ބީސީސީން ބުނީ މި ޗެލެންޖުގައި ޓިކްޓޮކްތައް ވާންޖެހޭނީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ ވީޑިއޯތައްކަމަށެވެ. އަދި މި ވީޑިއޯތައް ވާންވާނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 އިސްތިހާރުކޮށް އެ މައުރަޒު ބަލަން މީހުން ދާން ޝައުގުވެރިކުރުވާކަހަލަ ވީޑިއޯތަކަކަށް ކަމަށެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލްމަހުގެ ނިޔަލަށް ކުރިޔަށްދާ މި ޓިކްޓޮކް ޗެލެންޖުގައި ކޮންމެ މަހަކު އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ޗެލެންޖުގަށް ވީޑިއޯ ހުށައަޅާ ހުރިހާ ބައިވެރިންގެ ހުށައެޅުމަށް ބަލާ އެންމެ ރަނގަޅު ހުށައެޅުމަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 15000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ބީސީސީން ބުނެެއެވެ. އެންމެ މޮޅު ވީޑިއޯ ހޮވުމުގައި އެ ވީޑިއޯއެއްގެ އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމާއި ވީޑިއޯގައި ހިމެނޭ ކޮންޓެންޓަށް މާކްސް ދޭނެކަމަށް ބީސީސީން ބުނެއެވެ. މީގެއިތުރުން އެންމެ ގިނަ ލައިކް އަދި ޝެއާ ލިބޭ ވީޑިއޯތަކަށްވެސް ބަލާނެކަމަށް ބީސީސީން ބުނެއެވެ.
މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަން - %40
- ވީޑިއޯގެ ކޮންޓެންޓް - %30
- އެންމެ އެންގޭޖްމަންޓް ގިނަ ވީޑިއޯ (ލައިކް، ޝެއަރ އަދި ކޮމެންޓް) - %30
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 ބެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުއެވެ.