
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޏ، ފުވައްމުލަކު، ފުނާޑު/ ހެޕީލައިފް، ރިޟުވާން ޢަލީ, 21,އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ޖެހި 15 ދުވަސް ހަމަވެގެން، އިތުރު 5 ދުވަސް މިހާރުވަނީ ޖަހާފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި، ރިޟުވާން ކުށްކުރި ކަމަށް ތުހުމަތު ކުރޭ މިންވަރަށް ހެކި ހުށަހަޅާފައިވާއިރު، ތުހުމަތު ކުރެވެނީ ޖަނަވަރީ މަގު ވެލިގާ ހާޑްވެއާ ކައިރީ ބަހައްޓާފައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލި ކަމަށެވެ. ސައިކަލުގައި ރޯކޮށްލި ކަމަށް އިއުތިރާފުވެ، އެއީ 'ބަގުރާ ބޮއެގެން' ހުރެ ކުރެވުނު ކުށެއް ކަމަށް ރިޟުވާން ބުނެފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ.
ސީނަށް ދިޔަ ފުލުހުންގެ ބަޔާން ނަގާއިފައިވާ ކަމަށާއި ހާދިސާ ހިނގި ސަރަހައްދުގައި ރިޟުވާން ހަރަކާތްތެރިވާ ތަން ސީސީޓީވީ ސްނެޕް ޝޮޓުތަކުން ފެންނަ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އޭގެއިތުރުން، އިންޓެލިޖެންސް ރިޕޯޓު ކޯޓަށް ހުށަހަޅާފައިވާއިރު، ސައިކަލަށް ލިބިފައިވާ ގެއްލުންތައް ފޮޓޯތަކުން ފެންނަ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.
އޭނާއަކީ ކުށްކުރާ ޖަމާއަތަކަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
އެންމެ ފަހުގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ދައުވާ ކުރުމާމެދު މަޝްވަރާ ކުރުމަށް ފުލުހުންވަނީ ޕީޖީއަށް ހުށަހަޅާފަ އެވެ.