ads
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވުން
މިދިޔަ އަހަރުގެ ރިޔާސީ ބަޔާނަށް ނަޒަރެއް: ދިވެހި އަސްކަރީ ގާބިލުކަން ވަރުގަދަކުރުން
އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ގައުމު ދިފާއުކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭކަމަށާއި އަދި އެކަން ކުރަން ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.
Advertisement

ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ދެއްވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. މާދަމާ، މަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން ދެއްވާއިރު، މި ބަލާލަނީ ފުރަތަމަ ރިޔާސީ ބަޔާނުގެ ބައެއް އުސްއަލިތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެބޮޑު ވައުދުފުޅަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވަޢއުދު ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ކުރި ތާއިދަކީ، ދިވެހިރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން ފޮނުވައިލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިއާ ސިފައިން އަނބުރާ ގެންދިއުން

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން މަޝްވަރާތައް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އެ ދުވަހު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ގާއިމުވެފައި ތިބި 3 އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް، 10 މާރިޗު 2024ގެ ކުރިން ގެންދާނެކަމަށާއި، ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިހްތިޔާރުތަކެއް އިންޑިއާއަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެކަންވެސް ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށްޓަކައި، ބައިނަލްއަގްވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތު ކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖްރިބާކާރުންގެ ޓީމަކުން އޭރު ހަލުވިކަމާއެކު ކުރިއަށް ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުން

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ގައުމު ދިފާއުކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން އެއްގަމާއި، ކަނޑާއި، ވައިގެމަގުން ވަރުގަދަކުރުމުގެ ތެރެއިން، ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގައުމުގެ ކަންކަން ހިންގުމުގައި އެމަނިކުފާނު ހިފަހައްޓަވާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާއި ދިވެހި ގައުމަށް އިސްކަން ދިނުން، ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތުކަން ތަކުރާރު ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް