ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ވަކިކުރި ސިޔާސީ މުވައްޒަފުން ސިއްރުކުރަން ސަރުކާރުން ކޯޓަށް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަކިކުރި ކަމަށް ބުނާ 228 މީހުންގެ މައުލޫމާތު ދޭން އިންކާރުކޮށް، ސަރުކާރުން އެންމެ ފަހުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
Advertisement

ރައީސުލް ޖުމްހޫރިއްޔާގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް އެންގެވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް އޭރު ހާމަކުރި އެވެ.

އެ ނިންމުމާ ގުޅިގެން އެ މީހުންގެ ތަފްސީލް ހޯދުމަށް، އަމިއްލަ ފަރާތަކުން، ރައީސް އޮފީހަށް ހުށަހެޅުމުން އެ މައުލޫމާތު ދޭން ރައީސް އޮފީހުން އިންކާރުކޮށްފައިވަނީ އެއީ، ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެއެވެ. އެހެންނަމަވެސް އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ އެ މައުލޫމާތު ހާމަކުރުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރާ ހިސާބަށް، ވަކިކުރި ކަމަށް ބުނާ ސިޔާސީ މީހުންނާ ގުޅޭ ތިން މައްސަލައެއްގެ ޝަކުވާ ހުށަހެޅުނުއިރު، ތިން މައްސަލަވެސް އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައިވަނީ މައުލޫމާތު ދޭން ޖެހޭނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އެ ތިން މައްސަލައެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ތިން މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައެވެ. އެ މައްސަލަތައް ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމިކަމެއް އެނގިފައެއް ނުވެއެވެ.

ނޮވެމްބަރު 17, 2023 ގައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިނިސްޓްރީތަކަށް ނުތަކާ ވަރަށް މުވައްޒަފުން ވަނީ އައްޔަނުކޮށްފަ އެވެ. މިއަދާ ހަމައަށް އައިއިރު ވެސް މި ސަރުކާރުގައި ތިބި ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް