އަންހެން ނޫސްވެރިންނަށް ފުުރައްސާރަަކޮށް ބިރުދައްކާ މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ފާހަގަކޮށް އެމްޖޭއިން ބުނީ އެފަދަަ އަމަލުތައް އިތުރުވަމުން ދިޔުމަކީ އެމްޖޭއޭ އިން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށާއި ނޫސްވެރިން ކުރާ ނޫސްވެރިކަމުގެ މަސައްކަތްތަކާ ގުޅިގެން އެމީހުންނާ ޒާތީގޮތުން ޖައްސާލާ ދިމާކޮށް ހެދުމަކީ އެމްޖޭއޭއިން އެއްވެސް މިންވަރަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އެޖަމިއްޔާއިން ބުނީ އެފަދަ އަމަލުތަަކަކީ ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސްއަޅައި ރޫހާނީގޮތުން އެމީހުން ބަލިކޮށްލައި ފަހަތަށް ޖައްސުވަން ބައެއް ފަރާތްތަކުން ގެންގުޅޭ އުކުޅުތަކެއް ކަަމަށެވެ.
މިދިޔަ ދެތިން މަހެއްހާ ދުވަސްތެރޭ ކަންބޮޑުވާ މިންވަރަކަށް އަންހެން ނޫސްވެރިންނަށް ފުރައްސާރަަކޮށް ދިމާކުރުމުގެ އަމަލުތައް ގިނަވެފައިވާކަން އެމޖޭއޭއިން ފާހަގަކުރެއެވެ. އެގޮތުން ހާއްސަގޮތެއެއްގައި އެކި އެކި މީޑިއާ ވަސީލަތްތައް މެދުވެރިކޮށް އަންހެން ނޫސްވެރިންނަށް ފުރައްސާރަކޮށް ބިރުދެއްކި 4 މައްސަލައެއް އެމްޖޭއޭ ގެ ސަމާލުކަމަށް ގެެނވިފައިވާކަން އެ ޖަމިއްޔާއިން ބުނެއެވެ.
އެމްޖޭއޭއިން ބުނީ ސަންގުޓީވީގެ ނޫސްވެރިއެއް ކަަމަށްވާ ފާތުމަތު މަދަދާ އަށް އެކްސްގައި ނޭންގޭ ގޮތަށް ހަރަކާތްތެރިވާ އެނޮނިމަސް އެކައުންޓަކުން ފުރައްސާރަަ ރައްދުވާގޮތަށް އޭނާގެ ފޮޓޯއާއެކު ޕޯސްޓެއް ކޮށްފައިވާކަމަށެވެ. އަދި އެ ޕޯސްޓްގައި ވަނީ އޭނާ މިފަހުން ރައީސްގެ އެކި އިވެންޓްތައް ކަވާ ކުރާތީ އެކަމާ ގުޅުވާފައެވެ. ޕޯސްޓްގައ ކޮމެންޓް ކުރި އެހެން އާންމު ފަރާތްތަކުންވެސް އޭނާއަށް ފުރައްސާރަކޮށްފައިވާކަން އެމްޖޭއޭއިން ފާހަގަކުރެއެވެ.
މިފަހުން ފާހަގަވި އެފަދަ އެހެން މައްސަލަތައް:
- ރިވާޔާ ނޫހުގެ އެޑިޓަރު އާއިދާ އަބްދުލް ހަކީމް ވިޔަފާރިވެރިޔަކާ ކުރި ސުވާލަކާ ގުޅިގެން ، އެ ވިޔަފާރިވެރިޔާ އާއިދާއަށް ފުރައްސާރަަކޮށް އެކްސްގައި ޕޯސްޓުތަކެެއް ކޮށްފައިވާ މައްސަލަ
- އަސްލުޓީވީގެ އަންހެން ނޫސްވެރިއެއް ކަމަށްވާ ޝާމާ ޝުއައިބް ، ފުލުހުން މަގުމަތީ ހިނގި އޮޕަރޭޝަނެއްގެ ފޮޓޯއެއް ނެގުމުން އޭނާއަށް ފުލުހުން މަޖުބޫރުކޮށް އެ ފޮޓޯ އޭނާގެ ފޯނުން ފޮހެލި މައްސަލަ
- ސަންގުޓީވީ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީއަށް ސޯޝަލް މީޑިއާގެ އެކި ޕްލެތް ފޯމްތަކުގައި ދިމާކޮށް ފުރައްސާރަކޮށް އިންޒާރު ދިނުން
- މިހާރު ނޫހުގެ ނޫސްވެރިޔާ އަދި އެމްޖޭއޭގެ އެކްސްކޯ މެމްބަރު އާސިމާ ނިޒާރު ލިޔުނު ލިޔުމަކާ ވިދިގެން އޭނާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ، ދިމާކޮށް ހެދުން
އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ މީޑިއާ ދާއިރާއާއި ނޫސްވެރިކަމުގައި އަންހެނުން ހަރަކާތްތެރިވާލެއް މަދުއިރު އަންހެން ނޫސްވެރިންނަށް ސީދާ އަމާޒުކޮށް އެ މީހުންނަށް ފުރައްސާރަަކޮށް ބިރުދެއްކުން އިތުރުވެގެން ދިޔުމަކީ މި ދާއިރާ އަށް އަންހެނުން ނިކުންނަން ފަސްޖެހޭނެ ކަމެއް ކަަމަށެވެ.
އޭގެއިތުރުން އެފަދައިން ފުރައްސާރަކުރުމަކީ މިހާރު ތިބި އަންހެން ނޫސްވެރިންނަށްވެސް ދާއިރާގައި ކުރިއަށް ދިޔުމަށް އެޅޭ ވަރަށް ބޮޑު ހުރަކެއް ކަމަށް އެމްޖޭއޭއިން ބުނެއެވެ. އަދި އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އެ ޖަމިއްޔާއިން ހުރިހާ ފަރާތަކަށް އިލްތިމާސްކުރެ އެވެ.
ފުލުހުންވެސް އެފަދަ މައއްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާ އެކަންކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެމްޖޭއޭއިން ވަނީ ގޮވާލާފަ އެވެ.