
މި އެކްސިޑެންޓް އާއި ގުޅިގެން ފުލުހުން މީޑިއާ ތަކަށް ދިން މެސެޖެއްގައި ބުނީ، ހުޅުމާލެއިން މާލެއަށް އަންނަން އޮންނަ ހައިވޭ ގައި ހުންނަ ސޯލާ ޕެނަލްތަކުގެ މަސައްކަތް ކުރިޔައްދާ ހިސާބުގައި ބަހައްޓާފައި ހުރި ކޯންއެއްގައި ޖެހި އެކްސިޑެންޓެއްވެފައިވާކަން ހެނދުނު 8:19ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުވީ މީހާ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަކަމަށެވެ. ނަމަވެސް 9 ޖަހައި އިރުކޮޅެއް ފަހުން އޭނާ ވަނީ މުރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓް ގައި މަރުވެފައިވަނީ ބަންގުލަދޭޝްގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސިނަމާލެ ބްރިޖް އާއި ބްރިޖް އާއި ގުޅިފައިވާ ހައިވޭގައި މީގެ ކުރިންވެސް ނުރައްކާތެރި އެތަކެއް އެކްސިޑެންޓްތަކެއް ހިނގާ، ބައެއް އެކްސިޑެންޓް ތަކުގައި ފުރާނަ ގެއްލިފައިވާ ކަންވެސް ފާހަގަ ކުރެވެއެވެ. މިކަމާއި ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން، ބްރިޖް އަދި ހައިވޭ ބޭނުންކުރާ ފަރާތްތަކުން، ވިހާވެސް ބޮޑަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވައިގެން ބްރިޖް އަދި ހައިވޭ ބޭނުންކުރުމަށާއި، ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމަށް އިލްތިމާސް ކުރަމުންދެއެވެ.