![](https://cnm.mv/media/images/uayah.jpg)
މި ޕޮލިސް ސްޓޭޝަން ރައީސް ހުޅުވާދެއްވީ އެމަނިކުފާނު މިހާރު ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ. ތަކަންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓާރު އަލީ އިހްސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު ބައިވެރިވެޑައިގަތެވެ. ޕޮލިސް ސްޓޭޝަން ހުޅުވާދެއްވުމަށްފަހު ރައީސްް ވަނީ އެ ސްޓޭޝަންގައި ގައުމީ ދިދަ ނަންގަވާދެއްވާފައެވެ. އަދި ސީޕީ ވަނީ އެ ސްޓޭޝަންގައި ފުލުހުންގެ ދިދަ ނަންގަވާދެއްވާފައެވެ.
ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ޕޮލިސް ސްޓޭޝަން ނެތް 46 ރަށެއްގައި 2027 ގެ ކުރިން ޕޮލިސް ސްޓޭޝަންތައް އަޅާ ނިންމާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ތަކަންދޫ ކައުންސިލް އާ އިމާރާތުގެ ބިންގާ އަޅަނީ
ރައީސް ތަކަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެޑައިގެންފައެވެ. މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
105 ރަށެއްގެ ކައުންސިލް އިމާރާތް ސަރުކާރުގެ ހަރަދުގައި އަޅާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެތެރެއިން 50 ކައުންސިލް އިމާރާތް އަޅަން ހަވާލުކުރީ ޗައިނާއާ އެވެ. އަނެއް 55 ކައުންސިލްގެ އިމާރާތް އަޅަން ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏަކާއިއެވެ.
ކައުންސިލްތައް އަޅަން މެލޭޝިއާގެ ކުންފުންޏާއި އެކު ވީ އެއްބަސްވުމުގެ ދަށުން 55 ކައުންސިލް އިދާރާ ގާއިމުކުރާނީ ފަރުނީޗަރާ އެކުކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ. މީގެތެރޭގައި ދެ ބުރިއަށް އިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނޭކަމަށާއި ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެތެރޭގައި އަދި އެއް ބުރީގެ ޢިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެތެރޭގައި ނިންމޭނެކަމަށް އުންމީދު ކުރާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 55 ކައުންސިލެއް އަޅަން މެލޭޝިޔާގެ ކުންފުންޏަކާއި ހަވާލުކުރި މަޝްރޫއުގެ އަގަކީ 36 މިލިއަން ޑޮލަރުކަމަށެވެ.