މައްސަލަ ހައްލުކުރުމުގެ ގޮތުން އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މިއަދު ވަނީ މިކަމާ ގުޅޭ މުހިއްމު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭހުގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމުކުރުމެވެ.
ބައްދަލުވުމުގައި ނިންމި ބައެއް ކަންކަން:
އެސްޓީއޯ އިން ބުނީ މިއަދު އެކުލަވާލި ޖޮއިންޓް ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ ރަނގަޅު މައުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
އާންމުކޮށް ބޮޑެތި އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އާސަންދަ މެދުވެރިކޮށް ބޭސް ގަންނަން ނުލިބުމާއި މީގެ ކުރިން އާސަންދައިން ލިބުނު ބޭސްތައް މިހާރު އެ ސްކީމުގެ ދަށުން ނުލިބޭކަމުގެ ޝަކުވާ ގިނަ އެވެ.