![](https://cnm.mv/media/images/Screenshot-2025-02-08-151439.jpg)
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީދޫގެ މަގުމަތީގައި އަޑުގަދަކޮށް ހަޅޭއްލަވަމުން ދިޔަ ކުދި ބަޔަކަށް އެގޮތައް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެކަމަށް ބުނެ ޖަދަލުކޮށްފައިވާކަމަށެވެ. އަދި އެކުދިން ވަނީ ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިކަމަށްވެސް ފުލުހުން ބުނެ އެވެ.
އެހެންކަމަށްވުމާއެކު ޕޮލިސް ސްޓޭޝަންއަށް ހާޒިރު ވުމަށް އެދުމުން ހަމަނުޖެހުން ހިންގައި އެ ޕޮލިސް އޮފިސަރަށް ހަމަލާދީފައިވެއެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ގެންދާއިރު ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަވެސް ފުލުހުން ބަލަމުން ގެންދާކަމަށް މޯލްޑީވއސް ޕޮލިސް ސާވިސް އިން މައުލޫމާތު ދެއެވެ.
އޭގެއިތުރުން އެ ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި އަމަލުކޮށްފައިވާގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑް އިން ކުރަމުންދާކަމަށް އެފަރާތުން ބުނެ އެވެ.
މި މައްސަލަ ފެންމަތިވީ ފުލުސް އޮފިސަރަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ އެ ކުއްޖާ ކޮންޓްރޯލް ކުރަން އޮފިސަރު އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.