އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯގެ ހުރިހާ ލޮޖިސްޓިކްސް އޮޕަރޭޝަންތައް ބަލަހައްޓާނީ އީޓުކުރިންނެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 70 އަށްވުރެ ގިނަ ސްޓޯލް ބަހައްޓާ ކަމަށް އިވެންޓް އިންތިޒާމުކުރާ ދި ޓްރެވަލް ގައިސްއިން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވާ މި އެކްސްޕޯގައި ލައިވް މިޔުޒިކްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ހަވީރުތައް ކުރިއަށް ގެންދާނެއެވެ. މި އެކްސްޕޯގެ ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި ހުރި ހާއްސަ ކަންކަމާއި ސަގާފަތް އިޝްތިހާރުކޮށް، ރަށު ޓޫރިޒަމް ކުރިއެރުވުމެވެ.