މެޒޯ މޯޑްގެ ނަމުން މަޝްހޫރު މުހައްމަދު މާޖިދު ނިޔާވީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.
އުމުރުން 59 އަހަރުގެ މެޒޯ މޯޑްގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މައްޔިތާއަށް ޒިޔާރަތްކުރުމާއި މޫނު ދެއްކުން އޮންނާނީ މެންދުރު 13:00 އިން ފެށިގެންނެވެ.
މެޒޯ މޯޑަކީ މިއުޒިކީ ދާއިރާގައި 48 އަހަރު ހޭދަކުރި ފަންނާނެކެވެ. ނުވަދިހައިގެ އަހަރުތަކުގައި "މެޒޯ" ބޭންޑާއެކު އެތައް މަގުބޫލު ލަވައެއް ނެރުއްވި މެޒޯ މޯޑަށް ވަނީ 2010 ވަނަ އަހަރު މިއުޒިކީ ދާއިރާއިން ގައުމީ އިނާމު ލިބިލައްވާފައެވެ.
"ވިސްނާ ވިސްނާ"، "ކަމަނަ ގޯތީ އާދަނުތާ"، "އަކިރި ދެމޭ" ފަދަ އެތައް ލަވައެއް މިއަދާ ހަމައަށްވެސް ދިވެހިންގެ މެދުގައި މަގުބޫލެވެ.