ads
ރައީސް އޮފީހުން ކާރެއް ނުކުންނަނީ ފޮޓޯ: މޯލްޑީވްސް އިންޑިޕެންޑެންޓް.ކޮމް
ރައީސް އޮފީހުގެ ކާރެއް ވިއްކާލަނީ، ނީލަން ފެށެނީ 15000 އިން
ރައީސް އޮފީހުގެ ކާރެއް ސިޓީލާ، ނީލަމުގައި ވިއްކާލުމަށް ހަމަަޖެހިފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.
Advertisement

ރައީސް އޮފީހުން ނީލަން ކިޔާ ވިއްކާލަން ހަަމަޖެހިފައިވަނީ 2001 ވަނަ އަހަރު އެތެރެކުރެވުނު ގަދަ އަޅިކުލައިގެ " ނިސާން" ބްރޭޑްގެ ކާރެެކެވެ.

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ގެ ކުރިން ކާރު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުމަށް ރައީސް އޮފީހުން އެދެއެވެ. އަދި ނީލަމަށް އަގުހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު ފުރިހަމަކޮށް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ނީލަމަށް ކަނޑައަޅައިފައިވާ ފޮއްޓަށް ލައިގެންނެވެ. އޭގެއިތުރުން ސިޓީއުރައިގެ ބޭރުގައި ނީލަން ނަންބަރާއި، "ކާރު ނީލަމުގައި ބައިވެރިވުމަށް" އެފަދައިން ލިޔަންވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

"ނީލަން ފެށެނީ 15،000 ރުފިޔާއިން ، އަދި ފަހަރަކު އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ 1000 ރުފިޔާ" ރައީސް އޮފީހުން ބުނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 13:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެދުވަހެއްގެ މެންދުރުފަހު  14:00 ގައި މި އޮފީހުގެ ރިހިޖެހިކޮށީގައި ހުންނަ ނޯޓިސްބޯޑްގައި އާންމު ކުރެވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

"ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެ" ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ނީލަން ކާމިޔާބު ކުރާފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު، ކާރު ގެންދަން ވާނެއެކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، އެފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާތިލުކޮށް ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެކަމަށް އެ އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ނީލަން ކާމިޔާބުކޮށް، ފައިސާ ނުދެއްކުމުގެ ސަބަބުން ނީލަން ބާތިލުކުރަން ޖެހިއްޖެނަމަ، އެ ފަރާތަކަށް ރައީސް އޮފީހުން ކިޔާ ނީލަންތަކުގައި 6 މަސްދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭނެ ކަމަށެވެ.

ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކާރު ބަލާލުމުގެ އިންތިޒާމް މާދަމާއިން ފެށިގެން ނީލަން ނިމެންދެން، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރު 12:00 އަށް އަމީނީމަގުގައި ހުންނަ ރައީސް އޮފީހުގެ ރިހިޖެހި ކޮށީގައި ހަމަޖެހިފައިވާނެ ކަމަށް އެ އޮފީހުން ބުނެއެވެ. އަދި ނީލަމަށް އަގުހުށަހަޅާ ފޯމުލާ ފޮށި މި މަހުގެ 10 އިން ފެށިގެން ނީލަން ނިމެންދެން އެ އޮފީހުގެ ރިސެޕްޝަންގައި ބަހައްޓާފައި ހުންނާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް