ads
ސިއްރު - 25 ވަނަ ބައި
އެޕިސޯޑް 25
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

އަހަރެންގެ އެކުވެރިން ސިޓިންގރޫމްގައި ތިއްބެވެ. ގައިސަރްއާއި އަންޔާ ސޯފާގައި ގުޅައަކަށްޖެހިފައި ތިއްބެވެ. ނަޔާރާ އިނީ ވަކި ސޯފާއެއްގަ އެވެ. އިކާން އައީ ކޮން އިރަކުކަމެއް ނޭގެ އެވެ. އީތަންއާއެކު އަހަރެން ސިޓިންގރޫމަށް އައިއިރު ކޮންމެވެސް ކަމަކާއިބެހޭގޮތުން، އިކާން އާއި ކާމިލްގެ ދެމެދު ކުޑަވަރެއްގެ ޒުވާބެއް ކުރިއަށްދިޔަ އެވެ.

"އަލްހަމްދު ލިއްﷲ ޝުކުރު..! ރިދީ..! ކާމިލްގެ އުނދަގޫޖެހިގެން މިއުޅެނީ.. ހަމައެއްގޮތަކަށްވެސް އަހަރެން ރިދީއާއި ހަމަޔަށް ދިޔައަކަނުދިން..! މީނަ ހިފަހައްޓައިގެން ނުނައްޓައިގެން މިއުޅެނީ..!" ހިތްހަމަނުޖެހިފައި އިކާން ބުނެލީ ޝަކުވާކުރުމުގެ ގޮތުންނެވެ. 

ކާމިލްގެ އަތުތެރެއިން އިކާންގެ އަތް ފޮޅުވާލާފައި ނުހަނު ބާރަށް އިކާން އައީ އަހަންނާއި ދިމާއަށެވެ. އަހަރރެން ގައިގައި ބައްދާލަން އުފުލާލީ އަތާއެކު އިކާންގެ ހަރަކާތް ހުއްޓުނެވެ. އެވީގޮތެއް އެހެން މީހަކު އަހަރެން ގާތުގައި ބުނާކަށްވެސް ނުޖެހެ އެވެ. ޔަގީންކަމާއެކު އަހަރެން ފަހަތަށް ބަލައިލީމެވެ. އިކާންގެ ނަޒަރު ސީދާ އަމާޒުކޮށްފައިހުރީ އީތަންއަށެވެ. އީތަންގެ ދެ ލޮލުން އަލިފާންކަނި ބުރާވަރަށް ރުޅިގަދަވެފައިވާކަން ސާފުކޮށް ފެނެ އެވެ. 

ކުށްލިޔަކަށް ސިއްސައިގެން ދިޔައީ އަހަރެންގެ އުނަގަނޑުގައި ހިފަހައްޓާފައި ލުއްކިއެއް ޖެހުމުންނެވެ. އަހަރެންގެ ހަށިގަނޑު ގަދަކަމުންކަހަލަ ގޮތަކަށް އީތަންގެ ގައިގައި ތަތްކޮށްލި އެވެ. ހައިރާންވެފައި އީތަންގެ މޫނަށް  ބަލައިލީމެވެ. ހަސަދައިގެ އަލިފާނުން އީތަން އަނދަންޖެހޭވަރުގެ ކަމެއް އެތަނުގައި ހިނގިކަމެއް ނުދެނަހުރީމެވެ. އެކަމަކު އީތަންގެ ހާލަތަކީ އެއީ އެވެ. ދެ ލޯ ވަށްކޮށްފައި ދެބުމަ ގޮށްޖަހާފައި އީތަންއާއި ދިމާއަށް އިކާން ލޯއެޅި އެވެ. ކަހަރުވަކެކޭވެސް އީތަންގެ ހިތަށް ނާރަ އެވެ. 

ދެމީހުންގެ ދެމެދު އުފެދެމުންދިޔަ ހޫނުގެ އަލިފާންކަނި ބުރާފާނެހެން ހީވުމުން އެދެމެދަށް އަހަރެންވަނީމެވެ. 

"ހައި އިކާން..!" އިކާންއަށް ގޮވާލާފައި އީތަންގެ އަތުތެރެއިން ސަލާމަތްވެގެން އަހަރެން އިކާންއާއި ގާތަށް ޖެހިލީމެވެ. ފިކުރެއް ހިޔާލެއްނެތި އިކާން އަހަރެން ގައިގައި ބައްދާލި އެވެ.  ކެކެމުންދިޔަ ވޮލްކެނޯ ހީވަނީ ދެންމެ ދެންމެ ގޮވާފާނެހެނެވެ. 

"ހައު އާ ޔޫ ބޭބީ..؟" ނުހަނު ލޯބިކޮށް ހިނިތުންވެލާފައި އިކާން ސުވާލުކޮށްލި އެވެ. އީތަންދެކެ އައިސްފައިވާ ރުޅިވެސް ހަމަ އެސިކުންތުގައި އިކާންގެ މޫނުން ބުރައިގެން ހިގައްޖެ އެވެ. 

"ބޭބީ..!!؟؟" އީތަން އާއި ކާމިލް، ދެމީހުން އެކުގައި ބުނެލީ ހައިރާންވެ އަންތަރީސްވެގެން ނުހަނު ބާރަށެވެ. 

"ރިދީ.. އަހަރެންނަށް ދޯކާ ދިނީދޯ..! އަހަރެން ނޫން އެހެންމީހަކުވެސް ހޯދީ ދޯ.." ޖޯކަރެއް ފަދައިން މޫނާއި ތުންފަތަށް ވައްތަރުތައް ޖައްސަމުން ރޮނީކަމަށް ގޮތްދައްކާލާފައި ކާމިލް ބުނެލި އެވެ. 

ވަށްކަޅިން އަހަންނާއި ދިމާއަށް ބަލާލާފައި، މޭޒުކައިރިއަށް ގޮސް، ޕްޕޮކޯންތަށި ހިފައިގެން އައިސް ކާމިލް، ކާންފެށި އެވެ. 

"ހިނގާބަލަ ކާންހުރި އެއްޗެއް ބަލައިލާން.." އަހަރެންގެ އަތުގައި ހިފާފައި ދަމައިގަންނަމުން އިކާން ބުނެލި އެވެ.

އިކާނ ދަމައިގަތުމުން، އީތަންގެ އަތުތެރެއިން އަހަރެންގެ އަތް ދޫވެގެން ދިޔަ ވަގުތު ދެމީހުންނަށް އެކުގައި ބަލައިލެވުނެވެ. މާނަކުރާން ނޭގުނު ތަފާތުކަމެއް އީތަންގެ ލޮލުން އެވަގުތު އަހަރެން ދުށީމެވެ. ހުޅުވިފައި އޮތް ސަފްހާތަކެއް ފަދައިން، ފަސޭހަކަމާއެކު އީތަންގެ ލޮލުގެ އިހްސާސްތައް އަހަރެން ދެނެގަންނަމެވެ. އީތަންގެ ދުލުގެ އިބާރާތަށްވުރެން އެ ހިތްގައިމު ލޮލުގެ އިޝާރާތް އަހަރެން މާރަގަޅަށް ދެނެގަންނަމެވެ. ނަމަވެސް ބައެއް ފަހަރުތަކުގައި އެއީ ކުރުން ނާދިރުކަމެކެވެ.

ކޮންމެއަކަސް، އިކާންއާއެކު އަހަރެން ބަދިގެއަށް މިސްރާބްޖެހީމެވެ.

"އިރުއޮއްސޭހާއިރު އަހަރެން އަންނާނަން.." ދަތްކުނޑިވިކާފައި ނުރުހުމާއެކު އީތަން ބުނެލިއަޑު އިވުމުން އަހަރެން ބަލައިލީމެވެ. 

ނަމަވެސް އަހަރެންނާއި ދިމާއަށް އީތަން ބަލައިވެސް ނުލި އެވެ. ނިކުމެގެންދިޔައީ ނުހަނު ބާރަށް ދޮރުޖަހާފަ އެވެ. 

އެއްމިޔަކަނުން ހެވިފައި ހުރެވުނުކަން އެނގުނީ އަހަރެންނާއި ދިމާއަށް ނަޔާރާ ބަލަހައްޓައިގެން ހުރިގޮތުންނެވެ.

"އަހަރެން ހެނީއެއް ނޫން.. އެކަމަކު ދެންމެ އެ ފެނުން މަންޒަރާއުމެދު ވިސްނާލެވުނީ.." ކޮންމެވެސް އެއްޗެއް އެވަގުތު ބުނަންޖެހޭތީ އަހަރެން ފޫބައްދާލީމެވެ. 

އީތަން ކިތަންމެ ރުޅިއަޔަސް، އަދި ހަސަދަވެރިވިޔަސް އެންމެ ރަގަޅެވެ. އޭނާގެ އަމިއްލަ ހަރަކާތުގެ ހަނދާންތައް ލޯކުރިމަތީގައި އެނބުރުން އެއީ އެހެންމީހެއްގެ ކުށެށް ނޫނެވެ. މިތަނުގައި ތަކުރާރުވީ އީތަން ކުޅެފައިވާ ޑްރާމާއެއްގެ މަންޒަރެވެ.

...........................

ވަގުތުތައް ދިޔަގޮތެއްވެސް ނޭގުނެވެ. އަހަރުމެން އެންމެން އެކުގައި ދެ ފިލްމްބަލައި ނިންމާލެވިއްޖެ އެވެ. ލޯބީގެ ފިލްމުތަކުގެ ބައެއް މަންޒަރުތައް ބަލަން އަހަންނަށް އުނދަގޫވިޔަސް، ރޮކް5ގެ މެންބަރުންނަށް އެފަދަ މަންޒަރުތައް އެއީ އާންމުކަންކަމެވެ. ލަދުވެތިކަމާއެކު އިސްޖަހައިލުމާއި ހިތްދަތި މަންޒަރުތަކުގައި ކަރުނަފޮހެލާންޖެހުމަކީ އަހަރެންގެ އާދަ އެވެ. އެކަމާ އެމީހުން ދިމާނުކުރާ ދުވަހެއް ނުދެ އެވެ. 

އިރުއޮއްސުނު އިރެއްވެސް ނޭގެ އެވެ. އަސުރުނަމާދުކުރިފަހުން މިހައި އިރުވެއްޖެކަން އިހްސާސްވެސް ނުވެ އެވެ.

ބޭރު ދޮރުގައި ބެލް އަޅައިލީ އެ މައުލޫއިން އަހަރެން ސަލާމަތްކުރާނެ މީހަކު ނުވެފައި އިންދަ އެވެ. 

"ހީވަނީ އީތަން އައީހެން.." އަންޔާ ބުނެލިއަޑަށް އަހަރެން ބަލައިލީމެވެ. އޭރު ދުވެފައިގޮސް، އަންޔާ ދޮރު ހުޅުވައިފި އެވެ. 

ފެނުނީ ހިތްގައިމު މަންޒަރެކެވެ. އިންސާނެއްގެ ހިތަށް ފިނިކަން ހޯދަން މިފަދަ ވަގުތެއްގައި އެންމެ ބަލާލަން ބޭނުންވާނެ މަންޒަރު އަހަރެންގެ ގޭގެ ދޮރުމަތިން އެހުރީ ފެންނާށެވެ. ދުވަމުންދިޔަ ހިތްގައިމު ސަވޭޖް ސެންޓުގެ އަސަރު އަހަރެންގެ މުޅި ސިޓިންގރޫމް ތާޒާކޮށްފި އެވެ. ހުދު ގަމީހުގެ މޭމަތީން ތިން ގޮށް ނައްޓުވާލާފައިވާއިރު މި އެންމެންގެ ތެރޭގައި އީތަންއާއި ދިމާއަށް ބަލާކަށް ފަސޭހައެއް ނޫނެވެ. އަހަރެންގެ ދެ ކޯތާފަތާއި މޫނުމަތީން ހޫނުކަން އިހްސާސްވާން ފަށައިފި އެވެ. ޓޮމާޓޯއެއްފަދައިން މޫނު ރަތްވެފައިވާކަން ޔަގީނެވެ. އަހަރެންނާއި ދިމާއަށް ވަށްކަޅީން އީތަން އެބަލަނަކީ ކީއްވެކަމެއް ނޭގެ އެވެ. އެއްމިޔަކަނުން ހިނިއައިސްފައި ހުރީ ނުރައްކާތެރިގޮތަކަށެވެ.

ހަގީގަތުގައިވެސް އީތަންގެ މޫނުން އެއްވެސް އެއްޗެއް ސާފުކުރާން މިއަދު އަހަންނަށް ފަސޭހައެއް ނޫނެވެ. ހަގީގަތެއް ނޭގޭ އެތައް ވާހަކަތަކެއް އެ މޫން ފެނެ އެވެ. ފޮރުވަން އުޅެނީ ކޯއްޗެއްކަމެއް ނުވަތަ އެ ސިކުނޑީގައިވަނީ ކޯއްޗެއްކަން މިއަދު އަހަންނަކަށް ނޭގެ އެވެ.

ކޮންމެއަކަސް އަހަރެންގެ އީތަން ކިތަންމެހާވެސް ފުރިހަމަ އެވެ. ދުރުގައި ހުންނާން ކެތްނުވާހާވެސް ފިރިހެންވަންތަ އެވެ. އިހްތިޔާރަކާއި ނުލައި އަހަރެންގެ ހިނިތުންވުން ފާޅުވާންފެށި އެވެ. ފާޑުފާޑު ލާނެއް ގޯނާތައް އީތަންއާއެކު ހިޔާލްކުރެވެން ފަށައިފި އެވެ. ކިތަންމެވަރަށް ބަލާން ހުންނާންޖެހުނަސް، ފޫހިކަމެއްނެތި އެ ސޫރައަށް ބަލަންހުރެވިދާނެ އެވެ.   އަހަރެންގެ ހިތް އުފަލުން ނަށާލިވަގުތު ލޮލުގެ އުޖާލާކަން އިތުރުވެގެންދިޔަކަން ޔަގީނެވެ. ނުހަނު އުފަލުން އަހަރެން އީތަންއާއި ދިމާއަށް ދާން ފިޔަވަޅުއެޅީމެވެ.

ފާއިތުވެ މިދިޔަ ވަގުތުތަކުގައި އީތަން ނެތްކަމުގެ އިހްސާސުން އަހަރެން ސިއްރުކުރި ހުސްކަން، ކުއްލިޔަކަށް ނެތި ހިގައްޖެ އެވެ. އާއެކެވެ. ވަރަށް ބޮޑަށް 'މިސް'ވި އެވެ.  

"ގައިޒް... މީޓް ހަރ..!" އީތަންގެ އަޑާއެކު އެހެންމީހުންގެ ހަރަކާތްތައް އަހަންނަށް ފަނޑުވި އެވެ. 

ދެފައިގައި ތަޅުއެޅުނީ މުޅި ހަށިގަނޑުގެ ހަރަކާތްތައް ގަނޑުވުމުން ނެވެ. އީތަންގެ ފުރަގަހުން ނިކުމެ، ބޯދިއްކޮށްލި އަންހެންކުއްޖާ ފެނުމާއެކު އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތެވެ. 

އަންޔާގެ ހަރަކާތްތައް އަހަރެން އާޝޯހްކޮށްލި އެވެ. ނުރުހުމާއި ހިތްހަމަނުޖެހުމާއެކު އެކުއްޖާއަށް އަންޔާ ބަލަހައްޓައިގެން ހުރީ ދެއަތް މުށްކަވައި ކޯ ކަށިގަނޑު ބިންދައިގެން ދާވަރަށް ދަތްކުނޑިވިކާލައިގެންނެވެ. ރުޅިއައިސް ރަތްވެފައިހުރި ކާމިލްއާއި ނަޔާރާގެ ވާހަކަ އިތުރަށް ދެއްކުމެއް ނެތެވެ. ނަފްރަތުން ދެމީހުންގެ ދެ ލޯ ރަތްވެއްޖެ އެވެ. 

"ހައި ޒާޔާ..!" ދުވަހެއްގައިވެސް އިންސާނަކަށް މިހާތަނަށް އަހަރެން ރައްދުކުރި އެންމެ 'ފޭކް ސްމައިލް'  އޭނާއަށް ހަދިޔާކޮށްލީމެވެ. 

އަނގައިން ނުބުނެވާނެ އެއްގޮތެއްވެސް ނެތެވެ. އޭނާ އެހުރީ އަހަރެންގެ ގޭގަ އެވެ. މެހެމާނުންނަށް ކަމޭހިތަންޖެހޭތީ އަހަރެން އަނގައިން ބުނީމެވެ. މޭގައި އޮތް ހިތުން ލޭހިލިފައިވާކަން އެހެންމީހަކަށް ނޭގޭނެ އެވެ. އަހަރެންގެ ގެއަށް އޭނާގޮވައިގެން އީތަން އައީތީ އަހަރެންގެ އަންތަރީސްވެއްޖެ އެވެ.

"މީގެފަހުން އަހަރުމެންގެ ދިރިއުޅުމުގައި މުޅިން އައު 'ރިދީ'އަކީ މިއީ..! މާނައަކީ ރިދީގެ ރިޕްލޭސްމެންޓަކީ މިއީ.." ނުހަނު އުފަލުންކަން ދައްކަމުން އީތަން ބުނެލީ ހަރުކަށިކަމާއެކު އެވެ.

އޭނަ އެ ބުނީ އަހަންނަށް އަޑުއިއްވަންކަމެއް ނުވަތަ ދެންތިބިމީހުންނަށް އޭނާ ތައާރަފްކޮށްދިނީކަމެއް އަހަންނަކަށް ނޭގެ އެވެ. 

"އަހަރުމެންގެ ދިރިއުޅުމުގައި ރިދީގެ ދައުރު އެހެންއެކަކަށްވެސް އަދާނުކުރެވޭނެ.. އެ މަގާމު އެހެން އެކަކަށްވެސް ނުދެވޭނެ" އަޑުހަރުކޮށް އަންޔާ ބުނެލީ ހަރުކަށިކަމާއެކު އެވެ. 

"ޝީ އިޒް އަ **"! ނަފްރަތުން ފުރިގެންވީ ބުނެލުމެކެވެ. ކާމިލްގެ ހަރުކަށި އަޑު އަހަރެންގެ ގައިން ހީބިހި ނަގުވާލި އެވެ. 

"ޔެސް..! ޝީ އިޒް އަ **!" ޒާޔާއަށް ނިސްބަތްކޮށް ކާމިލްބުނެލި ހުތުރުނަން، އިކާންވެސް ތަކުރާރުކޮށްލި އެވެ. 

"އިނަފް!!!!" އީތަންގެ އަޑު މުޅި ގޭގައި ގުގުމާލި އެވެ. އަހަރެންގެ ދެ ލޯމަރައި ކަންފަތުގައި އަތް އެޅުނީ ބިރުންނެވެ. 

މިއީ އަޖައިބުން ފުރިގެންވާ ފިރިހެނެކެވެ. ފިޔަލެއްގެ ފަށަލަތައް ނޮޅާލާ ފަދައިން އީތަންގެ ގައިން އޭނާގެ މިޒާޖުތައް ނޮޅާލެވޭނެބާ އެވެ. އީތަން ދަސްކުރުމަކީ ޓިއުޝަން ނުނަގާކުއްޖަކު، އޯލެވެލް ނުވަތަ އޭވެލްއަށް ފިލާވަޅު ދަސްކުރުމަށްވުރެން ބުރަ މަސައްކަތެކެވެ. އަހަރެންނާއެކު އެކަހެރި ވަގުތު ހޭދަކުރާނަމަ އީތަންގެ  މިޒާޖަކީ މުޅިން އެހެން މީހެކެވެ. އެކުވެރިންނާއެކު ނަމަ އެއީވެސް އެހެންމީހެކެވެ. އޮފީހުގައި މުފައްޒަފުންގެ ކުރިމަތީގައިވެސް އެހެން މިޒާޖެކެވެ. ބިސްނަސް ޕާޓްނަރުންނަށް މުޅިން އެހެން އީތަން އެކެވެ. އަދި ފަހަކަށްއައިސް ފާހަގަމިކުރެވުނީ ޒާޔާގެ ހާޒިރުގައި އީތަންއަކީ މުޅިން އެހެން މީހެކެވެ. އެހެން ހުރިހައި ޕްލެޓްފޯމެއްގައި ފެންނަ އީތަންއާއި ޒާޔާގެ އީތަން މުޅިން ތަފާތެވެ. ޒާޔާގެ ކުރިމަތީގައި އަހަންނާއިމެދު އީތަން ކަންތައްކުރަނީ ހަސަދަވެރިޔަކު އޭނާގެ ދުޝްމަނަކާމެދުވެސް ކަންތައްނުކުރާނެ ފަދަ ނިކަމެތިކޮށެވެ. ސަބަބަކީ ކޮބައިބާ އެވެ. އަހަރެންގެ ސަބަބުން އީތަން ލަދުގަންނަނީބާ އެވެ. އަހަރެންގެ ނަމާއި އާއިލާއާއި ނިކަމެތިކަމުގެ ސަބަބުން އީތަން ލަދުގަންނަނީކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. 

ކުރެވުނު އިހްސާސްގައި ލިބުނު މާޔޫސްކަމާއެކު ދެއަތް މުށްކަވައިލެވުނެވެ. ކަންފަތުގައި ގުގުމާލީ އީތަންގެ އަޑެވެ.

'ރިދީގެ ރިޕްލޭސްމެންޓް..'

"އަހަރުމެންގެ ދިރިއުޅުމުގެ މުޅިން އައު ރިދީ..' 

ގައިން ހީބިހި ނެގި އެވެ. އާއެކެވެ! ފުދިއްޖެ އެވެ. އިތުރަކަށް ދެން ބޭނުމެއް ނޫނެވެ.. ފުދިއްޖެ އެވެ! އެކަމަކު މިވަގުތު ރޯކަށް ބޭނުމެއް ނޫނެވެ. އަހަރެންގެ ކަރުނައަކީ އަހަރެންގެ ބަލިފަޔެއް ނޫނެވެ. މިފަދަ މީހެއްގެ ކުރިމަތީގައި ރުއިމުގެ ބޭނުމެއް ނެތެވެ. އެސްފިޔަތަކުގެ ހިތްވަރު މިވަގުތު އަހަރެން ބޭނުމެވެ. އީތަން މުހައްމަދު މަނިކުގެ ގޮތްނޭގޭ މިޒާޖާއި މި ހަރުކަށިކަން އަހަންނަކަށް ދެން ތަހަންމަލެއް ނުކުރެވޭނެ އެވެ. ނިމުން އަންނާންޖެހެ އެވެ. ރެއާދުވާލުން އޭނާ ހިތަށްއަރާ ކޮންމެ ވަގުތަކު އަހަރެންގެ ހިތުން ލޭހިލުވާލުމުގެ ފުރުސަތު ދެން ނުދެވޭނެ އެވެ. 

ލިބުނު ޝޮކްގައި އެންމެންގެ ބެލުންތައް އެ އަންހެންކުއްޖާއަށް އަމާޒުވެފައިވުމުން އެތަނުން އަހަރެން ދެމިގަތީމެވެ. ކެތް ނުވެގެންނެވެ. 

މަޑުކުރެވުނީ ކޮންތާކުކަމެއް ނޭގެއެވެ. ފާރެއްގައި ބުރަކަށިޖެހުމުން ކޭއްތެމުން ތިރިވީމެވެ. ކަކުލުގައި ދެއަތުން ބައްދާފައި ހަށިގަނޑު ބޮނޑިކޮށްލީމެވެ. ހަށިގަނޑުގައި އެއްވެސް އިހްސާސެއް ނެތެވެ. މުޅި މީހާ އައްސިވެއްޖެ އެވެ. ވަމުންދިޔަގޮތެއް ދެނެގަންނާނެ ހިތްވަރެއް ނެތެވެ. އަހަރެންގެ ދުނިޔެ އަނދިރިވެއްޖެ އެވެ. 

ފަރިތަ ދެއަތަކުން އަހަރެންގެ ގައިގައި ފިރުމާލި އެވެ. އަދި އެމީހެއްގެ ގަޔާއި އަހަރެން ގާތްކޮށްލި އެވެ. ސެންޓުގެ ވަހުން އެމީހަކު އަހަރެން ދެނެގަތީމެވެ. އެއީ އިކާން އެވެ. 

"އިޓްސް އޯކޭ..! އިޓްސް އޯކޭ ރިދީ..! ތިވަރުގެ ވޭނެއް އުފުލަން އެކަށީގެންވާ މީހެއްތަ އެއީ..؟ އެމީހަކާހެދި ރިދީގެ އަމިއްލަ ނަފުސަށް ތިވަރުގެ އަނިޔާއެއްދޭ ވަރުގެ މީހެއްތަ އެއީ..؟" ނަފްރަތާއެކު އަހަރެންގެ ކަންފަތްކައިރީގައި އިކާން ބުނެލި އެވެ. އިހްތިޔާރަކާއި ނުލައި އިކާންގައިގައި ނުހަނު ބާރަށް ބައްދާލެވުނެވެ. މިވަގުތު އެ އޯގާތެރިކަން އަހަރެން ނުހަނު ބޭނުމެވެ. އިކާންއަކީ އަހަންނަށްޓަކައި ﷲގެ ރަހްމަތެކެވެ. އަލްހަމްދު ލިއްﷲ އެވެ. 

"އައެމް އޯކޭ.." އުނދަގޫ ނޭވާޔަކާއެކު އަހަރެން ބުނެލީމެވެ. 

ކުރިއަށްވުރެން ބާރަށް އިކާންގެ އަތުތެރޭގައި އަހަރެން ބޮނޑިކޮށްލި އެވެ.  އިކާންގެ ހިމާޔަތުގައި އަހަރެން ރައްކާތެރިކަމާއެކު ހިމޭންވެލީމެވެ. އެއަތުގެ ތެރޭގައި އަހަންނަށް އޮތީ އަމާންކަމެވެ. އަހަރެންގެ ބޮލުގެ އިސްތަށިގަނޑުގައި އިކާން ބޮސްދިނެވެ. އަހަރެންގެ ހިތުގައި އިކާންއަށްޓަކައި ވިންދެން ނުޖަހަނީ ކީއްވެބާ އެވެ؟ އަބަދުވެސް 'ނުބައި މީހާ'ދެކެ ލޯބިވެވެނީ ކީއްވެބާ އެވެ؟ އިކާންފަދައިން އަހަންނަށް އިހްތިރާމްކުރާ މީހަކަށް މި ހިތް ނުދެވުނީ ކީއްވެ ހެއްޔެވެ؟ 

ފަސްމިނެޓެއްހާއިރު ފަހުން އިކާންގެ އަތުތެރެއިން އަހަރެން ނިކުތީމެވެ. އަދި އިހްތިރާމާއެކު ހިނިތުންވީމެވެ. މިލިޔަން ޑޮލަރުގެ ހިނިތުންވުމަކާއެކު އިކާން އަހަރެންގެ ހިތް އުފަކޮށްދިމެވެ. 

ހަމައެވަގުތު އަހަރެންގެ ފޯނަށް ނޮޓިފިކޭޝަނެއް ލިބުމުން ބަލައިލީމެވެ. ދެލޯ ބޮޑުވެ އާޝޯހްވި އެވެ. އުފެދުނީ ސުވާލުތަކެކެވެ. 

މިއޮތް ހުރިހައި ޒަމާނު ނުކުރިކަމެއް ކުއްލިޔަކަށް އެކުރީ ކީއްވެބާއެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް