ads
ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން
މިދިޔަ އަހަރުގެ ރިޔާސީ ބަޔާނަށް ނަޒަރެއް: ބަދަލު ހިފުމުގެ ރޫހެއް ނެތް
ސަރުކާރު ކުރިއަށްދަނީ ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭނެކަމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
Advertisement

ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ދެއްވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. މާދަމާ، މަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން ދެއްވާއިރު، މި ބަލާލަނީ ފުރަތަމަ ރިޔާސީ ބަޔާނުގެ ބައެއް އުސްއަލިތަކަށެވެ.

ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ނުދިނުން

ގައުމަށް ހަމަޖެހުން އަންނަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށެވެ. އަދި އެ ރޮނގުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވާނެކަމަށާއި، ހަމައެއާއެކު ގާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާއަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާނެކަމަށާއި، އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިވަޑައިގެންފިނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުށްކުރާ މީހުންނަށް މަގުދައްކައިދީ އަލުން މުޖުތަމައަށް ގެނައުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި، ސަރުކާރުން ގާނޫނުތައް އެކަށައެޅުމުގައި ގެންގުޅޭ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުންކަމުގައި ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މަސައްކަތްކުރަނީ ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެތަންތަނަކީ އޯގާވެރިކަމާއެކު އިސްލާހުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެކިއެކި ކުށްތަކުގެ ތަހްގީގުގައި، "ވާނުވާ"ގައި، ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށްޓަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމުގައިވެސް އެމަނިކުފާނު މީގެ އެއް އަހަރު ކުރިން ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

އިސްލާމީ ވަހުދަތު ފުޅާކުރުން

ރިޔާސީ ބަޔާނުގައި، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި، ރިވެތި އަހްލާގާއި ސުލޫކު މުޖްތަމައުގައި އަށަގެންނެވުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އަލުން އުފައްދަވާފައިވާކަން ފާހަގަ ކުރައްވައި، މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ 3 ގުނަ އިތުރުކޮށްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން އާ 6 މިސްކިތް އަޅަން ހަވާލުކޮށްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޕީ.އެޗް.ޑީ. ފެންވަރަށް އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާކަންވެސް އެމަނިކުފާނު ބަޔާން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަގީރުންނަށް، މި ދައުރުގެ ތެރޭގައި، ސަރުކާރުގެ ހަރަދުގައި ހައްޖުވުމުގެ ފުރުސަތު ދެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، މިދިޔަ އަހަރު ތެރޭގައި 50 ފަގީރުންނަށް ހައްޖުވުމުގެ ފުރުސަތު ސަރުކާރުގެ ހަރަދުގައި ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރުމުގެ ގޮތުން ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގާއިމުކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޯދަ މަހުގެ ފަހު 10، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އަދި ހެޔޮ އަމަލުތަކަށް ދައުލަތުން ބާރުއަޅާ ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅިގެންދިއުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިސްލާމީ މުނާސަބާތަކާއި ގައުމީ މުނާސަބާތައްވެސް ދީނީ އަދި ގައުމީ ފުރިހަމަ ރޫހާއި އުފާ ފާގަތިކަމާއި އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން ފާހަގަކުރައްވާނެކަމުގައެވެ. މީގެ އިތުރުންވެސް ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ ވަހްދަތު ދެމެހެއްޓުމަށް ރޭވިފައިވާ މުހިންމު ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އަލިއަޅުވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް