ads
ފޭރާން ހެޔޮ ވެއްޓެއް ބިނާ ކުރުން: ސިޔާސީ މީހުންގެ ދޮގުން މުޖުތަމައު ސަލާމަތް ކުރަން ޖެހޭ!
މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދި އޮރިޔާން ފެންނަ ވާހަކަ ދައްކަ އެވެ. އެ ވާހަކަ އާއެކު މީޑިއާތަކުން ހަދާ ގޯސް އިންތިހާއަށް ބޮޑުވެއްޖެކަމުގެ ޝަކުވާ ސިޔާސީ މީހުން ކުރެ އެވެ. މީޑިއާތަކުން ދޮގު ހަދާ އޮޅުވާލާ ވާހަކައިގެ އަޑު ވެސް ނުހަނު ގަދަވެ އެވެ. ނަމަވެސް ސުވާލަކީ މީޑިއާތަކުން ރިޕޯޓް ކުރާ ކުރުމާއި ސިޔާސީ ވާދަވެރިކަމުގެ ބަހުސްތަކުގެ އަހުލާގާއި ސުލޫކު ނު ހިފަހައްޓައި ސިޔާސީ މީހުން އާންމު ތަންތަނުގައި ނުވަތަ ސިއްރުން ދައްކާ ވާހަކައިގެ ސަބަބުން އަހްލާގު ރަނގަޅު ވެއްޓެއް ބިނާ ކުރުމަށް އޮތް ނުރައްކަލުގެ ވާހަކަ ނުދައްކަނީ ކީއްވެ ބާއްވަ އެވެ.
Advertisement

މި ދެތިން ދުވަހު ނުހަނު އަޑުހަރުކޮށް ދައްކަމުންގެންދާ ވާހަކައަކީ މީޑިއާތަކާއި އިންޓަނެޓް ރެޑިއުލޭޓް ކުރާ ވާހަކަ އެވެ. އަދި މީޑިއާތަކުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރާ ވާހަކަ އާއި އިމެއް ނެތް ގޮތުގައި މައުލޫމާތު ހާމަކުރާ ވާހަކަ އާއި ސޯޝަލް މިޑިއާގެ ބައެއް ޕްލެޓްފޯމްތަކުން ކުށުގެ އަމަލުތައް ހިންގާ ވާހަކަ އެވެ. 

"މިފަދަ މަންސަތައް ބޭނުންކުރެވޭއިރު، އަނެކާގެ އަބުރާއި، އިއްޒަތް ވެސް އެއީ އޮންނާނެ އެއްޗެއްކަން ދެނެގަންނަން އެބަޖެހެ އެވެ. އަނިޔާ ލިބޭ ފަރާތުން، އިންސާފު ހޯދުމަށް ދޮރުގައި ޓަކިޖަހާއިރު، އިންސާފު ހޯދައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއިހުދުން ލިޔެފައި އޮންނަ ގާނުނުކަމާއި، އަދި މިވަގުތު އެފަދަ ގާނޫނެއް ދިވެހިރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ." ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ސަން އަށް ދެއްވި އިންޓަވިޔު އާ ގުޅިގެން ނާޒިމަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅުގެން ނެރުނު ބަޔާނުގައި ވިދާޅުވި އެވެ.

ނާޒިމުގެ ކަންބޮޑުވުމަކީ ހަގީގަތެއް ކަމަށްވާއިރު، އެ އެހާ ހާމަކަން ބޮޑު އަނެއް ހަގީގަތަކީ ސިޔާސީ މީހުން ދައްކާ ހަގީގަތެއް ނެތް އަދި ސާބިތު ނުހިފޭ ފަދަ ކަންކަމުގެ ވާހަކަ ދައްކައިގެން މުޖުތަމައު ފަސާދަ ކުރުމެވެ. މީޑިއާއަކީ ގިނަ ފަހަރަށް ކަންކަން ރިޕޯޓް ކުރާ ބަޔެކެވެ. ސިޔާސީ މީހުން ދައްކާ ވާހަކަތައް ރިޕޯޓް ކުރަނީ ނޫސްތަކުންނެވެ. ނޫސްތަކުންނާއި އެހެނިގެން މީޑއާގެ ޕްލެޓްފޯމްތަކުން ދޮގު މައުލޫމާތު ފަތުރާއިރު އާއިލާއާއެކު އެއްތަނެއްގައި ތިބެގެން ބަލަން ނުކުރޭ މިންވަރަށް މީޑިއާތަކުގެ ކަންކަން ހިނގައްޖެކަމަށް ބުނެ ކުރާ ޝަކުވާ ވެސް މަދެއް ނޫނެވެ. ހަމަ އެ އުސޫލުން ސިޔާސީ މީހުންގެ ބައެއް ވާހަކަތައް ވެސް އެ ހަމާގައި ހުންނަކަން މިއީ އެންމެ ދަންނަ ހަގީގަތެކެވެ. ފަހަރުގައި ސިޔާސީ މީހާ މިކަމަށް ދެކޮޅު ހަދާފާނެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ކުރީގެ ފަނޑިޔާރަކު ވިދާޅުވީ އަހުލާގު ރަނގަޅު މުޖުތަމައެއް ބިނާ ކުރަން ބަލާއިރު މީޑިއާގެ ވާހަކަ އާ އެއް ވަރަށް ބައެއް ސިޔާސީ މީހުންގެ ވާހަކަތަކާއި އަމަލުތައް ގޯސްވެއްޖެ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ހިޔާލުފާޅު ކުރުމާއި މީޑިއާގެ މިނިވަންކަން ލިބިފައިވަނީ ވަކި ހަމައެއްގެ ތެރޭގައި ވަކި އިންތަކެއްގެ ތެރޭގައި ކަން ސިޔާސީ މީހުންނާއި މީޑިއާ ވެސް ދަންނަށް ޖެހޭނެ ކަމަށެވެ. މީޑިއާ ގޯސްކޮށްފައި ވާހަކަ ދައްކާއިރު ސިޔާސީ މީހުންގެ ވާހަކަތައް ގޯސް ނުކުރާ ނަމަ، އެ ވާހަކަ ދައްކާ މީހާ އެ ހުންނަނީ ވަކި އަތަކަށް ބުރަވެ އޭނާގެ އަމިއްލަ މަސްލަހަތު އިސް ކުރާ ހާލަތެއްގަ އެވެ.

"ސިޔާސީ މީހުން ދައްކާ ވާހަކަ ރިޕޯޓް ކުރާ މީހާ ގޯސްވާއިރު ސިޔާސީ މީހާ ދައްކާ ވާހަކައިގެ ސަބަބުން އޭނާ ގޯސް ނުވާ މުޖުތަމައަކީ ކޮން އިންސާފެއް އޮތް މުޖުތަމައެއްތޯ. ސީޔާސީ މީހާ ހިތައް އެރި އެއްޗެއްގޮތުގައި ބޭނުންހާ ދޮގު ވާހަކަ ދައްކާފައި ދިޔައިމާ އެ ވާހަކަ ރިޕޯޓް ކުރާ މީޑިއާ ގޯސް ވެއްޖެ ނަމަ، މި ރާއްޖެ ރަނގަޅު ކުރާނެ ގޮތެއް ނުވިސްނޭ،" ކުރީގެ ފަނޑިޔާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަހުލާގު ރަނގަޅު މުޖުތަމައެއް ބިނާ ކުރަން އެދި އެކަމަށް މަސައްކަތް ކުރާ ނަމަ ފުރަތަމަ ހުއްޓާލަން ޖެހެނީ ސިޔާސީ ވެރިން ދައްކާ ދޮގު ވާހަކަ ދެއްކުމާއި ހިތައް އެރި އެއްޗެއް ގޮވުން ކަމަށާއި އެއަށް ފަހު މީޑިއާގެ މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށެވެ.

"ސިޔާސީވީމާ އެމީހާއަށް ހީވާ ކަހަލަ ބޭނުންހާ ވާހަކައެއް ބޭނުންހާ ގޮތަކަށް ދެއްކުމުގެ ލައިސަންސެއް ލިބުނީހެން. އަދި ހަމަ އެގޮތަށް މީޑިއާތަކަށް ވެސް ހީވާ ކަހަލަ އެހެން. ނަމަވެސް އެ ދެބައި މީހުން ވެސް އުޅެން ޖެހޭނީ ވަކި އިމެއްގެ ތެރޭގައި. ގިނަ ފަހަރަށްވާ ގޮތަކީ ސިޔާސީ މީހުންނަށް ވެރިކަން ލިބޭތީ އެމީހުން ދައްކާ ދޮގު ވާހަކަ އާއި އާންމު އިޖުތިމާއި މިންގަނޑަށް ނުފެތޭގޮތަށް ދައްކާ ވާހަކަތަކަށް އެ މީހުންނަކަށް އަދަބެއް ލިބޭ ގޮތެއް ނުވޭ. ނަމަވެސް މީޑިއާއެއް ނަމަ، އެ މީޑިއާއެއް ފަހާ އެބަ ދުވެވޭ. މިއީ އަދުލުވެރިކަން ނެތުމުން ލިބޭ ގެއްލުން،" ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އިޖުތިމާއީ ފޭރާން މުޖުތަމައު އޮރިޔާންވަމުންދާއިރު، ރަނގަޅު ކުރަން ހުރިކަންކަން އިންތިހާއަށް ގިނަ އެވެ. މިކަމަކީ ދެ ބަސްނުވާނެ ހަގީގަތެކެވެ. ފުރަތަމަ އިސްކުރަން ޖެހެނީ ގައުމުގައި ނަގާ ކިޔާ ބޮޑުންގެ މައްސަލަ އެވެ. އެމީހުންނަކީ ވެރިކަމާއި ބާރުވެރިކަން ބޭނުން ނަމަވެސް ސާބިތު ނުހިފޭ ވާހަކަ ނުދައްކާ އަދި އާންމުންގެ ތާއިދު ހޯދުމަށް ވެސް ދޮގު ނުހަދާ ވާހަކަ ދައްކަން ޖެހޭ ބަޔަކަށް ވާން ޖެހެ އެވެ. ބޮޑުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ނުފޫޒެއް ނެތި ބެލޭނެ ނިޒާމެއް ގާއިމް ކުރަން ޖެހެ އެވެ. ބޮޑުންނަށް ކުރެވޭ ތުހުމަތުތައް ނުފޫޒެއް ނެތި ބެލޭނެކަމުގެ ޔަގީންކަން ލިބިފައިވާ ނިޒާމާ މެދު އިތުބާރު ވެސް އުފަންދަންޖެހެ އެވެ. އަދި މީޑިއާތަކަކީ ޒިންމާދާރުކަމާއެކު ހިންގާ ބަޔަކަށްވެ، މީހުންގެ އަބުރު އަދި މުޖުތަމައުގެ އާންމު އަހްލާގާ ހިލާފުނުވެ ހިންގާ ތަނަކަށް ހަދަންޖެހެ އެވެ. 

އެ ހުރީ ރަނގަޅު ކުރަން ހުރިކަންކަމެވެ. ނަމަވެސް ފުރަތަމަ ފަށަން ޖެހެނީ މަތި އިސްލާހު ކުރުން ކަމަށްވާތީ އެކަން ކުރުމަށް އިސް ނަގައިގެން އެކަން ކުރާނެ އިސް މީހަކު ނެތީތޯ މިއީ ވެސް ސުވާލެކެވެ. އެ ފަދަ މީހަކު ހުރި ނަމަ މިއަދާ ހަމައަށް އެ ކަންކަން ނުކޮށް މަޑުކޮށް އަބަދު ހަތަރުވަނަ ބާރުން ކުރާ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގެ ވާހަކަ ދައްކަނީ ކީއްވެތޯ އެވެ. މީޑިއާގެ ވާހަކަ އާ އެއް ވަރަކަށް ސިޔާސީ މީހުންނާއި ބޮޑުން ދައްކާ ދޮގު ވާހަކަ އާއި ސާބިތު ނުހިފޭ ވާހަކަތައް ހުއްޓުވުމުގެ ވާހަކަ ދައްކަން ނުކެރެނީ ތިމާގެ އަނގަ ވެސް ބަންދުވާން ޖެހުމަކީ މައްސަލައެއް ކަމަށް ދެކޭތީތޯ އެވެ. 

އަހުލާގު ރަނގަޅު މުޖުތަމައެއް ބިނާ ކުރަން އެދޭ އިރު ހުރިހާ ދިމާލެއްގައި ހުރި މައްސަލަ ރަނގަޅު ކުރަން ގާނޫނީ އޮނިގަނޑެއްގެ ވާހަކަ ދައްކަމާތޯ އެވެ. އެއީ ސިޔާސީ ވެރިން "ސިޔާސަ" ވެގެން ދައްކާ ސާބިތު ނުހިފޭ ވާހަކަތަކާއި އާއިލާއެކުގައި ތިބޭ އިރު އަޑު އަހަން ނުކެރޭ ވާހަކަތައް ދެއްކުން މަނާ ކުރާ ގާނޫނީ ފަރުވާ އާއެކު ނޫސްވެރިޔާގެ ގަލަން "ހަވަރަށް" ނުދީ ރެގިއުލޭޓް ކުރަމާ ހިނގާށެވެ. މި ގާނޫނީ ފަރުވާ ވަށާ ޖެހެންވާނީ އިންސާނެއްގެ ކިބައިގައި ހުންނާނެ އިހުސާސާއި އިހުސާންތެރިކަމާއި އޯގާތެރިކަން ކުރިއަށް ނެރެގެން ނެވެ.

މީހުންގެ އަބުރަށް އަރައިގަތުން މަނާ ކުރުމާއި ނަފުރަތާއި ހަރުކަށިކަން ހުއްޓުވަން ޖެހެނީ ހަމައެކަނި ނޫސްވެރިޔާގެ ގަލަމުން ނޫން ކަމަށާއި އަބުރަށް އަރައިގަތުން ހުއްޓުވުމަށްޓަކައި، ސިޔާސީ ބޮޑުންގެ އަނގަ ވެސް ބަންދު ކުރަން ޖެހޭވަރުގެ ގާނޫނެއް އެކުލަވާލައި މަޖިލީހުން ފާސް ކުރަމާ ހިނގާށެވެ. ވަކި ބަޔަކު އިސްތިސްނާ ނުކޮށް އެންމެންގެ މައްޗަށް ލާޒިމްވާ ގާނޫނީ ފަރުވާއަކުން ދިވެހިން ބޭނުންވާ އަހުލާގު ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް ފަސް ނުޖެހި، ގައުމު ރަނގަޅު މިސްރާބަށް ދުއްވަން ނުވޭތޯ އެވެ. ސިޔާސަތުތަކަށް ފާޑުކިޔައި ހިޔާލުފާޅުކުރުމަކީ މުހިންމު ކަމެކެވެ. އެކަމު އެކަން ކުރަންވާނީ ދެބޯގެރިނުދުއްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް