންގެ މުސްތަގްބަލް އުޖާލާވެެގެންދާނެ ކަމެއްކަމަށް ގައްސާން ވިދާޅުވިއެވެ.