
އޮޑިޓް އޮފީހުން ވަނީ ފުލުހުންގެ ހައުސިން ޕްރޮޖެކެޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) މަސައްކަތް ކުރިޔަށް ގެންގޮސްފައިވާގޮތް ބެލުމަށް ހާއްސަ އޮޑިޓެއް ކޮށްފައެވެ. ފުލުހުންނަށް ހާއްސަކޮށްގެން 2013 ވަނަ އަހަރު އަޅަންފެށި ތިން ޓަވަރުގެ ހައުސިން މަޝްރޫއުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިންނެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެ މަޝްރޫއު ޕޮލްކޯއާ ހަވާލުކުރުމުން އެ މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެ ކުންފުންފުނީގެ އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަމަށެވެ. މަޝްރޫއު އޮޑިޓްކުރި ތާރީހުގެ ނިޔަލަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައއިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ މިއަދު ވަނީ ހާޒިރުކޮށްފައެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނަރަލް ނިޔާޒީ ވިދާޅުވީ ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތް ބެލުމަށް އެ އޮފީހުން މަސައްކަތް ކުރިކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރުމުން ޕޮލްކޯގެ ސާވާއެއްގެ މައްސަލަ ޖެހިފައި ހުރުމުން ލިޔެކިޔުންތައް ފެންނަން ނެތްކަމަށް ފުލުހުންގެ ވެރިން ބުނިކަން ނިޔާޒީ ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ގެޒެޓުން ފެނޭތޯވެސް ބެލިކަމަށާއި ގެޒެޓްގައިވެސް އެ މައުލޫމާތު ނެތްކަމަށް ނިޔާޒީ ވިދާޅުވިއެވެ.
އޮޑިޓާ ޖެނަރަލް ވިދާޅުވީ އޮޑިޓް ރިޕޯޓް ނެރުނު ފަހުން ޕޮލްކޯއިން އެކަމާ ގުޅޭ ބައެއް ސިޓީތައް ފޮނުވިކަމަށެވެ. އެހެންނަމަވެސް ރިޕޯޓު ނެރުމާ ހަމައަށްވެސް، އެ މަޝްރޫއުއަށް ބިޑުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތެއް އެނގެން ނެތްކަމަށެވެ. އޮޑިޓާ ޖެނެރަލް ވިދަޅުވީ ރިޕޯޓްގައި އެ މައްސަލަތައް ފާހަގަކުރީވެސް އެކަމަކީ ތަހުގީގީ އިދާރާތަކުން ބަލަންޖެހޭ ކަންކަމަށް ގަބޫލުރެވޭތީކަމަށެވެ.
ފުލުހުންނަށް އެޅި ފްލެޓް މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފައިވާ ކަންކަން ހިނގާފައިވާކަން ފާހަގަކޮށް އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް ހޯދާ ފިޔަވަޅު އެޅުމަށް އޭސީސީއާ ތަހުގީގީ އިދާރާތަކަށް އޮޑިޓާ ޖެނެރަލް ވަނީ އަންގާފައެވެ.