
ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
ހިތަށް އެރުމުން ލޯބިދެ އެވެ. ހިތަށް އެރުމުން ރޮއްވާލަ އެވެ. ބުނާނެ އެއްޗެއް، ހަދާނެ ގޮތެއް ނުވިސްނުނެވެ. ކުރިމަތީގައި މިހުރި ދިގުބޮޑު ޖިރާފް އަހަރެން މޮޔަކޮށްލާންވެސް ފަސްނުޖެހޭނެކަން ކަށަވަރެވެ.
"އީތަން..! އިޓްސް ޖަސްޓް އަ އިޔަރ..!" ހިތުގައި ހިލަގަނޑެއް ބާއްވާފައި އަހަރެން ބުނެލީމެވެ.
"އިޓްސް އަ 'އިޔަރ' ރިދީ..!" އިނގިލީގެ އިޝާރާތުން ކޮމާކޯޅި ދައްކާލާފައި އީތަން ބުނެލީ ނުރުހުމާއެކު އެވެ.
"ދެން އަހަރެން ހަދަންވީ ގޮތެއް އީތަން ބުނެބަލަ..!" ދުނިޔޭގެ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން އަހަރެންގެ އިހްސާސްތައް ތެޅިފޮޅެނީ އެވެ. ހިތުގެ ރިހުން ބުނެދޭކަށް ބޭނުމެއް ނޫނެވެ.
"ޑޯންޓް ގޯ ޕްލީޒް..!" ކުޑަދަރިއަކު ދޫކޮށްފައި، މަންމައަކު ވަކިވާން އުޅޭފަދަ އިހްސާސަކުން އީތަން އާދޭސްކޮށްލި އެވެ.
އަހަރެންގެ ހިތް ރޮނީ އެވެ. އައްޑޫއަށް ނުގޮސް ވާކަށްނެތެވެ. އަހަރެންގެ އަމިއްލަ މައްސަލަތަކުގެ ތެރޭގައި ޝާމިލްކުރެވޭނެ އެހެން މީހަކު އަހަންނަށްޓަކައި މި އުޑުދަށުގައި ނެތެވެ. ކުރަންޖެހިފައި އޮތީ ފަސޭހަ ދަތުރެއް ނޫނެވެ. އަޑިގުޑަންބޮޑު ރާސްތާގައި ދަތުރުކުރާން މިޖެހެނީ އަހަރެން އެކަނިމާއެކަންޏެވެ. އެކަމުގައި އީތަން ޝާމިލްކުރުމަކީ އަހަރެންގެ ޒަމީރު އެއްބަސްކުރުވޭނެ ކަމެއް ނޫނެވެ.
"އަހަރެން ނުގޮސް ވާކަށް ނ..." އަހަރެންގެ ދުލުން އިތުރަށް އެންމެ ލަފުޒެއް ބުނުމުގެ ހުއްދަދިނުމަށްވެސް އީތަން ބޭނުމެއް ނުވި އެވެ.
މާޔޫސްކަމާއެކު އީތަން މޫނުގައި ދެއަތްއަޅާއި މޫނު ފޮރުވާލިގޮތުން އަހަރެންގެ ހިތް މޯޅިކޮށްލި އެވެ. އަހަރެނން ހުރި ފިޔަވަޅުމަތީން އީތަންގެ މަންޒިލަށް މިސްރާބުޖެހުނު އިރެއްވެސް ނޭގެ އެވެ. ވާނުވާ އެނގުނީ ނުހަނު ބާރަށް ލުއްކިއެއްޖަހާފައި އަހަރެންގެ ހަށިގަނޑު ގެނެސް، އީތަންގެ ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލުމުންނެވެ.
ދެ ލޯ ބޮޑުވެ ހިތް ހުއްޓުނީކަމެއް ނުވަތަ ތޫނު ހަންޖަރަކުން ހިތުގައި ދަމައިލީކަމެއް ނޭގުނެވެ. އިހްސާސްވި ތޫނު ތަދާއެކު އަހަރެންގެ ގައިގައި ހުރި ބާރެއްލާފައި އީތަން ކޮށްޕާލީމެވެ. ދެ އަތް ތުރުތުރުއަޅަނީ ކޮން ސަބަބަކާހުރެކަން ދެނެގަންނާކަށް ވަގުތެއް ނެތެވެ.
ހައިރާންވެ ހުއްޓުންއެރި އީތަންގެ ފިޔަވަޅުގައި ޑަންލޮޕް ލެވިފައިވާ ފަދަ އެވެ. އަހަރެންގެ ކުއްލި ހަރަކާތާއއެކު ލިބުނު ޝޮކްގައި އީތަންހުރީ ހުއްޓުން އަރާފަ އެވެ. ދެ ލޮލުން ފެންނަމުންދިޔައީ ފުނިޖެހިފައިވާ ސުވާލުތަކެވެ. ރޫއަރުވާލާފައިވާ ނިއްކުރީގެ މަންޒަރަށް އަހަރެންގެ ދެ ލޯ ފަރިތައެއް ނޫނެވެ.
ފަހަތަށް ފިޔަވަޅު އަޅަމުންގޮސް، އަހަރެންގެ ހަށިގަނޑު ލައްވީ ފާރުގަ އެވެ. އެ ފާރުގައި ބުރަކަށި ކާއްތަމުން، ހުރިފިޔަވަޅުމައްޗަށް ވެއްޓިގަނެވުނެވެ. މުޅި ހަށިގަނޑު ވަށްކޮށްލާފައި ދެކަކުލުގައި ބާރަށް ބެއްދީމެވެ. އަހަރެންގެ ސިކުނޑި ދައްކަމުންދިޔަ މަންޒަރުގެ ފީތާ އޮޅެމުންދިޔަ މިސްރާބެއް ނުވަތަ އެ ފީތާގެ ތެރެއިން ފެންނަމުންދިޔަ ކުލަތަކާއި އެ އަމަލުތަކަކީ އެހެންމީހަކަށް އިހްސާސްކުރެވޭނެ ނުވަތަ ބަޔާންކުރެވޭނެ ކަންކަމެއް ނޫނެވެ. އަހަރެންގެ ހަޔާތުން އެ ލައްގަނޑު ދުވަހަކުވެސް ފޮހެވިގެން ނުދާނެކަމުގެ ނުރައްކާތެރި ރަނގަބީލު އަހަރެންގެ ކަންފަތުން އިވެންފަށައިފި އެވެ.
ނަގަމުންދިޔަ ގަދަ ދިލައިގެ ތެރެއިން އެސްފިޔަތައް ލައްޕައި ފިއްތާލީމެވެ. ފެނުނީ އީތަންގެ އަތުގެ ތެރޭގައި ބޮނޑިކޮށްލާފައި ހުރި ޒާޔާ އެވެ. އޭނާގެ ބުރަކަށީގައި އީތަންގެ ދެއަތުން، ހުރަހެއް ނެތި އަދި ޖެހިލުމެއްނެތި ފިރުމަމުންދިޔަ މަންޒަރެވެ. އެކަކު އަނެކަކުގެ ހަށިގަނޑުން އުފާހޯދުމަށް ހަށިގަނޑުގައި އަތް ބީއްސަމުންދިޔަ ހުތުރު އަމަލެވެ. އިހުނަށްވުރެން ބާރަށް އީތަންގެ ހަށިގަނޑުގައި ޒާޔާ ތަތްކުރެވޭތޯ އޭނާ ކުރި މަސައްކަތެވެ.
އެކަކު އަނެކަކުގެ އަތުތެރެއިން ނިކުތުމާއެކު އީތަންގެ ލޮބުވެތި ހަރަކާތަކުން ޒާޔާގެ ދެ ކޮނޑުން ފެށިގެން ފިރުމަމުންއައިސް، އެ ދޮން ދެއަތުގެ އިނގިލިތަކުގެ ތެރެއަށް އީތަންގެ އިނގިލިތައް މަހައިލި މަންޒަރެވެ. ފަހަރަކު މީހަކު އަތް ގެނެސް، ތުންފަތާއި ގާތްކޮށްލުމަށްފަހު، އެ އަތުގައި ކިސްކޮށްލި މަންޒަރެވެ.
އަހަރެންނާއިމެދު ސުވާލު އުފެއްދުމުން އީތަން ހެދި ބޮޑު ދޮގު އަހަރެންގެ ކަންފަތް ބިރުވެރިކޮށްފި އެވެ. ފަހަރަކަށްވުރެން ފަހަރެއް، ލޯތްބާއި އިޝްގުން ފުރިގެންވީ ބީހުންތަކާއެކު ޒާޔާ ގެނެސް އީތަންގެ އަތުތެރޭގައި ބޮނޑިކޮށްލި ގޮތެވެ. ހުރިހައި މަންޒަރެއް ފެނިއްޖެ އެވެ. އަނިޔާވެރި ހަރަކާތްތަކުން އަހަރެންގެ ހިތާއި ނަފުސު، ފުރާނައާއި ވަކިކޮށްފި އެވެ.
އަހަރެންގެ ދެ ލޯ މަރައި ތަގުޅިކުރީމެވެ. ދެ ކަންފަތުގައި ބާރަށް އަތްއެޅީމެވެ. އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލާފައި އަތުގެތެރޭގައި އިސްތަށިގަނޑު އޮޅައިލީމެވެ. ތަދެއް އިހްސާސެއް ނުވި އެވެ. އަހަރެންގެ މުޅި ހަށިގަނޑު އައްސިވެއްޖެ އެވެ. މިއީ ކޮންފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތެއް ހެއްޔެވެ؟ އިޝްގީ ވޭނަށް ވެކްސިނެއް އުފައްދާފައިވާނަމަ، އެންމެކުރީން އެއިގެ ފަހަތުން ދުވާނީ އަހަންނެވެ. މި ރިހުމަކަށް، މި އިހްސާސްތަކަކަށް ކެތެއްނުވާނެ އެވެ. މިއީ ވޭންދެނިވި، ކެކުޅުންތަކެކެވެ.
އީތަންގެ ސޫރައިން ފެނުނީ، ރަހްމެއް ނެތް ބޭވަފާތެރިކަމެވެ. އެކަމަކު ހިތް ބިރުގަންނަވާލީ ނުރައްކާތެރި ސުވާލެކެވެ. އަހަރެންގެ ހިތްފުރި ބަންޑުންދާވަރަށް އީތަންއަށްޓަކައި ލޯބި ފުނިޖަހާފައިވިޔަސް، އީތަންގެ ހިތުގައި އަހަރެންގެ ނަމުން އެންމެ ވިންދެއްވެސް ނުޖެހުމުގެ ޒިންމާ، އީތަން ނަގަންޖެހޭނެތޯ ނުވަތަ ނޫންތޯ އެވެ؟ ނޫނެވެ!
ސީދާ ނުވަތަ ނުސީދާގޮތުންވެސް އަހަންނަށް ދުވަހަކުވެސް ލޯބީގެ ސިގުނަލެއް އީތަން ދީފައެއް ނެތެވެ. ކުށްވެރިޔަކީ ހަމައެކަނި އަހަރެންނެވެ. އަހަރެންގެ ގައިގައި އީތަން އަތްލާން ނުވަތަ ބައްދާލަން ހުއްދަ ނުދެވުމުގެ ހަގީގަތެއް ނުވިސްނުނެވެ. ޔަގީންވަނީ އެންމެ ކަމެކެވެ. މިހިތް އޮތީ އީތަންއަށްޓަކައި ލޯބިން ބަރާވެފަ އެވެ. އީތަންގެ ލޯތްބަކީ އަދި އޭނާގެ ދުނިޔެއަކީ އޭނާގެ ލޯތްބެވެ. މާޒީގައި ނުލިބި، ފުރިހަމަނުކުރެވުނު 'އައިބު ލޯތްބެކެވެ'! އެއީ ގޮތް ނޭގޭ އުމަގުވެފައިވާ ފާރުގަޑެކެވެ. ދުވަހަކުވެސް ފަސޭހަވުމެއް ނެތް އީތަންގެ ޒަހަމެއްގެ ގޮތުގަ އެވެ. އީތަން މަސައްކަތް އެކުރަނީ އޭނާގެ 'އަދޫރީ ކަހާނީ' ފުރިހަމަކުރެވޭތޯ އެވެ! އެ ދިރިއުޅުމުގައި އަހަންނަކަށް ޖާގައެއް ނެތެވެ. އަހަންނަކީ އެހެންމީހުންގެ ޖާގައިގެ ތެރެއަށް ފެތިގަންނަށް ދަސްކޮށްފައިވާ މީހެއް ނޫނެވެ.
އަހަރެންގެ އިޒުނައެއް ހޯދުމެއްނެތި އީތަންގެ ދެއަތުގެ ތެރޭގައި، އަހަރެންގެ ހަށިގަނޑު ހޫނުކުރި އަދަދު ބުނާކަށް ނޭގެ އެވެ. އީތަން ބޭނުންވި ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި އޭނާ އެކަން ކުރި އެވެ. އަހަރެން އިންކާރެއް ނުކުރަމެވެ. ސަބަބު ނޭގުނު މާޒީއެއް އޮތަސް، އަހަރެންގެ ހިތް އެ އިހްސާސާއި އެ ސަބަބަށް މިއަދު އިންކާރުކޮށްފި އެވެ. ރޭގެ ވާހަކަ ދެއްކުމެއް ނެތެވެ! ސާފު ގުޅުމެއް ނެތަސް، ނަމެއް ދެވިފައިނުވާ ކޮންމެވެސް ގުޅުމެއް އަހަރުމެންގެ ދެމެދުގައި އެބަ އޮތެވެ!
އަހަރެންގެ އެންމެބޮޑު ބަލިކަށިކަމަކީ އީތަން އެވެ. އީތަންއަށްޓަކައި އަހަރެންގެ ފުރާނައިގައި ޖަހަމުންދާ ވިންދެވެ. އޭނާއާއި ދުރުގައި ހުންނަށް މިހިތެއް ދުވަހަކުވެސް އެއްބަހެއް ނުވާނެ އެވެ. އެކަމަކު ސިކުނޑި އިންޒާރުކޮށްފި އެވެ. ވެވުނު އަރާރުމުގގައި ކުރި ހޯދީ އަހަރެންގެ ފަހުރުވެރި ތަނަވަސް ސިކުނޑި އެވެ.
ފެންނަމުންދިޔަ ހަގީގަތަށް އިންކާރުކޮށް މިދެމެދުގައި ހުރިހައި ކަމެއް ރަގަޅުކަމަށް ސިކުނޑިއަށް ވިސްނައިދޭނެ ބާރެއް ނަފުސުގައި މިއަދަކު ނެތެވެ. އަހަރެންގެ ގައިގައި އީތަން ބީހޭކަށް ހުއްދައެއް ނުދެވުނެވެ. ދެމީހުން ދުރުގައި ތިބުމަކީވެސް ފަސޭހަކަމަކކަށް ނުވާނެކަން އަހަރުމެން ދެމީހުންގެ ހިއްސުތައް ގަބޫލުކުރާނެ އެވެ.
"ރިދީ" އަހަރެންގެ ކޮނޑުގައި އަތް ބާއްވާލާފައި މަޑުމަޑުން އީތަން ގޮވައިލި އެވެ.
އިހްތިޔާރަކާއި ނުލައި، އަހަރެންގެ ކޮނޑުން އެ އަތް ފޮޅާލެވުނެވެ. އަދި ކުރިއަށްވުރެން ފާރާއި ގާތަށް ޖެހިލެވުނެވެ. ހިތްބުނަނީ އީތަންއާއި ދުރަށް އެންމެ އިންޗިއެއްވެސް ޖެހިނުލުމަށެވެ. އެކަމަކު ސިކުނޑި އެދެނީ އެ ސޫރަވެސް އަހަރެންގެ ކުރިމަތީން ނުފެންނާނެ ހިސާބަކަށް ވީ އެންމެ އަވަހަކަށް ދަތުރު ފެށުމަށެވެ. ހިތާއި ސިކުނޑީގެ އަރާރުމުގައި އިހްތިޔާރަކާއި ނުލައި އަހަރެން އީތަންއާއި ދުރަށްދާ މަންޒަރު ވަރަށް ސާފުކޮށް ފެނިއްޖެ އެވެ.
އަހަރެންގެ ދެ ލޯ ރޮނީކަމެއް އަދި ގިސްލަނީކަމެއް ނުވެސް ދެނަހުރީމެވެ. އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފަހަށްޓާލާފައި ނުހަނު ފަރުވާތެރިކަމާއެކު އީތަންގެ އިނގިލިތަކުން އަހަރެންގެ ކަރުނަ ސާފުކުރަންފެށި އެވެ. ކަރުނައިގެ ތެރެއިން ނުސާފުކޮށް ފެނުނީ އީތަންގެ ކޯތާފަތް ހުރަސްކުރި ކަރުނައިގެ ކޯރެވެ. އެއީ އަހަރެންގެ ހަލާކުކަމާއި އަހަރެންގެ އެންމެ ބަލި ފަޔަކީ، އީތަންގެ ކަރުނަކަން ރަސްމީކޮށް ކަނޑައެޅި ނިމުނީ އެވެ.
ރަތްވެފައިވާ ދެލޮލަށް ބަލައިލެވުމާއެކު އަހަރެންގެ ދަތްދޮޅި ތުރުތުރު އަޅުވާލާފައި ރޯންފެށުނެވެ. އީތަންގެ ހީލަތްތެރި ހަރަކާތާއެކު އަހަރެންގެ މޮޔަ ހަށިގަނޑުގެނެސް އޭނާގެ އަތުތެރޭގައި ބޮނޑިކޮށްލި އެވެ. ކުރެވުނު ހުރިހައި ޝަކުވާއަކާއި ސުމާރެއް ނެތްވަރަށް ކިޔުނު ހުރިހައި އެއްޗެއް ވިއްސިވިހާލިވެއްޖެ އެވެ. އަމިއްލަ އިހްތިޔާރުގައި، އީތަންގެ މޭގައި އަހަރެން ބޯއަޅައިލީމެވެ.
އަހަރެންގެ ކަރުނައަށް އީތަންގެ ސުވާލެއް ނެތެވެ. ދެލޮލުން ފެން ހުސްވަންދެން ރޯން ފުރުސަތު ދިނެވެ. އަހަރެންގެ ދުލުން އުއްފުވެސް ނުބުނަމެވެ. އީތަންގެ ދުލުން އެންމެ ލަފްޒެއްވެސް ނުނިކުތެވެ. ދެމީހުންގެ ލޯ، މޫސުމުގެ އާ ވިއްސާރައިގެ ސަބަބުން ދޮވެވިފައިވާ ފުރިހަމަ އުފެއްދުމެއްގެ ގޮތުގައި އެތައް ބަޔަކު ސިފަކުރާނެހައި ފުރިހަމަ އެވެ.
އެތައް އިރެއްވުމުން ދެމީހުންގެ ރުއިން ހުއްޓިއްޖެ އެވެ. މެއަށް ފަސޭހަވެއްޖެ އެވެ. ސިކުނޑިއަށް ލުއިވެއްޖެ އެވެ.
"އައެމް ސޮރީ..!" މައާފަށް އެދުމަކީ އަހަންނަށް ނުހަނު ފަސޭހަކަމެކެވެ.
އީތަންގެ އަތުތެރެއިން އަހަރެންގެ ބޯ ދިއްކޮށްލާފައި އެ ތަނަވަސް މޫނަށް ބަލައިލީމެވެ. ބަދަލުގައި އީތަން ހަދދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އެފަދަ ހީލުމަކަށް ފިދާވުމަށް ތައްޔާރު ކިތަންމެ ކުއްޖަކު މި އުޑުދަށުގައިވާނެކަން ޔަގީނެވެ.
"އާރ ޔޫ އޯކޭ..؟ ހޭވް އައި ޑަން އެނީތިންގ ރޯންގް..؟" ފިކުރެއް ހިޔާލެއްނެތި އޭނާ ސުވާލުކޮށްލި އެވެ.
'އެވްރިތިންގ..!' ބުނަން ބޭނުންވި އެވެ.
ޖަވާބު ވަގުތުން ދުލަށް އައެވެ. ނަމަވެސް ތަޅުއެޅުވީމެވެ.
"ނަތިންގ" އަޑުއަހަން އެންމެ ބޭނުންވާނެހެންހީވާ ޖަވާބު ދިނީމެވެ.
"އަރ ޔޫ ސްޓިލް އަޕްސެޓް ވިތް މީ..؟" އުއްމީދާއެކު ސުވާލުކޮށްލި އެވެ.
'ޔެސް..!' ހަރުއަޑުން ބުނަން ބޭނުމެވެ.
"ނޯ" އަހަރެންގެ ޖަވާބު ދިނީމެވެ.
"މިވަގުތު އަހަރެން ދާން އެބަޖެހޭ..!" ކިރިޔަކިރިޔާ އަޑުއިވޭނީވޭ ވަރަށް އީތަން ބުންޏެވެ.
"ބޭނުންވީމަ ދާންވީ! ބޭނުންވީމަ އަންނަންވީ!" އަހަރެންގެ ދުލުން ބުނެލިއަޑު އިވުނެވެ. އަހަރެންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. އެވަރުގެ ޖަވާބެއް މިފަދަވަގުތެއްގައި ބުނެވުނީތީ އެވެ.
އީތަންގެ މެއާއި އަހަރެންގެ ބުރަކަށި ދިމާވާގޮތަށް އަނބުރާލާފައި ބައްދާލި އެވެ. އަދި އަހަރެންގެ ކޯތާފަތުގައި އީތަންގެ ހިތްގައިމު ތުނބުޅިއާއި މަތިމަސް، ބީއްސާލާފައި މަޑުމަޑު ތުންފަތުން ކޮލުގައި ލޯބިކޮށްލި އެވެ.
"އައެމް ޖަސްޓް ސޯ ސޮރީ..!" ނުހަނު މަޑުމަޑުން ބުނެލި އެވެ.
އިންތަނުން އީތަން ތެދުވީ އޭނާގެ ދެއަތްމަތީގައި އަހަރެން އުފުލާލައިގެންނެވެ. ކަނދުރާގައި ދެއަތް އަޅުވާލާފައި ބައްދާލަން އަހަރެންގެ ހިތް މަޖުބޫރުކުރުމުން އެ އިހްސާސްތަކަށް ކިޔަމަންވި އެވެ.
"ކޮންމެވެސް މީހަކު ސޮރީ އޭ ބުނެލިހެން ހީވި..! ރަގަޅަށްތަ އަޑު އެ އިވުނީ..؟" ނުސީދާކޮށް ސަމާސާކޮށްލާފަދަ ގޮތަކަށް އަހަރެން ބުނެލީ ނުހަނު މަޑުމަޑުންނެވެ. އީތަންގެ ސޮރީއަކީ ފަރުބަދައަކުން ހިލަކެނޑުންފަދަ ކަމެކެވެ.
"ތި ޒާތުގެ އެއްވެސް އެއްޗެއް އަހަރެން ނުބުނަން.. ތިއީ ކޮންމެވެސް އެހެން ދިމާއަކުން އައި އަޑެއްކަމަށްވާނީ..!" އަހަރެންގެ ޖުމުލައިގެ ރާގުގައި އީތަން ސަމާސާކޮށްލި އެވެ. އީތަންގެ ރަގަޅު ސިފަތަކުގެ ތެރެއިން އެއީ އަހަންނަށް އެންމެ ކަމުދާ އެއްސިފަ އެވެ. އޭނާގެ ސަމާސާ މިޒާޖެވެ.
އަތްދަނޑިމަތީގައި އުފުލާލައިގެން އަހަރެން ގެނެސް އީތަން ބެހެއްޓީ، އެނދުކައިރީގަ އެވެ. އަތުގައި އޮތް ޓައީ އަހަރެންގެ ކަރުގެ ފަހަތުންގެނެސް ކޮނޑުގައި އަޅުވާލި އެވެ. އުނަގަނޑުގައި ދެފަރާތުން ހިފަހައްޓާލާފައި ގާތްކޮށްލި ގޮތުން އަހަރެންގެ ފައިގެ އިނގިލިތަކުގެ ކޮޅުޖައްސާފައި ސީދާވެލީމެވެ. ނުހަނު ލޯބިން އަހަރެންގެ އިސްތަށިގަނޑާއި ކުޅެލި އެވެ. އަދި ކަންފަތްބުޑުން ފެށިގެން ކަނދުރާގައި އީތަންގެ ތުންބުޅި ބީއްސާލާފައި ލޯބިކޮށްލި އެވެ.
"ލެޓްސް ގޯ..!" ނުހަނު މަޑުމަޑުން އޭނާ ބުނެލި އެވެ.
'ޑޯންޓް ގޯ!' އަހަރެންގެ ހިތް ބުނެލި އެވެ. އެއަޑެއް ބޭރެއް ނުވި އެވެ.
"ލެޓްސް ގޯ!" އީތަންގެ ޖުމުލަ އަހަރެން ތަކުރާރުކޮށްލީ މިފަހަރު ސިކުނޑި ކާމިޔާބު ހޯދީތީ އެވެ.
.................
އަހަރެންގެ އެކުވެރިން ސިޓިންގރޫމްގައި ތިއްބެވެ. ގައިސަރްއާއި އަންޔާ ސޯފާގައި ގުޅައަކަށް ތިއްބެވެ. ނަޔާރާ އިނީ ވަކި ސޯފާއެއްގަ އެވެ. އިކާން އައީ ކޮން އިރަކުކަމެއް ނޭގެ އެވެ. އީތަންއާއެކު އަހަރެން ސިޓިންގރޫމަށް އައިއިރު ކޮންމެވެސް ކަމަކާއިބެހޭގގޮތުން، އިކާން އާއި ކާމިލްގެ ދެމެދު ކުޑަވަރެއްގެ ޒުވާބެއް ކުރިއަށްދިޔަ އެވެ. (ނުނިމޭ)