![](https://cnm.mv/media/images/sto-building.jpg)
މި ޕްލޭންގެ ދަށުން، އަގުތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.
އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން އެކުލަވާލާފައިވާ މި ޕްލޭންގެ ދަށުން، އަސާސީ ކާބޯތަކެތި ހިމެނޭ ގޮތަށް ހަތަރު ކެޓެގަރީއެއްގެ މުދާ އެތެރެކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު ފަދަ އަސާސީ ކާބޯތަކެއްޗާއި، ތާޒާ ތަރުކާރީ އަދި މޭވާގެ އިތުރުން، ޕްރޮސެސްޑް ކާނާއާއި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
އެސްޓީއޯއިން މިހާރުވަނީ ފުރަތަމަ ޝިޕްމެންޓްގެ އޯޑަރުތައް ކޮށް ނިންމާފައެވެ. މި މުދާ ފެބްރުވަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އޭގެ ފަހުންވެސް ގަވާއިދުން އިތުރު ޝިޕްމެންޓްތައް ގެނެވޭނެކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
ރޯދަ މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމަކަށްވާތީ، އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޝޯޓޭޖް ވުން ހުއްޓުވުމަށް މިފަހަރު ހާއްސަ ސަމާލުކަމެއް ދެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށް ދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.