![](https://cnm.mv/media/images/lok-saba.jpg)
އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއާމަންގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ލޮކް ސަބާގެ ރައީސް އޯމް ބިރްލާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިކަަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު 2019 ވަނަ އަހަރު ހެދިފައިވާ އެމް.އޯ.ޔޫ.ގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތަކާގުޅޭ ގޮތުން މި ބައްދުލުބުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިކަމަށް މަޖިލީހުން ބުނެެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީއާއި އަރުޝީފް އިތުރަށް ތަރައްޤީކުރުމަށް އިންޑިއާގެ ލޮކް ސަބާގެ އެހީތެރިކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.
މަޖިލީހުގެ ވަފްދު އިންޑިއާގެ ލޮކް ސަބާގައި
އޯމް ބިރްލާ ވަނީ އިންޑިއާގެ ޑިޖިޓަލް ޕާލަމެންޓްރީ ކުރިއެރުންތަކާއި މީހުންތަމްރީން ކުރުމާއި ކުރިއެރުވުމުގައި ލޮކްސަބާ ގެ ޕާލަމެންޓްރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރަށް އަލިއަޅުވާލައްވާފައެވެ. އަދި ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ކަށަވަރުކޮށްދެއްވިކަމަށްވެސް މަޖިލީހުން ބުނެއެވެ.
މިދަތުރުގެ ސަބަބުން ދެމަޖިލީހުގެ ދެމެދުގައި އޮތްގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މި ބައްދަލުކުރެއްވުމުގައި ލޮކް ސަބާގެ ރައީސް އޯމް ބިރްލާ އަށް ދިވެހިރާއްޖެއަށް ޒިޔާރަތެއްކުރެއްވުމަށް ދައުވަތުދެއްވިކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. .
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމަނިކުފާނުގެ އަރިހުގައި އިންޑިއަށް ވަޑައިގެން އުޅުއްވާ ވަފުދުގެ ޝަރަފުގައި ލޮކް ސަބާގެ ރައީސް އޯމް ބިރްލާ އިއްޔެ ވަނީ މެންދުރުގެ ފަރިއްކޮޅެއްވެސް ދެއްވާފައެވެ. އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދާގޮތް ދިވެހި ވަފުދުން ވަނީ ބައްލަވާލައްވާފެއެވެ. މީގެ އިތުން އިންޑިއާގެ ޤާނުނުހަދާ މަޖިލީހުގެ މުހިއްމުއެކި ތަންތަން ދިވެހި ވަފުދުން ޒިޔާރަތްކުރައްވާ އެތަންތަނުގެ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހޯއްދެވިއެވެ.