ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތުގައި މި ވަގުތު ބްރިޖުގެ 50.88 ޕަސަންޓް މަސައްކަތް ވަނީ ނިމިފައެވެ. އަދި ފުން ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ލަސްވި ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތަށް މަޝްރޫއު ނިންމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރު ލިބެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި 100 މިލިއަން ޑޮލަރު ލިބެނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައެވެ.
ތިލަމާލެ ބްރިޖަކީ މާލެ ސަރަހައްދުގެ އުމްރާނީ ތަރައްގީގައި ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. މި ބްރިޖު ނިމުމުން މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅިގެން ދާނެ އެވެ.