ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ލޯނު ސްކީމުގެ ފުރަތަމަ ފިޔަވަހީގައި 60 މީހުންނަށް މިހާރު ލޯނު ދޫކުރެވިފައިވެއެވެ. އަދި ދެވަނަ ފިޔަވަހި މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ލޯނު ސްކީމުގެ ދަށުން 100،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 7 އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށާއި، އިންޓަރެސްޓްގެ ގޮތުގައި އަހަރަކު 6 ޕަސަންޓު ނެގޭނެއެވެ.
އަންހެނުންގެ ކުރިއެރުމާއި އެ ކަނބަލުން ބާރުވެރިކުރުވުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ގޮތުން ހުޅުމާލޭގައި އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ހާއްސަ ސަރަހައްދެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.