ads
ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން
މިދިޔަ އަހަރުގެ ރިޔާސީ ބަޔާނަށް ނަޒަރެއް: މާލީ ހާލަތުން އަރައިގަތުން
މި ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓިނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގުންކަމަށާއި، އަދި އެއީ ގައުމުގެ އިގްތިސާދީ އަދި މާލީ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
Advertisement

ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ދެއްވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. މާދަމާ، މަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން ދެއްވާއިރު، މި ބަލާލަނީ ފުރަތަމަ ރިޔާސީ ބަޔާނުގެ ބައެއް އުސްއަލިތަކަށެވެ.

ސަރުކާރުގެ ތަރައްގީގެ ތަސައްވުރު:

ދިވެހި ގައުމުގެ ކުރިމަގަށް ސަރުކާރުން ކުރާ ތަސައްވުރު ހަގީގަތަކަށް ހެދޭނީ މާލީގޮތުން ގައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެގެންކަން ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރުން، ސޮވްރިން ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފަށާފައިވާކަމަށާއި، ބޭރު ފައިސާ ގައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ހޯދަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ދެވޭ އެއްޗަކަށް ބަދަލުކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށްރަށުގެ ތަރައްގީގެ ޕްލޭން:

ރާއްޖޭގެ ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫއުތައް ބައްލަވައި، ރައްޔިތުން އެދޭގޮތަށް އެ މަޝްރޫއުތައް އަލުން ހިންގައިދިނުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މީގެ އެއް އަހަރު ކުރިން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން، ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދާނެކަމަށާއި، އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ހަދައި، މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތްވެސް މިދިޔަ އަހަރު ފައްޓަވާނެކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުން:

ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށްޓަކައި ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަންޖެހޭކަން ފާހަގަކުރައްވައި، އޭރު ބިނާކުރަމުންދިޔަ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތްތަކުގެ އިތުރަށް، އައު 2 އެއާޕޯޓްގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފެށުމަށް ރާވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މޯލްޑިވިއަންގެ ހިދުމަތް ފުޅާކުރުމަށް އެކަމަށް އެކަށޭނަ ބިޔަ މަތިންދާބޯޓުފަހަރު ގެންނާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޑްރޯން ޑެލިވެރީ ސިސްޓަމް ތައާރަފުކޮށް، އަތޮޅުތެރެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމު މި ދިޔަ އަހަރުތެރޭގައި ހަމަޖައްސަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަން ތަރައްގީކުރުން:

ފަތުރުވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އައު 20 ރިސޯޓް މިދިޔަ އަހަރު ހުޅުވައި، 2800 އެނދު އުފެއްދުމުގެ އިތުރުން، ނުހެދި ހުރި ރިސޯޓްތައް ނިންމަން ފުރުސަތު ފަހިކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށާއި، ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް އެކުލަވާލައި އިފްތިތާހުކުރުމުގެ ގޮތުން، އައްޑޫ ސިޓީއަށް ހާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ކުރަމުންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޓޫރިޒަމްގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމަށް ރާވާފައިވާ ކަންކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުކުރުން

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން އުފައްދައި، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރު އިތުރުކޮށް، އިގްތިސާދީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި އެހާތަނަށް ރާއްޖޭގައި ފަށާ އެންމެ ބޮޑު މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލެ އަތޮޅު ފުނަދޫގައި ބައިނަލްއަގްވާމީ މާލީ މުއާމަލާތްތަކަށް ހާއްޞަ މަރުކަޒެއް ގާއިމުކުރުމާއި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ގޮތުގައި އިހަވަންދިއްޕޮޅުގައި ބަންކަރިންގއާއި، ބައިނަލްއަގްވާމީ ބިޔަ ބަނދަރަކާއި، ވިޔަފާރީގެ މަޝްރޫއެއް ހިންގުންފަދަ ބޮޑަތި މަޝްރޫއުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް