މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ކަމަށްވާއިރު، މި ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، 2030 ވަނަ އަހަރުގެ ނިޔަލަށް ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ބަލި ނައްތާލުމަށް ރާއްޖެއިން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުން، ކެންސަރު ބަލީގެ ހާއްސަ މަރުކަޒެއް ގާއިމުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕެލިއޭޓިވް ކެއާ ހިދުމަތް ފުޅާކުރުމަށްވެސް ވަނީ ރޭވިފައެވެ.
މިހާރުވެސް ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ފަސް ބާވަތެއްގެ ކެންސަރު ބައްޔަށް ސްކްރީންކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެންސަރު ބަލީގެ ހާއްސަ ތަހުލީލުތައް ކުރެވޭ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ކެންސަރު ބަލި ޖެހުމަށް މަގުފަހިވާ ކަންކަން ހުއްޓުވުމަށް އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ގާނޫނު ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ސިއްހީ ފަރުވާގެ ހިދުމަތްތައް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.