ads
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން
މިދިޔަ އަހަރުގެ ރިޔާސީ ބަޔާނަށް ނަޒަރެއް: އުފާވެރިކަމުން މަހުރޫމް ނުކުރުން
ސަރުކާރުގެ ވިސްނުމަކީ ތައުލީމާއި، އާމުދަނީއާއި، ސިއްހަތާއި، އޯގާވެރިކަމާއި، ދިރިއުޅުމުގެ އުފާވެރި އިހްސާސްތަކުން އެއްވެސް ރައްޔިތަކު މަހްރޫމް ނުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
Advertisement

ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ދެއްވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. މާދަމާ، މަނިކުފާޏުގެ ދެވަނަ ރިޔާސީ ބަޔާން ދެއްވާއިރު، މި ބަލާލަނީ ފުރަތަމަ ރިޔާސީ ބަޔާނުގެ ބައެއް އުސްއަލިތަކަށެވެ.

ތައުލީމީ ނިޒާމަށް ޒަމާނާ އެކަށޭނަގޮތަށް ބަދަލުގެނައުން

ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ރިޔާސީ ބަޔާނުގައި، ބޮޑެތި އާބާދީތަކާ އެކަށޭނަ މިންވަރަށް ސްކޫލް މަދަރުސާތައް ބިނާކުރުމާއި އެތަންތަނަށް ބޭނުންވާ ހިދުމަތްތައް ފަހިކޮށްދެވިފައި ނެތްކަން ފާހަގަކުރެއްވިއެވެ. އަޅައިނުލާ ދޫކޮށްލާފައިހުރި ހުރިހާކަމެއް ދިރާސާކޮށް، ތައުލީމީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދޭން ފަށައި، ފައިސާ ނުލިބި މަރާމާތު ނުކުރެވި ހުރި ސްކޫލުތަކުގެ މަރާމާތުތަކަށް 30 މިލިޔަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައި، އެފައިސާ ސްކޫލުތަކަށް ކަނޑައެޅިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ މީގެ އެއް އަހަރު ކުރިން ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ތައުލީމީ ދާއިރާގެ 61 ޕްރޮޖެކްޓް އޭރު ޓެންޑަރިންގ މަރުހަލާގައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މުދައްރިސުންގެ ގޮތުގައި އެކި މާއްދާތައް ކިޔަވައިދޭނެ ގާބިލް ދިވެހީން ގިނަކުރަން ފެށުމާއި، ތައުލީމީ ދާއިރާގެ ތަރައްގީއަށް ކުރިއަށްދާ ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ.

ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނައުން

ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ރިޔާސީ ބަޔާނުގައި، އޭރު ކުރިއަށްދިޔަ މަޝްރޫއުތަކާއެކު ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް މަގު ފަހިކުރެވޭނީ ރަސްމާލެ މަޝްރޫއާއެކުކަން ފާހަގަކުރައްވައި އެ މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައިވެއެވެ.

މީގެ އިތުރުން ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމާއި، ގޯތި ދޫކުރުމާއި، ފްލެޓް ބިނާކުރުމުގެ މަޝްރޫއުތައް މިދިޔަ އަހަރު ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާލެއާއި އަތޮޅުތަކާއި ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައިހުރި ފްލެޓާއި ހައުސިންގ ޔުނިޓްތަކުގެ ކުލިކުޑަކޮށްދިނުމާއި މާލީގޮތުން ލުއިދެއްވުމަށް ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަންކަމުގެ ތަފުސީލުތަކަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ސިއްހީ ދާއިރާ ހަރުދަނާކޮށް ފުޅާކުރުން

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ޕްރިވެންޓިވް ހެލްތު ކެއަރ" ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ހާއްސަ ޕްރޮގްރާމުތައް ތަންފީޒުކުރުމަށް 2024 ވަނަ އަހަރަށް ހާއްސަ ބަޖެޓެއް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިތުރު 10 އަތޮޅެއްގައި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ފުޅާކޮށް، ހިދުމަތްދޭން ފެށުމާއި އެ ނިޒާމުގެ ދަށުން ދަމަނަވެށި ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ފެންވަރު ރަނގަޅު ބޭސް ރާއްޖެއިން ލިބޭކަން ކަށަވަރުކުރުމަށްޓަކައި "ނޭޝަނަލް މެޑިސިން ޕޮލިސީ" މުރާޖައާ ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، ރަށްރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާއިރު، ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ލެބޯޓްރީއެއް ގާއިމުކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ އެއް އަހަރު ކުރިން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުގައި ޓަރޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން ފަށާ މަޝްރޫއު ފުރިހަމަވުމުން، މާލެ ނައިސް ރަށާ ކައިރިން ސިއްހީ ފަރުވާ ހޯދޭނެ މަގުފަހިވާނެ ކަމުގައެވެ. މީގެ އިތުރުންވެސް، ކުއްލި ފަރުވާއަށް ބޭނުންވާ ހާލަތުގައި ދުރު ދަތުރުތައް ކުރުމަށްޓަކައި އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ދޭން ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށާއި، އަދި މިނޫންވެސް ސިއްހީ ދާއިރާގެ ތަރައްގީއަށް ހުރި އެކިކަންކަމަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.  

އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް