
ވަޒީރުންނާއި ސުވާލުކުރެވޭ އަހާ ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމާ ފެށި ފޯރަމެކެވެ. އެހެންނަމަވެސް މި ފޯރަމްގެ މިހާތަނަށް ބައްވާފައި ވަނީ ދެ ފަހަރެވެ. ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 25 ވަނަ ދުވަހުއެވެ. ދެވަނަ ފޯރަމް ބޭއްވީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 29 ވަނަދުވަހުގެ ރެއެވެ.
މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބު ދޭނެއެވެ.
މާދަމާރޭގެ ފޯރަމްގައި ބައިވެރިވާ ވަޒީރުން
- ޑރ އައިޝަތު ޝިހާމް / ޖެންޑަ މިނިސްޓަރު
- ޑރ. އަލީ ހައިދަރު އަހްމަދު/ ހަޔާ އެޑިއުކޭޝަން މިނިސްޓަރު
- ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / އިސްލާމިކް މިނިސްޓަރު
- މުހައްމަދު ސައީދު / އިކޮނޮމިކް މިނިސްޓަރު
- ތާރިގު އިބްރާހިމް / ޓްއަރިޒަމް އެންޑް އެންވަޔަމެންޓް މިނިސްޓަރު
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ގެންދާ މި ފޯރަމްގައި މާދަމާރޭ ބައިވެރިވާ ވަޒީރުންނާއި ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ސުވާލު ހުށައެޅުމަށް މިހާރު ވަނީ ފުރުސަޔު ހުޅުވާލާފައެވެ. އެސްއެމްއެސްކޮށް ސުވާލު ފޮނުވާނީ
AH (space) Suvaalu މިހެން ޖެހުމަށްފަހު 300 އެވެ.
ވަޒީރުންގެ ފޯރަމުގެ އިތުރުން ކޮންމެ ތިން މަހަކުން އެއް މަހު ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށްވެސް ހާއްސަ ފޯރަމެއް ރައީސް އޮފީހުން ފެށިއެވެ. އެހެންނަމަވެސް ރައީސް ބައިވެރިވަޑައިގެންނެވި މިހާތަނަށް ބޭއްވި އެންމެ ފޯރަމެކެވެ. އެ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހުއެވެ.