ads
ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި އަލީ ހުސެއިން ވާހަކަ ދައްކަވަނީ
ޖަވާބުދާރީ ނުކުރެވުނު، ދައުރު މެދުން އިންތިހާބެއް ބޭނުން: އަލީ ހުސެއިން
މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ނުކުރެވުނު ކަމަށާއި ދައުލަތާއި ސަރުކާރު ޖަވާބު ދާރީ ކުރުވަން "މިޑްޓާމް އިލެކްޝަން" ބޭނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
Advertisement

އަލީ މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓް ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.

"ނޭޝަން ޓޯކް"ގެ 10 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ މިއަދު ކޮންމެ ކަމެއް ގޯހުން ހިގާކަން އަޅުގަނޑުމެންނަށް އެބަ އެގެން ޖެހޭ ކަމަށާއި އެގޮތުން ގައުމު ދަރަނިވެރިވެ ބަނގުރޫޓުވީ އިރުގައި އެކަމާ ޒިންމާ ނަގާނެ އެއްވެސް މީހެއް ނެތް ކަމަށެވެ. އަދި ވެރިކަން ކުރި ފަރާތުން ވެރިކަން ކުރީ ގޯސްކޮށް ކަމަށް ބުނެގެން ރަނގަޅު ދައުވާ އެއްވެސް ހަގީގަތުގައި ކުރެވިފާ ނެތް ކަމަށެވެ.

"މި 16 އަހަރު ރައްޔިތުންގެ މަޖިލީހެއްވެސް ނެތް. ޖުޑިޝަރީވެސް ޒިންމާދާރު ކުރުމަށްޓަކާ ހަދާފަ އޮތް މިނިވަން މުއައްސަސާތައް. މިއިން މިނިވަން މުއައްސަސާ އަކަށްވެސް ނެތް ސަރުކާރު ޒިންމާދާރު ކުރެވިފައެއް، ސަރުކާރޭ އަޅުގަނޑު މިދަންނަވަނީ ސަރުކާރުން ހުރިހާ ލޯނެއް މިނަގަނީ، އެހެން ވީމަ ލޯނު ނަގަމުން ނަގަމުން ގޮސް ގައުމު މިހާލާތުގައި މިއަދު މިވަނީ ބަނގުރޫޓް ވުމާ ގާތުގައި، ބަނގުރޫޓްވެފައި ނޫންނަމަ ބަނގުރޫޓް ވީއްޔޭ ބުނަން ނުކެރިފަ، ހަގީގަތުގައި މިއަދު މިގައުމު މިވަނީ ބަނގުރޫޓްވެފައި، މިކަމުން ސަލާމަތް ވެވޭނީ މިނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންކަން އަޅުގަނޑުމެންނަށް އެނގޭ، ގަބޫލުކުރަން" އަލީ ހުސެއިން ވިދާޅުވި އެވެ. 

އަލީ ހުސެއިން ވިދާޅުވީ ރައްޔިތުން ސީދާ ބަސް ބުނަން ނުކުންނަ ކޮންމެ ފަހަރަކު އެއްވެސް މީހަކަށް ދެ ފަހަރަކު ވެރިކަން ކުރާކަން ނުލިބުނު ކަމަށާއި 2008 އިން ފެށިގެން ދެ ފަހަރު ވެރިކަން ކުރާކަން އެއްވެސް ފަރާތަކަށް ރައްޔިތުން ފުރުސަތު ނުދޭ ކަމަށެވެ. އަލީ ވިދާޅުވީ ގައުމުގެ ހާލަތު ބޮންސުންލާފައި މިވަނީ ގާނޫނު އަސާސީ ތަސައްވަރު ކުރި ގޮތަކަށް ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ނުހިންގުމުން ކަމަށާއި ގާނޫނު އަސާސީ ތަސައްވަރު މިކުރަނީ ރައީސުލްޖުމުހޫރިއްޔާއެއް ހޮވުމަށް ފަހުގައި ރައީސުލްޖުމުހޫރިއްޔާ ގޯސްތަކެއް ހަދާނެ ކަމަށް ކަމަށެވެ. 

"އެއީ އަޅުގަނޑުމެންނަށް އެބަ އިނގޭ އިންސާނީ ހަގީގަތަށް ބަލާއިރު ކޮންމެ މީހަކީވެސް އެމީހަކަށް ބާރެއް ލިބިއްޖެއްޔާ އެެ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ. އެހެންވީމާ ރައީސުލްޖުމުހޫރިއްޔާ ކަމެއް ގޯސްކޮށް ކޮށްފާނެތީ ރައީސުލް ޖުމުހޫރިއްޔާ ކަންކުރާގޮތް ބެލުމަށްޓަކާ ފާރަވެރިވެ ޖަވާބުދާރީ ކުރުވުމަށް ޓަކައި މިހޮވަނީ ރައްޔިތުންގެ މަޖިލީހެއް އެހެން ނަމަވެސް ދިވެހިރާއްޖޭގައި ކަން ދިމާވާ ގޮތަކީ އެއްކަލަ ރައްޔިތުންގެ މަޖިލިސް މިހޮވަނީ ރިޔާސީ އިންތިހާބެއް ހަމަ ނިމޭތާ ގާތްގަނޑަކަށް 4 ނޫނީ 5 މަސް ތެރޭގައި ރައްޔިތުންގެ މަޖިލިސް އިންތިހާބު މިބާއްވަނީ. ނަތީޖާއަކަށް މިވަނީ އެއްފަހަރަކު ނޫނިއްޔާ އެހެން ހުރިހާ ފަހަރެއްގައިވެސް އެއްކަލަ ރައްޔިތުން ރައީސްއަކު ހޮވާފައި ރައްޔިތުން ދެން އެމީހުން އެބަލަނީ އެމީހުން ނިންމި ނިންމުމަށް ޑިޕެންޑުވާން، ރައީސުލްޖުމުހޫރިއްޔާ ހޮވާފައި ނިކުމެ ރައީސުލް ޖުމުހޫރިއްޔާ އެބަބުނޭ ތިމަންނާއަށް ވެރިކަން ކުރެވޭނީ ރައްޔިތުންގެ މަޖިލިސް ދީގެންނޭ، އެހެންވީމަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ބޮޑު މެޖޯރިޓީ މިދެނީ ވެރިކަން ހިންގާ ފަރާތާށް، ނަތީޖާ އަކަށް މިވަނީ ރައްޔިތުންގެ މަޖިލީހަކު ނެތް ސަރުކާރު ޖަވާބުދާރީ ކުރުވޭކަށް، އަދި ރައްޔިތުންގެ މަޖިލީހުން ހަގީގަތުގައި ސަރުކާރު ޖަވާބުދާރީ ކުރުވާކަށް އެއްވެސް މަސައްކަތެއްވެސް ނުކުރޭ އަދި ރައްޔިތުންވެސް ގިނަ ފަހަރަށް ގަބޫލުމިކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ގިނަފަހަރަށް ސަރުކާރާ ގުޅިގެން ރައްޔިތުން ބޭނުންވާ ހިދުމަތަކަށް ވުރެ ތަރައްގީ ހޯދަން ފޮނުވާފައިވާ މީހެއްކަން، އެއްވެސް ގޮތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަކި އެއީ ކުރަން ޖެހޭނެ ކަމެއްކަން ރައްޔިތުންވެސް ގަބޫލެއް ނުކުރޭ، އެހެން ނަމަވެސް ގާނޫނު އަސާސީ ތަސައްވަރު މިކުރަނީ ރިޔާސީ ނިޒާމެއްގައި ސަރުކާރު ގެނެއްސަ ޖަވާބުދާރީ ކުރުވުމުގެ އެއްމެބޮޑު މައިގަނޑު މަސައްކަތް މިހަވާލުކުރަނީ ރައްޔިތުންގެ މަޖިލީހަށް." ރައްޔިތުންގެ ބާރު ހަގީގަތުގައި ތަންފީޒު ކުރެވޭނެ މަޖިލީހެއް މިހާރު ނުފެންނަ ކަން ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވި އެވެ. 

އަލީ ހުސެއިން ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ދީފާ މިޑްޓާމް އިލެކްޝަން އެއް ބާއްވާ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ގޮތަށް ހިންގުމުގެ އޮނިގަނޑުން ރައީސުލްޖުމްހޫރިއްޔާގެ ފެންނަ ނުފެންނަ ވޯޓެއް ދެ އަހަރު ބައިވީމަ ނަގަން ޖެހޭ ގޮތަށް ބަދަލުވާން ޖެހޭ ކަމަށެވެ. އަލީ ވިދާޅުވީ ދެން އުފެދޭނެ ސުވާލަކީ ހަރަދު ބޮޑުވުމުގެ ބަހުސް ކަމަށާއި ނަމަވެސް ފަސް އަހަރުގެ ދައުރެއް ދީފަ ރައީސުލް ޖުމުހޫރިއްޔާ ހިތުހުރި ގޮތަކަށް ހިތަށް އެރިގޮތަކަށް ބަޖެޓް ބޭނުންކުރަން ދިނީމަ ކަން ވާގޮތުން ހަރަދު މާބޮޑު ކަމަށެވެ. އެގޮތުން ބޭނުން އަދަދަކަށް ޕްރޮޖެކުޓް ހިންގާ، ބޭނުން އަދަދަކަށް މީހުންނަށް ސިޔާސީ ވަޒީފާ ދީ، އަދި ހިތުހުރި ގޮތަކަށް ބަޖެޓް ބޭނުންކޮށް، ބޭނުން އަދަދަކަށް ލޯނު ނަގަމުން، ބޭނުން އަދަދަކަށް ފައިސާ ޗާޕްކުރުމުން ދެން ކުރަންޖެހޭ ހަރަދު މާ ބޮޑު ކަމަށެވެ. ނަމަވެސް މިޑް ޓާމް އިލެކްޝަން އެއް ރައީސްލުޖުމުހޫރިއްޔާ ފޭސް ކުރަންޖެހޭ ގޮތަށް ގާނޫނު އަސާސީ އިސްލާހް ކުރުންމުން ބޮޑު ތަނުން ރައީސުލްޖުމްހޫރިއްޔާ "އިސްލާހް" ވާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކުން ނުބުނާނެ އިނގޭތޯ މިޑްޓާމް އިލެކްޝަން އެއް ބާއްވަން ޖެހޭނެ ކަމަކަށް، ހަމަ ސީދާ ގާނޫން އަސާސީގައި ލިޔަން ޖެހޭނީ ރައީސުލްޖުމުހޫރިއްޔާގެ ދައުރުގެމެދު ތެރޭގައި މިޑްޓާމް އިލެކްޝަނެއް ދެ އަހަރާ ބައިގެ ތެރޭގައި އޮންނަން ޖެހޭނެކަން. އަޅުގަނޑުމެން އެެއްވެސް މީހަކު ހުންނަގޭގެ އަޅާފަ ހުންނަ އިމާރާތުގެ ޕަވާ އޮފް އެޓާނީ 5 އަހަރަށް ދީގެނެއް ނުތިބޭނެ. އެމީހަކު ހިތުހުރި ގޮތަކަށް ކަންތަށް ކުރާކަށް، މިސާލަކަށް އަޅުގަނޑުމެން 10 ބުރީގެ އިމާރާތެއް އަޅާފަ އެގެއާ އިމާރާތް ބެލެހެއްޓުމާ ކުއްޔަށް ދިނުމާއި އެހުރިހާ ކަމެއްކުރުމުގެ ޕަވާ އޮފް އެޓާނީ މީހަކަށް ދީގެން، އެހިސާބުން އެގޭގެ ދެ ތިން ހަތަރު ބުރި ފަސް ،ހަބުރި ވިއްކާލަންދެން އަޅުގަނޑުމެން ތިބޭނެތޯ ބަލަން ފަސް އަހަރު ވަންދެން، އަޅުގަނޑު މެން ނުތިބޭނެ ފަސް އަހަރު ވަންދެން ބަލާކަށް، އެއީ 10 ބުރި އިމާރާތެއް ނުއަގުގައި ވިއްކާލާފަ އަނެއްކާ އެގޭ ވިއްކާލާފަ ގޭ މޯގޭޖް ކުރާ ހިސާބަކަށް އަޅުގަނޑުމެން ނުތިބޭނެ ނޫންތޯ ބަލާކަށް، ދެން ގައުމުގެ ހާލަތު ވެސް ހަގީގަތުގައި މިދަނީ މިހެން ފަސް އަހަރު ވަންދެން ރައީސުލްޖުމުހޫރިއްޔާ އަކަށް ވެރިކަން ކުރަން ގެނާމަ އޭނަ މިއުޅެނީ ހިތު ހުރި ގޮތަކަށް ،ހިތުހުރި ކަމެއް ކުރަނީ އިނގޭތޯ،" ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވި އެވެ. 

އަލީ ހުސެއިން ވިދާޅުވީ މިހާރު ދައުލަތާއި ސަރުކާރު ހިންގުމުގެ އޮނިގަނޑު އޮތް ގޮތުން ރައްޔިތުން މަޖިލީހަށް އޭސީސީ ކަހަލަ މިނިވަން މުއްސަސާތަކަށް، އަދި ކޯޓަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނަ ކަމަށާއި ވެރިޔަކަމަށް އަންނަ ފަރާތަކަށް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މިތިބެނީ ސުޕަ މެޖޯރިޓީ ދީގެން ކަމަށާއި ނަތީޖާ އަކަށް ވެގެން ދިޔައީ ހުރިހާ މިނިވަން މުއައްސަސާތަކެއް ވެސް އެއް ބާރުގެ މުށުތެރެއަށް ވަނުން ކަމަށެވެ. މަޖިލިހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވި މިނިވަން މުއައްސަސާތަކާއި ކޯޓުތަކަށް ހިންދެމި ނުލެވުމުން މިހާލަތުގައި ރައްޔިތުންގެ ވޯޓަކަށް ގޮސް ރިޔާސީ އިންތިހާބެއްގެ މެދު ތެރެއިން ދައުލަތާއި ސަރުކާރު ޖަވާބު ދާރީ ކުރުވަން "މިޑްޓާމް އިލެކްޝަން" އެއް ބޭއްވުން ވަރަށް މުހިންމު ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް