މި ހިދުމަތް ފުޅާކުރުމުގެ ގޮތުން އެންމެ އަވަހަށް ހިދުމަތް ލިބޭނީ ރ. އަތޮޅަށް ކަމަށާއި، އެއީ ޖޫން މަހުގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވި ގޮތުގައި ކަނޑު ދަތުރުފަތުރުގެ ނިޒާމު ހަލުވިކޮށް ފުޅާކުރުމަކީ ސަރުކާރުގެ މައި އަމާޒެކެވެ. މި ގޮތުން ބ. އަތޮޅުގައި ޖުލައި މަހުގެ ތެރޭގައި އާރްޓީއެލް ހިދުމަތް ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު އާރްޓީއެލް ހިދުމަތް ދެމުން ގެންދަނީ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ނ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅާއި، އައްޑޫ ސިޓީ އަދި ޅ. އަތޮޅުގަ އެވެ. މި ހިދުމަތް ދިނުމަށް 25 އުޅަނދު ބޭނުންކުރެވެ އެވެ.
ރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން ރަށްރަށަށް ކުރަންޖެހޭ ދަތުރުތަކަށް ފަސޭހަ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަމަކީ ޓޫރިޒަމް ކުރިއެރުވުމަށް ވެސް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.