މިނިސްޓަރު މުއްތަލިބް މަކުނުދޫއަށް ވަޑައިގެން ވަނީ ރަށު ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރި ބައެއް މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އެކި ބޯޑުތައް ހިފައިގެން ޝޫއޫރު ފާޅުކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވަނީ މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ ރަށުގެ އެއާޕޯޓު ސަރުކާރުން ތަރައްގީކުރަނީ، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތެއްގެ ގޮތުގައި ދެކިގެންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަކުނުދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން މިހާރު ހިއްކާ ނިމިފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ހިއްކި ބިމުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް ނިމުމުން، އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން އިއުލާނު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެމްޓީސީސީ ނޫނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ވެސް އެ މަސައްކަތް ކުރާނެ ބަޔަކު ހޯދައި ރަންވޭ ހެދުމާއި ޓާމިނަލްގެ ޢުމްރާނީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.
މަކުނުދޫ އެއާޕޯޓު އަޅަން ބިން ހިއްކަން ބިގްފިޝް މޯލްޑިވްސްއާ ހަވާލު ކުރީ ޖޫން 2022ގަ އެވެ. ޖުމްލަ 16 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ބިން ހިއްކަން ފެށީ ސެޕްޓެމްބަރު 2023ގަ އެވެ.
އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިންވަނީ މިހާރު ހިއްކާފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.