ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ދުނިޔޭގައި ދެމެހެއްޓެނިވި ޓޫރިޒަމަށް ދެވޭ އަހައްމިއްޔަތުކަން ބޮޑުވަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު ވަސީލަތަކީ ގުދުރަތީ ރީތިކަން ކަމަށްވާތީ، މި ދެ ދާއިރާ އެއްކޮށްގެން މަސައްކަތް ކުރުމުން އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ މަގާމާ ހަވާލުވެ ވަޑައިގެން ފަސް ދުވަސް ވެފައިވާއިރު، މި މުއްދަތުގައި ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި އެމްއެމްޕީއާރުސީ އާއި މަޓީގެ އިތުރުން ބޯޓިން އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުވުންތައް ހިމެނެއެވެ.
އިންޑަސްޓްރީގެ ފަރާތްތަކުން އެންމެ ބޮޑަށް އެދެނީ މިނިސްޓްރީގެ މަސައްކަތްތައް އަވަސް ކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ހަފުތާގައި އިތުރު ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.