އިހަވަންދޫގައި އެކަށީގެންވާ ވަރުގެ ހޮސްޕިޓަލެއް ނެތުމުން އެރަށުގައި ހޮސްޕިޓަލަށް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮިއކޮށްފައިވަނީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިހަވަންދޫ ހޮސްޕިޓަލަށް އެޅުމުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މިކަމުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރުއެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.
އިހަވަންދޫ ރައްޔިޔުންތާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިހަވަންދޫގައި ހޮސްޕިޓަލެއް ތަރައްގީކުރުމުގެ ކުރިންވެސް މިހާރު ހުރި އާމިނާދިޔޯ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން އަންނަ ރޯދަމަހުގެ ކުރިން އެ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ފަށްޓަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ އިހަވަންދޫގައި ބީހިޔާވަހިކަމުގެ މަޝްރޫއު ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ފަރާތްތައް ހޯދަން މިއަދު ކުރި އިއުލާނުގައި އިހަވަންދުއަށް 100 ހައުސިން ޔުނިޓް އަޅާނެކަމަށް އޮތް ނަމަވެސް އެއަދަދު 200އަށް އިތުރުކުރައްވާނެކަމަށް ރައީސް މުއިއްޒު ވަނީ ވައުދުވެޑައިގެންފައެވެ.