
މި އެއްބަސްވުމަށް ވާސިލުވެފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު މަލިކީއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރެވުނެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް މަންފާކުރަނިވި ގޮތަކަށް އިގްތިސާދީ ގުޅުން ކުރިއެރުވުމަށް މަގުފަހިކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެކި ގައުމުތަކާއެކު ގުޅުން ބަދަހިކޮށް، އިގްތިސާދީ ފައިދާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މި ބައްދަލުވުމަކީ އެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ.
ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 1988 ވަނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ދެ ގައުމުގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުން ދެމެހެއްޓިފައިވެއެވެ.