
ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަން އަލުން ހުޅުވީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެތަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލާއެވެ.
ގާތްގަނޑަކަށް 50 އެއްހާ އަހަރު ވަންދެން "ސަލްޓަން ޕާކު"ގެ ނަމުގައި އޮތް އެ ޕާކުގެ ނަން "ރަސްރަނި ބަގީޗާ"އަށް ބަދަލުކުރީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ރައީސް ޔާމީން ވެރިކަމުގައެވެ. އެހެންނަމަވެސް އަލުން އެތަނުގެ ނަން "ސަލްޓަން ޕާކު"ގެ ނަމަަށް ބަދަލުކުރީ މިދިޔަ އެމްޑީޕީ ވެރިކަމުގައި 2019 ވަނަ އަހަރުއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ސަލްޓަންޕާކް 2016 ގައި ހުޅުވި އެއްވެސް މަރާމާތެއް ކޮށްފައި ނުވާތީ އެތަން ހާލުވެފައިވާކަށެވެ. އެހެންކަމުން އެތަނުގެ އެސެސްމެންޓެއް ހަދާފައިވާކަމަށް ކައުސިލުން ބުނެއެވެ.
ކައުންސިލްގެ އެސެސްމެންޓްގައި ވާ ގޮތުން އެތަނުގައ ކުޑަކުދިން ކުޅެން ހަދާފައިވާ ސަރަހައްދު މިހާރު ހުރީ ބޭނުންކުރަން ރައްކާތެރި ނޫން ފެންވަރެއްގައެވެ. އަދި ބައެއް ތަކެތި މަރާމާތު ނުކޮށް ބޭނުން ނުކުރެވޭނެކަަމަށްވެސް ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން ބުނީ ޕާކް މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިއަށް އޮތް ހަފްތާގެތެރޭ އިއުލާންކުރާނެކަމަށެވެ.