އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިހާތަނަށް ހުށަހެޅި 58 އެޕްލިކޭޝަންގެ ތެރެއިން 20 ފަރާތަކަށް މިހާރު ވަނީ ހިދުމަތް ފޯރުކޮށްދީފައެވެ. މި ފުރުސަތަކީ ނުދައްކާ ހުރި ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ނިމިދިޔަ ޑިސެންބަރު މަހު އެކުލަވާލި ގަވާއިދެއްގެ ދަށުން ދެވޭ ފުރުސަތެކެވެ.
މި ފުރުސަތު ދެވޭނީ 5000 ރުފިޔާއަށް ވުރެ އިތުރު އަދަދެއް ދައްކަން ޖެހި، ނުދެއްކި ހުރި ފަރާތްތަކަށެވެ. އަދި އެ ފައިސާއަކީ ދެއްކުމުގެ ސުންގަޑި ހަމަވެފައިވާ ފައިސާ ކަމުގައިވާން ޖެހެއެވެ. މީގެ އިތުރުން މީގެ ކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދެވިފައިވާ ފަރާތްތަކަށް މި ފުރުސަތު ނުލިބޭނެއެވެ.
އެހެންނަމަވެސް، ކުރިން މިފަދަ ފުރުސަތެއް ލިބި، އެ ފުރުސަތުގެ ދަށުން ފައިސާ ދައްކައި ހަލާސްކޮށްފައިވާ ފަރާތްތަކަށް އަލުން މި ފުރުސަތަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.