
އެންޑީއެމްއޭ އިން ބުނީ މި ފަރާތްތަކަށް އަމިއްލަ ގެދޮރަށް ބަދަލުވެވޭނީ އެތަންތަން މަރާމާތު ކުރުމަށްފަހުގައި ކަމަށެވެ.
މި މަހުގެ 23 ވަނަ ދުވަހު މއ. ސްޕްރިންގް ރިވާ ގޭގައި ހުންނަ ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ 10 ގޭބިސީއެއްގެ 33 މީހުންނަށް ގެއްލުން ލިބުނެވެ. މީގެ ތެރެއިން 22 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު އިރު، މިހާތަނަށް 9 މީހުން ވަނީ އަމިއްލަ ގެތަކަށް އަނބުރާ ބަދަލުވެފައެވެ.
އެންޑީއެމްއޭ އިން ބުނީ ބާކީ ތިބި 13 މީހުންނަށް މާދަމާގެ ނިޔަލަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އަދި މި ފަރާތްތަކުގެ ޒަރޫރީ ބޭނުންތަކަށް މިވަގުތު ސަރުކާރުން ހަރަދުކުރަމުންދާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދިނެވެ.
އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ތަޅާލަންޖެހޭ ބައިތައް މިހާރު ވަނީ ތަޅާލައި، އެ ސަރަހައްދު ސާފުކޮށްފައެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީންނެވެ.