މިކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އާރުސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމްއެވެ.
24 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް އާރުސީސީއާ ހަވާލުކުރީ 244،508،842.00 ރުފިޔާއެވެ. މި މަޝްރޫއު ނިންމުމަށްފަހު 5 އަހަރު ދުވަހަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއެއެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
12 ބުރިއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަގުފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ އިމާރާތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިމާރާތުގެ ބޭސްމަންޓުގައި ހާއްސަ ޕާކިން ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިން ވަސީލަތްތައް ގާއިމްކުރެވިފައިކަމަށް މިނިސްޓްރީން ބުނެއެވެ.
ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފަންގިފިލާއިން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމް ޤާއިމް ކުރެވޭނެއެވެ. އިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު (މަލްޓި-ޕަރޕަސް ހޯލް) ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި އިމާރާތުގައި ޑޭ ކެއާ ސެންޓަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.