
މެމްބަރު އަބްދުއްރަޙްމާން ވިދާޅު އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ވަރަށް ހުތުރުކޮށް ގައްސާން ވާހަކަ ދެއްކެވީ ރިޔާސީ ބަޔާނަށްފަހު މިއަދު މަޖިލިސް ތެރެއިން ބައްދަލުވެގެން ދެކެވުނު ވާހަކައިގައިކަމަށެވެ.
އަބްދުއްރަޙްމާން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ވަޒީރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ މަޖިލިހުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫމާއި ބައްދަލުވުގެން ދެންނެވިކަމަށެވެ. އެހެން ދެންނެވުމުން ގައްސާން މައުމޫން ކޯފާ އިސްކުރައްވާ އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ހުތުރުކޮށް ވާހަކަ ދެއްކެވިކަމަށް އަބްދުއްރަހްމާން ރައީސަށް ފޮނުއްވި ސިޓީގައި ވެއެވެ.
ގައްސާން އެހެން ވިދާޅުވުމުން އައްޑޫ ރައްޔިތުން އެބޭފުޅުންނަށް ވޯޓް ދެއްވައިފިނަމަ އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކުވެސް ވޯޓް ނުދޭވަރު ކޮށްދޭނެކަމަށް ގައްސާން ކެމްޕެއިން ތެރޭގައި ވިދާޅުވި ވާހަކަތައް ހަދުމަކޮށްދިނުމުން ގައްސާން މައުމޫން އިތުރަށް ކޯފާ އިސްކުރެއްވިކަމަށް އަބްދުއްރަހްމާން ވިދާޅުވެއެވެ.
އަބްދުއްރަހްމާން ވިދާޅުވީ ދައުލަތުގެ ވަޒީރަކަށް ހުންނަވާ ބޭފުޅަކު ދިވެހި ހުރިހާ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަކަށްވާއިރު 35000 ވުރެ ބޮޑު އާބާދީއެއް އެކުލެވޭ އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް އަދި ޖުމްލަކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް ނިސްބަތްކޮށް އެފަދަ މޭރުމަކު އެއްވެސް ވަޒީރަކަށް ވާހަކަ ނުދެއްކޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ގައްސާން މައުމޫންގެ ވާހަކަތައް ހުރި ގޮތަކީ ސިދާ ރައީސް ޑރ. މުއިއްޒުވެސް ރުހިވަޑައިގަންނަވާނެ ގޮތެއްކަމަށް ނުވިސްނޭކަމަށްވެސް ރައީސަށް އަބްދުއްރަހްމާން ފޮނުއްވި ސިޓީގައިވެއެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙްމާން ވިދާޅުވީ އޭނާ ގައްސާން މައުމޫނަށް ގުޅުއްވީ ދެ ސަބަބަކާއި ހެދިކަމަށެވެ. އެގޮތުން އެއް ސަބަބަކީ ކަނޑު އުޅަނދު ފަހަރު ދުއްވާ ބޭފުޅުންނަށް ހާދިސާއެއް ދިމާވުމުން އުޅަނދުގައި ތިބި މީހުން އެކަނި ސަލާމަތް ކޮށް ރައްޔިތުންގެ އަގުބޮޑު މުދަލާއި އުޅަނދު ސަލާމަތްކުރަން މަސައްކަތް ނުކޮށް ދޫކޮއްލާ މައްސަލައަށް ހައްލެއް ހޯދުމަށް އެދިކަމަށެވެ. އަދި އަނެއް ސަބަބަކީ އައްޑޫ ކައުންސިލް، އަދި އެތައް ރައްޔިތުންނަކާއި ސްޓޭކް ހޯލްޑަރުންނާއި ދެކޮޅަށް އައްޑޫ ގަމުގެ ތަރައްގީއަށް ހެދިފައިވާ ޕްލޭނާއި ހިލާފަށް ގަމުން ބޮޑުބައެއް މިލިޓަރީ ބޭނުމަށް އަދި ޑްރޯންބޭސް ހެދުމަށް ނިންމުމާއި ގުޅިގެން އެ ކަންބޮޑުވުން ހިއްސާކޮށް އެކަމަށް ހައްލެއް ލިބޭތޯ މަޝްވަރާ ކުރުމަށްކަމަށް އަބްދުއްރަހްމާން ވިދާޅުވިއެވެ.