
އިމިގްރޭޝަނުން ބުނީ މި މީހާ އަތުލައިގަތީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.
ހަށިވިއްކާކަމުގެ ތުހުމަތު ހައްޔަރުކޮށް ޑީޕޯޓްކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ އަންހެނެކެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މީހާ ހަށިވިއްކުމުގައި އެޖެންޓެެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހާވެސް ވަނީ އަތުލައިގެންފައެވެ. އެއީ އުމުރުން 52 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. މި މީހާ ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި ސަރުކާރު އައި ފަހުން މިހާތަނަށް 6،076 ބިދޭސީން ރާއްޖެއިން ބޭރަށް ޑީޕޯޓްކޮށްފައިވާކަމަށް، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކުރަމުން އަންނައއިރު ހަށިވިއްކުމުގައި މަސައްކަތް ކުރި ގިނަ އަދަދެއްގެ ބަޔަކުވެސް ވަނީ ޑީޕޯޓްކޮށްފައެވެ.